ދީނީ އިލްމުވެރިން

ހަރުކަށި ފިކުރެއް ނުފަތުރަން، ތާއީދެއްވެސް ނުކުރަން: މުހައްމަދު ހަސަން

ހަރުކަށި ފިކުރު ފެތުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާ ހަރުކަށި ފިކުރަށް ތާއީދުވެސް ނުކުރައްވާ ކަމަށް ސަސްޕެންޑްކޮށްފައިވާ ދީނީ އިލްމުވެރިޔާ ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން ވިދާޅުވެއްޖެ އެވެ.

މަކްތަބާ ސަލަފިއްޔާއިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މުހައްމަދު ހަސަން ވިދާޅުވީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބަޔަކު ބުނާނަމަ އެކަމުގެ ހުއްޖަތް ދައްކަން ޖެހޭނެ ކަމަށެވެ. މިހާތަނަށް ހަރުކަށި ފިކުރު ފެތުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ހަސަން ވިދާޅުވީ މިސްކިތްތަކުގައި މިހާތަނަށް ދީފައިވާ ދަރުސްތަކުގެ ވީޑިއޯތައް ފެންނަން ހުންނާނެ ކަމަށާ އެ ދަރުސްތަކުގައި ހަރުކަށި ފިކުރަށް ގޮވާލާފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކޮށްފައިވާނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ނިސްބަތްކޮށްފައި ހަރުކަށި ފިކުރު ފަތުރާ މީހެކޭ މިގޮތަށް ބުނާ ކަމަށްވާނަމަ ގެންނާށޭ ހުއްޖަތް. ޕްރެސްގައި ބަޔާންކުރެވުނު ފަދައިން އަގީދާގެ ފޮތްތައް އަޅުގަނޑުމެން ކިޔަވަދެނީ މިސްކިތްތަކުގައި، މިނިސްޓްރީން ހުއްދަ ނަގައިގެން. ގާތްގަނޑަކަށް 10 ވަރަކަށް ފޮތް މިހާރު ކިޔަވަދީފިން. އެ ފޮތްތަކުގެ ތެރޭގައި މި އުންމަތުގެ އަހުލުއްސުންނަވަޖަމާއަތުގެ އިމާމުގެ މި ލަގަބް ލިބިވަޑައިގެންފައިވާ އިމާމުންގެ ފޮތްތައްވާނެ ކިޔަވަދީފައި. އަޅުގަނޑުގެ ހަރުކަށި ފިކުރަނީ ކޮބައިތޯ." މުހައްމަދު ހަސަން ވިދާޅުވިއެވެ.

އަޅުގަނޑަށް ނިސްބަތްކޮށްފައި ހަރުކަށި ފިކުރު ފަތުރާ މީހެކޭ މިގޮތަށް ބުނާ ކަމަށްވާނަމަ ގެންނާށޭ ހުއްޖަތް. ޕްރެސްގައި ބަޔާންކުރެވުނު ފަދައިން އަގީދާގެ ފޮތްތައް އަޅުގަނޑުމެން ކިޔަވަދެނީ މިސްކިތްތަކުގައި، މިނިސްޓްރީން ހުއްދަ ނަގައިގެން. ގާތްގަނޑަކަށް 10 ވަރަކަށް ފޮތް މިހާރު ކިޔަވަދީފިން. އެ ފޮތްތަކުގެ ތެރޭގައި މި އުންމަތުގެ އަހުލުއްސުންނަވަޖަމާއަތުގެ އިމާމުގެ މި ލަގަބް ލިބިވަޑައިގެންފައިވާ އިމާމުންގެ ފޮތްތައްވާނެ ކިޔަވަދީފައި. އަޅުގަނޑުގެ ހަރުކަށި ފިކުރަނީ ކޮބައިތޯ
މުހައްމަދު ހަސަން | ދީނީ އިލްމުވެރިޔާ

މުހައްމަދު ހަސަން ވިދާޅުވީ އެ ބޭފުޅުން ހިންގަވާ މަކްތަބާ ސަލަފިއްޔާއިން އަދި އެ ޖަމާއަތަށް ނިސްބަތްވާ އެއްވެސް އިލްމުވެރިއަކު މިހާތަނަށް ހަރުކަށި ކަމަށް ގޮވާލާފައިނުވާނެ ކަމަށެވެ. އަދި ދަރުސްތަކުގައި އަމިއްލަ ވާހަކަތައް ގެނެސް، ދީނުގައި އޮތް ގޮތް އޮޅުވާލާ އަމިއްލަ ގޮތްތައް ބުނެދީފައިނުވާނެ ކަމަށެވެ.

