ޝިފާ މުހައްމަދު

ޑްރަގްގެ ބޮޑުން ދޫކުރީ ކުރީ ސަރުކާރުން: ޝިފާ

ޑްރަގް ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދު ކުރެވުނު ގިނަ މީހުން މިނިވަންކޮށް ދޫކޮށްލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ މާލޭގައި ފުޅާވެފައިވާ މިންވަރާމެދު ހައިރާންވާ ކަމަށް ބުނެ އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެމުންނެވެ. ފުލުހުން ވަނީ މި ޑިސެންބަރު މަހުގެ ތެރޭގައި މާލޭގެ ފަސް ގެއެއް ރެއިޑްކޮށް 37 މީހުން ހައްޔަރުކޮށްފައެވެ. އަދި ބައެއް ގޭގޭ ރެއިޑްކުރި އޮޕަރޭޝަން މީޑިއާތަކަށް ވަނީ ދައްކާލާފައެވެ.

ފުލުހުން ރެއިޑްކުރި ގޭގޭގައި މަސްތުވާތަކެތި ބޭނުން ކުރެވޭނެ ގޮތަށް ކަންކަން ވަނީ އިންތިޒާމުކޮށްފައެވެ. ވަރުގަދަ ސެކިއުރިޓީ އާއެކު ކެފޭ ހިންގާ އުސޫލުން އެތަންތަން ދިޔައީ ހިންގަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ބޮޑު ތުހުމަތެއް އަމާޒުކޮށް ޝިފާ ވިދާޅުވީ ޑްރަގް ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދު ކުރެވުނު ގިނަ މީހުން 2013 ވަނަ އަހަރު ވެރިކަމަށް އައި ބަޔަކު ވަނީ ދޫކޮށްލާފައި ކަމަށެވެ.

"އަދި ހަނދާން ނެތޭ ވަރެއް ނުވޭ." ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވިއެވެ.

ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.

"އަދި މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ފާހަގަކުރަން. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފާހަގަކުރަން. މި ގޮތުން މިހާތަނަށް ފަސް ގެއެއް ވަނީ ބަލާފާސް ކުރެވިފައި." ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ޑްރަގް ރެއިޑްގައި މިހާތަނަށް ބަލާފައިވާ ގެތައް

މ. ފެޝަންމީޑް
މ. ނަދީއިރުމަތީބައި
ހ. ވެލިރަންގެ
ގ. މެމޮރީވިލާ
މ. ލޮނުމިދިލިގެ

ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.