ހަބަރު

އެންމެ ހަރުކަށި އަދަބު ދޭންވީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް: އުމަރު

Dec 22, 2019
6

އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނީ ރާއްޖެއަށް ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މިހުންނަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މާލޭ މަގުމަތީގައި މަސްތުވެގެން އުޅުނު އަންހެނެއްގެ ވީޑިއޯއެއް ފޭސްބުކްގައި ޝެއާކޮށް، އުމަރު ރޭ ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ ސަބަބުން އެތައް އާއިލާތަކަކަށް ހިތާމަ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ވަކާލާތު ކުރަނީ އެހެންވެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ އެ މައްސަލަ ހައްލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވި އިރު، މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން ގިނަ ބަޔަކު ބިތްޖެހިފައި ތިބޭ މައްސަލަތައް މިފަހުން ވަނީ ގިނަވެފަ އެވެ. އަދި އެއާއެކު ފުލުހުން އަންނަނީ ކެފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދޭ ގެތަކެއް ބަަލާ ފާސްކޮށް ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ.