(19 ޑިސެމްބަރ 2019 އާ ގުޅޭ)
"އަހަންނަށް ފެންނަނީ އެގެއަށް ދާން... ދުވާލު ގަޑީގަ ހޭޒަލް ވެސް އިންނާނީ ގޭގައެއްނު" މުހުސިނާ ބުންޏެވެ.
މުހުސިނާގެ ގޮތް ޝަމާޢިލްއާއި ކުދީންނަށް ވެސް އެނގެ އެވެ. އޭނާ ލިއަމްއާއި ހޭޒަލް އުޅޭ އެޕާޓްމެންޓަށް ދާން ބޭނުންވެއްޖެނަމަ އެކަނި ވިޔަސް ދާނޭކަން އެއީ ޔަގީންވާ ކަމެކެވެ. ދަރީން ބޮޑެތިވެއްޖެކަމާއި އެކުދީންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށްވަނުމަކީ ރަނގަޅުކަމެއްނޫންކަން ޝަމާޢިލް އަބަދުވެސް ހަނދާންކޮށްދެ އެވެ. ލިއަމްގެ ދިރިއުޅުމާ މުހުސިނާމެން އެހާ ދުރުދުން އުޅެނީ އޭނާ ވެސް އެފަދައިން ކަންތައްކުރާތީ އެވެ. ދަރިއަކަސް ކައިވެންޏަށްފަހު ލިއަމްގެ ދިރިއުޅުމުގެ އެއްވެސް ކަމެއް މުހުސިނާއަކަށް ނޭނގެ އެވެ. އޭނާއަކީ ދަރީން މީހުނާ އިނަސް އޭނާގެ ހިޔަލުގައި އެ ކުދީން ގެންގުޅޭ ހިތްވާ މައެކެވެ. ނަމަވެސް ފިޔަފެޅުމުން ހާލިން އެންމެ އަވަހަށް ބޭރުވި ދަރިއަކީ ލިއަމް އެވެ.
ހުކުރު ދުވަހެވެ. ހޭޒަލް ހޮސްޕިޓަލުން ނުކުންނަނިކޮށް ފެނުނުތާ ހަތަރުވަނަ ދުވަހެވެ. މުހުސިނާ ކިޔާވަރުން ވީރާ ބަދިގެއަށް ވަނެވެ. ސެލެޑް ހެދުމަށް ބޭނުންވާ ސާމާނު ކޮށުމުގައި ވީރާ އިނެވެ. ރަފާ ހުރީ ކަބަޑުސެޓުގެ ކޮޅުގައެވެ. މިކްސަރުން ފަނި ގިރާށެވެ. މުހުސިނާ ކުކުޅުތައް ދޮންނަން ސިންކު ދޮށުގައި ހުއްޓެވެ.
"ވީރާ، މިއިން ދުވަހަކު ތުއްތޭއާއި ހޭޒަލްއަށް ގުޅާލިންތަ؟" މުހުސިނާ އެއްސެވެ. ހަމައެހާ އަވަހަށް ވީރާ ނޫނެކޭ ބުނެލިއެވެ. އެއާއެކު މުހުސިނާ ދެއްކީ އެއްބަނޑު އެއްބަފާ ކުދީން އެކަކު އަނެކަކުގެ ހާލު ބަލަން ވާނޭ ކަމެވެ. ދުރުގައި ތިއްބަސް ފޯނުން ގުޅޭނެނޫންހޭ މުހުސިނާ ބުންޏެވެ. އޭނާގެ ވާހަކައާ ވީރާ ގަޔާނުވި އެވެ. ލިއަމް ވެސް ގުޅާނުލާކަން ވީރާ ފާހަގަކުރި އެވެ. އަދި ހޭޒަލްއަށް ގުޅާކަށް ނުޖެހޭނެކަމާއި އޭނާއަކީ އެމީހުންނާ ގުޅުމެއް އޮންނަ މީހެއްނޫނޭ ވީރާ ބުންޏެވެ. އެއްވެސް އިރަކު ހޭޒަލްއަކީ އެމީހުންނާ ގުޅުން ބަދަހިކުރަން އުޅުނު އަންހެނެއްނޫންކަން ވީރާ ބުންޏެވެ. އޭނާގެ ވާހަކަތަކުން ރަފާއަށް ވެސް ލިބުނީ ސިހުމެކެވެ. ވީރާގެ ވާހަކަދެއްކުން ބަދަލުވެއްޖެކަން ރަފާ ވެސް ދެނެގަތެވެ. ލިއަމްއާއި ހޭޒަލް އެގެއަށް ނާންނާތީ ވީރާ ވެސް އެވާހަކަދައްކާ އަޑު މީގެ ކުރީން ކިތަންމެ ފަހަރަކު ރަފާއަށް ހުރީ އިވިފަ އެވެ. އެކަމަކު މިހާރު ހީވަނީ އޭނާއަށް ރަނގަޅީ އެމީހުން އެގެއަށް ނައީ ވިއްޔާ ހެންނެވެ.