މިހާތަނަށް މަކްތަބާ ސަލަފިއްޔާގެ ޓްވިޓާ އެކައުންޓުން އަދި ވެބްސައިޓުންވެސް ފެންނަން ހުންނާނީ މަޝްހޫރު ބޮޑެތި އިލްމުވެރިންގެ ވާހަކަތައް ކަމަށް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ތިއްބެވީ މަދީނާއިން ކިޔަވަދިން މަންހަޖުގެ މަތީގައި މުހައްމަދު ހަސަން ވިދާޅުވިއެވެ.

މަކްތަބާ ސަލަފިއްޔާގެ އިލްމުވެރިންނަކީ ދަރިން ސުކޫލަށް ފޮނުވުމަށް ދެކޮޅު ހަދާ ވެކްސިން ދިނުމަށް ދެކޮޅު ހަދާ ބައެއް ކަމަށް ދެކެވޭ ވާހަކަތައްވެސް މުހައްމަދު ހަސަން ވަނީ ދޮގުކޮށްފައެވެ. އަދި އެފަދަ ފިކުރުތަކުން ބަރީއަވެގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ މީހަކާ އިނދެގެން އުޅޭ، އަޅުގަނޑުގެ ތިން ކުދިން އެބަތިބި. އަޅުގަނޑުގެ ބޮޑުދަރި އަނަސް، އަޅުގަނޑުގެ ދެވަނައަށް ހުންނާނީ އެންމާބަނޑު ދެބެން، ޔޫނުސްއާއި އަސްމާއާ، މި ހުރިހާ ދަރިންނަށް ހުންނާނީ ވެކްސިން ދީފައި. އަޅުގަނޑަކީ ވެކްސިނާ ދެކޮޅަށް ވާހަކަދައްކާ މީހެއް ނޫން. އަޅުގަނޑުގެ ތިން ދަރިންވެސް ތިބޭނީ މަޖީދިއްޔާ ސުކޫލުގައި. މި ހުރިހާ ކަންތައްތަކަކީ [ވެކްސިން ނުދިނުމާއި ސުކޫލަށް ނުފޮނުވުން] އަހަރެމެން ބަރީއަވެގެންވާ ކަންތައްތައް. އެހެންވީމަ ހަރުކަށި ފިކުރު ނިސްބަތްކުރާށޭ އެ ފިކުރު ފަތުރާ އަހުލުވެރިންނަށް. ހަރުކަށި ފިކުރަކީ މުހައްމަދު ހަސަނާ، މުހައްމަދު ހަސަނާއެކު މިތިބަ މީހުން ދަންނަ އެއްޗެއް ނޫން. އަދި ކިޔެއް! އެއާ ދެކޮޅަށް މަސައްކަތް ކުރާ އަހުލުވެރިން." މުހައްމަދު ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަކްތަބާ ސަލަފިއްޔާގެ އިލްމުވެރިންނަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތާ ދެކޮޅު ބައެއް ކަމަށެވެ. އަދި މިހާތަނަށް ދީނީ ދައުވަތު ފަތުރާފައިވާނީ އެ ހަރުކަށި ޖަމާއަތާ ދެކޮޅަށް ކަމަށް ވިދާޅުވިއެވެ.

"މުޅި މި އުންމަތް އިއްތިފާގުވޭ އައިއެސްއައިއެސް ޖަމާއަތަކީ މިފަހުގެ ޒަމާންތަކުގައި ފާޅުވި އެންމެ ބޮޑު ނިރުބަވެރި [ޓެރަރިޒަމް] ހައްދުފަހަނައަޅާފައިވާ ފިކުރަން. މިއީ އަހަރެމެންގެ ދައުވަތަކީ. މިގޮތަށް ފާޅުކޮށްފައިވާ އެތައް ލިޔުންތަކެއް ބަސްތަކެއްވާނެ އަހަރެމެންގެ ވެބްސައިޓްގައި."

އިސްލާމިކް މިނިސްޓްރީން ދީނީ ތަގުރީރު ކުރުމާއި، ވައުޒު ބުނުމަށް ދީފައިވާ ހުއްދަތައް ހިފެހެއްޓިނަމަވެސް ގާނޫނީ ސަރުކާރަކާ ދެކޮޅަށް ފާޅުގައި ނިކުމެ ބަސް ނުބުނާނެ ކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުތުމަކީ އެ ބޭފުޅުންގެ ގަބޫލުކުރާ މަންހަޖުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ސަރުކާރަކުން ގޯސްކޮށް ކަމެއް ކުރާނަމަ އޮތީ ސިއްރިޔާތުގައި ހައްގުގައި ބަސް އެ ބަޔަކާ ހަމައަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ހުއްދަ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.