އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގައި އަނިޔާވެގެން އުމުރުން ދުވަސްވީ އަންހެނަކު ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އެހީވާން ނިންމައިފި އެވެ.
ޔަލަމްލަމް ޕްރއަިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ހާލު ބޮޑުވީ، ތ. ގުރައިދޫ ކީރަންމާގެ ހައްވާ އަލީ އެވެ. އޭނާއަށް އަނިޔާވީ މިމަހުގެ 16 ވަނަ ދުވަހުގެރޭ މަދީނާ އިން އައިސް ދެވަނަ އުމްރާގެ ސައުޔު ކުރުންވެސް ފުރިހަމަކޮށް ނިންމުމަށްފަހު ހޮޓަލަށް ދިޔުމަށް ހިނގައިގަތްތަނާ ސޮފާ މަރުވާ ތެރެއަށް ވެއްޓިގެން ކަމަށެވެ.
ހައްވާ އަލީ ވެއްޓުމާއެކު އެވަގުތު އޭނާ އާއި ހަވާލުވެގެންދިޔަ ޖަމާއަތުގެ ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއެކު މައްކާގައި ހުންނަ ނޫރު ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އޭނާގެ އުކުޅުވަޅުގައި ރެނދެއް ލާފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެޖަމާއަތުން ވަނީ ބުނެފަ އެވެ.
އެހެން ކަމުން އޭނާގެ ފައިގެ އޮޕަރޭޝަނެއް ވީހާވެސް އަވަހަކަށް ކުރުމަށް ޑޮކްޓަރުން ލަފާ ދިން ނަމަވެސް އެވަގުތު ހައްވާ އާއެކު އުމްރާގެ އަޅުކަމަށް ގޮސްތިބި އާއިލާގެ މީހުން ބޭނުންވީ ރާއްޖެ ގެނެސް ރާއްޖެއިން ބޭސްފަރުވާ ކުރުމަށް ކަމަށްވެސް ޖަމާއަތުން ބުނެ އެވެ.
ހައްވާ އަލީ ރާއްޖެ ގެނައުމަށް ރައްޔިތުންގެ އެހީތެރިކަމަށް އޭނާގެ އާއިލާއިން އެދިފައިވަނިކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއިން ސައުދި އަރަބިއްޔާ އަށް ކަނޑައަޅާފައިވާ ސަފީރު ހައްވާގެ އާއިލާ އާއި ބައްދަލު ކޮށްފައިވާ ކަމަށެވެ.
އަދި ހައްވާ އަލީ ރާއްޖެ ގެނައުމުގެ އިންތިޒާމްތައް އެ ޖަމާއަތާއި އާއިލާ އާއި ގުޅިގެން އެމްބަސީން ކުރަމުންދާ ކަމަށެވެ.