"ހޭޒަލް ވަރަށް ބަލިހެން ހީވަނީ... އެގެއަށް ގޮސްގެން ވެސް ވަދެވޭ ގޮތެއްނުވި، އެޕާޓްމެންޓުގައި މީހަކު އުޅޭހެން ހިޔެއްނުވޭ... ދޯ ރަފާ... ހޭޒަލް ނަންބަރު ބަދަލުކުރީ ބާއޭ ވެސް ހިތަށް އަރާ، ލިއަމް ވެސް ފޯނެއް ނުނެގި، ކަމެއްވީބާއޭ ހިތަށްއަރާ، އަޅެ ދަރިފުޅު ވެސް ބަލާބަލަ އެމީހުންނަށް ގުޅޭތޯ" މުހުސިނާ ބުންޏެވެ. އޭނާ ހޭޒަލްއާ ބައްދަލުކުރަން ދިޔައީ ރަފާ ވެސް ގޮވައިގެންނެވެ.
ވީރާ ފޫހިކަމާއެކު ހޫންއެއް ލައްވާލިއެވެ. އޭނާ ކުރަން އިން މަސައްކަތް ހުއްޓާލާފައި ފޯނުގަ އަތްލުމުގެ ޚިޔާލެއް ނެތްކަން އެތަނުގައި ތިބި މުހުސިނާއާއި ރަފާއަށް ވެސް އެނގުނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލުމާއެކު މުހުސިނާ ކުރަން ހުރި މަސައްކަތަށް އެނބުރުނެވެ.
ހުކުރަށް ދިޔައީ ޒައިދަންއާއި ޝަމާޢިލް އެކީގައެވެ. އެހެންނަމަވެސް ގެއަށް އައިސް ވަނީ ޝަމާޢިލް އެކަންޏެވެ. އެމީހުން އަންނަވާއިރަށް ސުފުރާމަތި ތައްޔާރުކޮށްގެން މުހުސިނާ އިނީ ކާމޭޒު ދޮށުގައެވެ. އޭނާގެ އަތުގައި ތަސްބީހަ ފައްޗެއް އޮތެވެ. ޝާމާޢިލް އެކަނި ވަދެގެން އައިތަން ފެނުމުން ލޮލުން އިޝާރާތްކޮށްލީ ޒައިދަން ކޮބާތޯއެވެ.
