ހަބަރު

ވިސާ ނުނަގާ އުމްރާއަށް ދެވޭ ގޮތަށް ހަމަޖައްސައިފި

Feb 12, 2020
1

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށްދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭގޮތަށް ސައުދީ ސަރުކާރުން ނިންމާފައިވާކަން ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނުކުރެއްވި ގޮތުގައި ވިސާ ކުރިން ހޯދުމަކާ ނުލައި އުމްރާގެ އިތުރުން ޓޫރިސްޓުންގެ ގޮތުގައި ދިވެހިންނަށް ސައުދީއަށް އެތެރެވެވޭނެ ގޮތަށް ސައުދީ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް، ހައްޖުގެ އަޅުކަމަށާއި، ވިޔަފާރީގެ ބޭނުންތަކަށާއި، އަދި މަސައްކަތްތެރިންނަށް ސައުދީއަށް ދިޔުމަށް އަދިވެސް ވިސާ ނަގަންޖެހޭނެކަމަށް ޝާހިދު ހާމަކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ މިކަމަކީ ދިވެހި ރައްޔިތުން ވަރަށް އެދި އެދި ތިބި ކަމެއް. މިކަން މިގޮތަށް ހަމަޖެހިގެން ދިޔުމަކީ ސައުދީއަށް ދަތުރުކުރާ ދިވެހީންނަށް ވަރަށް ގިނަ ލުއިތަކެއް ލިބިގެންދާނެކަމެއް،" ޝާހިދު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ދެކުނު އޭޝިޔާއިން އޮން އެރައިވަލް ވިސާ ލިބޭގޮތަށް ސައުދީއަށް ދަތުރުކުރެވޭ ހަމައެކަނި ގައުމަށް ރާއްޖެ ވެގެންދިޔުމަކީ ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާމެދު އޮންނަ ގާތްގުޅުމުގެ އިތުރު ރަމްޒެއް ކަމަށެވެ.

"މިއީ ހާއްސަކޮށް ސައުދީ ރަސްގެފާނު ސަލްމާން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮންނަ ގާތް ގުޅުމާއި އެކުވެރިކަން އިތުރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް. އަދި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއާ ދެމެދު ބަހައްޓަވާގާތްކަން ދޭހަވާ ކަމެއް،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

މި އާ އުސޫލުގެ ދަށުން ސައުދީއަށް ދަތުރުކުރުމުގެ އޮންލައިންކޮށް ވިސާއަށް ހުށަހެޅުމުގެ އިތުރުން ސައުދީއަށް ދަތުރުކުރުމަށްފަހު އިމިގްރޭޝަނުން އޮން އެރައިވަލް ވިސާ ލިބޭގޮތަށް ހަމަޖެހިގެންދާނެ އެވެ.

އެ ގޮތުން، ސައުދީގެ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނަށް ވިސާއަށް ހެދި ހުށަހެޅޭނެ އިންތިޒާމްތައް ސައުދީ ސަރުކާރުން ހަމަޖައްސަމުންދާ ކަމަށާއި، އެކަން ވަރަށް އަވަހަށް ސައުދީ ސަރުކާރުން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

އުމްރާވެރިންނާއި ފަތުރުވެރިންނަށް އެއް މަސް ދުވަހުގެ ސިންގަލް އެންޓްރީ ވިސާއެއް ލިބޭއިރު، އެއް އަހަރުގެ ދުވަހުގެ ތެރޭގައި ޖުމްލަ 90 ދުވަހުގެ މުއްދަތަށް ސައުދީއަށް ދަތުރުކުރެވޭނޭ މަލްޓިޕަލް އެންޓްރީ ވިސާއެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިސިޓް ވިސާގެ ގޮތުގައި ދައްކަންޖެހޭ 440 ސައުދީ ރިޔާލް (107 އެމެރިކާ ޑޮލަރު) ކްރެޑިޓު ނޫނީ ޑެބިޓް ކާޑު މެދުވެރިކޮށް ދެއްކޭނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން، އީ-ވިސާ ނުވަތަ އޮން އެރައިވަލްގައި ވިސާ ފީ ދައްކަންޖެހޭނީވެސް ކްރެޑިޓު ނޫނީ ޑެބިޓް ކާޑު މެދުވެރިކޮށެވެ.

ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓް

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި ދިވެހި ޕާސްޕޯޓު ދެކުނު އޭޝިޔާގައިވެސް އެންމެ ބާރުގަދަ ޕާސްޕޯޓުގެ ޝަރަފުވެރި ލަގަބު ހޯދާފައިވާއިރު، ދުރާލާ ވިސާ ނެގުމެއްނެތި މިހާރު 84 ގައުމަށް ދަތުރުކުރެވޭނެ ކަމަށެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫއޭއީ، ރަޝިޔާ، މޮރޮކޯ އަދި ތާއިލަންޑަށްވެސް ވިސާ ނެތި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

އެގޮތުން ދިވެހިންނަށް ލިބޭ މިފަދަ އިނާޔަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށާއި ބޭރު ގައުމުތަކަށް ދިވެހިން އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވައިދުތަކަށް އިހުތިރާމްކޮށް ބޯލެނބުމަށް މިނިސްޓަރު މިއަދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.