ކޮވިޑްގެ ހާލަތުގައި ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.
ފޮރިން މިނިސްޓްރީން ދެންމެ ބުނީ ކޮވިޑްގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި ސަޢޫދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ދެ ގައުމުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
މި ހާލަތުގައި ދިވެހި ރައްޔިތުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލެއްވެސް ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އެ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހަދަން ޖެހެއެވެ. އަދި ރާއްޖެއިން ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަން ޖެހެއެވެ.
އަދި އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުމާއެކު ސައުދީ އަރަބިއްޔާއަށް އެތެރެ ވުމަށްފަހު، އުމްރާގެ އަޅުކަން އަދާކުރާ މީހެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވާއިދުގައިވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް މި ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ގައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.
ރާއްޖެއިން އެންމެ ފަހުން ބަޔަކު އުމްރާއަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ސައުދީ ލޮކްޑައުންކުރީ އެ ދެ ގުރޫޕްގެ އުމްރާ ވެރިން ސައުދީގައި ތިއްބައެވެ.