"ވެއްޖެ ލިއަމް ބަލާ ގޮސް" ޝަމާޢިލް ބުންޏެވެ. މުހުސިނާގެ މޫނުން ވަގުތުން ހިނިތުންވުމެއް ފާޅުވެލިއެވެ. ވައަތުގައި އޮތް ކުޑަފޮތް ލައްޕާލައި ތަސްބީހައާއެކު އެ ތަކެތި ތިރީކަބަޑުތަކުގެ މަތީ ބެހެއްޓިއެވެ. ދެން އެނބުރިލި ގޮތަށް ޝަމާޢިލްއާ ސުވާލުކުރަން ފެށިއެވެ. ލިއަމްއާ ދިމާވީ ކިހިނެއްތޯއެވެ. ހުކުރު ދުވަސްވީމަ ލިއަމް ވެސް ގޭގައި އޮންނާނޭކަން ޔަގީންވާތީ ޒައިދަން ގުޅީކަމުގައެވެ. ދެރައީ ދޮގެއް ހަދަން ޖެހުނީމަ ކަމަށެވެ. މުހުސިނާ ބަލިވެ އުޅޭކަން ޒައިދަން މެސެޖުކުރިކަން ޝަމާޢިލް ބުންޏެވެ. ލިއަމްގެ ފޯނަށް ގުޅުނީ ދެނެވެ. މިހާރު އަންނަން އުޅޭނޭ ޝަމާޢިލް ބުންޏެވެ. ހިނިތުންވެ ހުރެ މުހުސިނާ މޭޒުމައްޗަށް ތަށްޓެއް އިތުރުކޮށްލިއެވެ.
ޒައިދަންގެ ފަހަތުން ލިއަމް އެތެރެއަށް ވަނެވެ. ސިޓިންރޫމުގައި މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް ބަދިގެ ތެރެއިން ވާހަކަދައްކާ އަޑު އިވެއެވެ. ޒައިދަން ފަހަތަށް އެނބުރިލައި ލިއަމްގެ ވައަތްފަރާތު ކޮނޑުގައި ޖަހާލިއެވެ. އޭނާއާއެކު އައުމަށް ބާރުއަޅާލާ ފަދައިން މަޑުމަޑުން ކުރިއަށް ލިއަމް ކޮށްޕާލިއެވެ. ލިއަމް ހީވަނީ ޢާއިލާ މީހުންނާ ކުރިމަތިލާން ބޭނުންނުވާ ހެންނެވެ.
"އާދެވިއްޖެ ދޯ މީނައަށް" މުހުސިނާއަށް ލިއަމް ފެނުމާއެކު ބުނެވުނެވެ.
"އަވަހަށް އިށީނދޭ... މުހުސިނާ... އޭނާ އޭނީ މިހާރު އައިހެންނު، ދެން އެއްޗެހި ނުކިޔާ އޭނާއަށް ކާން އަޅައިދީބަލަ" ޝަމާޢިލް ބުންޏެވެ.
"ކީއްވެތަ އެކަނި ތިއައީ؟ ކޮބާ ހޭޒަލް؟... އޭނާ ބަލިވެ އުޅޭ ވާހަކަ ނުވެސް ބުނަމެންނު" މުހުސިނާ އެއްސެވެ.
"މަންމައަށް ކިހިނެއް އެނގުނީ" ލިއަމްއަށް އަހާލެވުނެވެ.
"ލިއަމްއަށް އޭނާއާއެކު ޑަކްޓަރަށް ދާނޭ ވަގުތު ވެސް ނުވީތަ؟" މުހުސިނާ ބުންޏެވެ.
"ޒެއްލުއާ ދިމާވީތަ؟" ލިއަމްގެ ހިތުގެ ހިނގުން އަވަސްވިއެވެ. އޭނާ މުހުސިނާއަށް ބަލަން އިނީ އިތުރު ވާހަކައެއް ދެއްކުމުގެ ކުރީން މުހުސިނާގެ ފަރާތުން ކަމެއް ދެނެގަންނަން ބޭނުންވެފައި އިންހެނެވެ. ނަމަވެސް ލިއަމްގެ ސުވާލަށް ޖަވާބު އައީ އޭނާއާ ޖެހިގެން އިން ޒައިދަންގެ އަނގައިންނެވެ. ހޭޒަލްގެ މަންމައާއެކު ހޮސްޕިޓަލުން ނިކުންނަނިކޮށް ފެނުނީކަން ޒައިދަން ބުންޏެވެ. އެމީހުންގެ ފަހަތުން ދިޔަ ނަމަވެސް ހޭޒަލްމެން ކާރަށް އެރީމަ ބައްދަލުނުވީކަމަށް ވެސް ޒައިދަން ބުންޏެވެ. އެއާއެކު ލިއަމް ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ އެ ހުރިހާއިރު އޭނާ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލި ހެންނެވެ.
"އޭނަވީ އޭނާގެ މަންމަމެން ގޭގަ... އަހަންނަށް ވެސް ގޭގައި ނުހުރެވޭއިރު ބަލީމަ އޭނާގެ މަންމަ ގާތުގައި ދުވަސްކޮޅަކު ހުންނަން ފޮނުވީ" ލިއަމްއަށް އަޑުއިވުނު ވާހަކަތަކާ ގުޅުވާ ދޮގެއް ހަދާލީ ނިކަން އަވަހަށެވެ. އޭނާއާއި ހޭޒަލް ވަރިވެއްޖެކަން ބުނުމުގެ ގަސްދެއް ލިއަމްގެ އަދި ނެތެވެ. އޭނާގެ ވިސްނުން ހުރީ އެކަން ބަޔަކަށް އެނގުމުގެ ކުރީން އޭނާ ހޭޒަލް އަނބުރާ އޭނާގެ ހަޔާތަށް ގެނައުމެވެ. އެހެންވީމަ ހަޤީޤަތް އެންމެނަށް އެނގުން މުހިންމެއްނޫނެވެ.
ކައިގެން ނުކުމެ ސިޓިންރޫމުގައި އެންމެން ތިއްބެވެ. ކުޑަދަރިފުޅުގެ ކަމެއްގައި ރަފާ ކޮޓަރިއަށް ވަން ވަގުތު އޭނާގެ ފަހަތުން ޒައިދަން ވެސް ދިޔަވއެވެ. މުހުސިނާ އާއި ޝަމާޢިލް އިނީ އެމީހުންގެ އަމިއްލަ ވާހަކައެއްގަ އެވެ. ވީރާގެ ނަޒަރު ލިއަމްއާ މެދު ތަފާތުކަން ޚުދު ލިއަމްއަށް ވެސް ފާހަގަވި އެވެ. އެއްޗެކޭ ނުބުންޏަސް އެ ބެލުން ލިއަމްއަށް ކަމަކުނުދިޔަ އެވެ. އެންމެފަހުން އޭނާ ވީރާއާ ސުވާލުކުރި އެވެ. އެއާއެކު ވީރާ ތެދުވެގެން އައިސް ލިއަމްގެ ގާތުގައި އިށީނދެއްޖެއެވެ. އަދި ލިއަމްއާ ކައިރިވެލާ ސިއްރުން ވާހަކަދެއްކި އެވެ.
"ޔޫ ގާއިޒް ފައިޓެއްގަ ދޯ ތިއުޅެނީ، އެހެންވެ ޒެއްލު ގެއަށް ފޮނުވާލީ" ވީރާ ބުނެލި އެވެ. ވީރާއަށް ޝައްކުވި ގޮތަކާމެދު ލިއަމް ހައިރާންވި އެވެ.
"ވަޓް ރަބިޝް... އެކަހަލަ އެއްވެސް ކަމެއްނުވޭ" ލިއަމް ބުންޏެވެ. ވީރާ ބަލަން އިނދެފައި އެއްމިޔަކަނުން ހިނިތުންވެލީ ލިއަމް މަސައްކަތް އެކުރަނީ ކަމެއް ފޮރުވަންކަން އޭނާއަށް އެނގެޔޭ ބުނާ ފަދައިންނެވެ.
* * * * *
ދުރުދުރުން އުޅުމަކުން ހިނގައިފަ އޮތްކަމެއް ނުވާކަމަކަށް ނުވާނޭކަން ދާރިއަންއަށް އެނގެއެވެ. ސާރާ ބައްދަލުކުރަން އެގެއަށް އައުމުން ދާރިއަން އެ ފުރުޞަތު ދިނީ އެހެންވެއެވެ. ސާރާއާ ދައްކަން ބޭނުންވާ ވާހަކައެއް ވެސް އޮތީމަ އެވެ. ހަޤީޤަތް ބަދަލުނުވިޔަސް އަމިއްލަ ނަފްސަށް މަޖުބޫރުކުރުން ހުއްޓާލަން ދާރިއަން ގަސްދުކުރީ އެވެ. އޭނާގެ ހިތުން އެ ސޫރައެއް ފުހެލެވޭނޭ ބާރު ސާރާގެ ލޯބީގައި ވެސް ނެތީ އެވެ. އޭނާ ސާރާއަށް އެ ފުރުޞަތު ދިނެވެ. ފަހަރެއްގައި ދާރިއަންއަށް އެ ފަދަ ނުފޫޒެއް ފޯރާވަރުގެ އަންހެނަކާ އަދި ދިމާނުވަނީއެވެ. ދާރިއަންގެ ވިސްނުން ހުރީ ވެސް އެހެންނެވެ.
ހާމަފެންޑާގެ ހިޔާކޮށްފައި އޮތް ބައިގަ ސާރާއާއި ދާރިއަން ތިއްބެވެ. އެކަކަށް އިށީނދެވޭނޭހެން ހުރި ސޯފާ ގޮނޑިތަކުގަ އެވެ. ދެމީހުންގެ މެދުގައި ހުރި ވަށް މޭޒުގައި ދެ ކޮފީ ޖޯޑު ހުއްޓެވެ. އާވި އަރަމުން ދާއިރު ހީވަނީ ދެންމެ ތައްޔާރުކޮށްފައި ހުރި ދެ ތަށި ހެންނެވެ. ޖޯޑު ނަގައި ތުނބުގައި މަޑުމަޑުން ޖައްސާލި އިރު ދާރިއަންއަށް ކޮފީގެ ހޫނުކަން އިޙްސާސް ނުވާ ކަހަލަ އެވެ. ނޫނީ އޭނާއަކީ ހޫނު އެއްޗެހި ބުއިމަށް އާދެވެފައިވާ މީހަކު ފަދަ އެވެ.
"އިޓްސް ބެޑާ ޓު އެންޑް ދިސް... ވީ ކާންޓް.... އައި ކާންޓް..." ދާރިއަން ވާހަކަދެއްކީ ސާރާއާ ނަޒަރު ސީދާކޮށްލުމެއްނެތި އެވެ. ދާރިއަންގެ ވާހަކަތަކަށް ސާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ދާރިއަންގެ ނިންމުން އަންނާނީ އެހެންކަން ސާރާއަށް އޮތީ ހީވެފައެވެ. އޭނާގެ އުފަންދުވަހު ކަންތައްވީ ގޮތުން ވަކިން ބޮޑަށް ދާރިއަންގެ ހިތް އޮތް ގޮތް ސާރާއަށް ސާފުވިއެވެ.
"ސާރާގެ މައްސަލައެއް ހުރީކީނޫން... އަހަރެން ކަހަލަ މީހަކާ ގުޅިގެން ސާރާ ބޭނުންވާ އުފާވެރިކަމާއި ހަމަޖެހުމެއް ނުލިބޭނެ" ދާރިއަން ބެލީ ސާރާގެ ހިތްހަލާކުކޮށްނުލާ އެ ދެމެދުގައި އޮތް ގުޅުން ކަނޑާލެވޭނޭ ގޮތެކެވެ.
"ރިއާން ލައިކްވާ ކުއްޖަކު ހުރޭ ދޯ" ސާރާ އެއްސެވެ. އޭނާގެ ނަޒަރު ހުރީ ދާރިއަންއަށް ހުއްޓިފައެވެ.
"ސާރާ..." ދާރިއަން ގޮވާލީ އެ ސުވާލު އޭނާއާ ނުކުރާށޭ ބުނާ ފަދައިންނެވެ. ނަމަވެސް ސާރާގެ ޖަވާބު އައީ ތަފާތުކޮށެވެ.
"އެ ނަމަށްވާނެނަމައޭ އަހަރެން ވެސް ހިތަށް އަރާ، އެކަމަކު އެހެންނުވާނޭކަން އެނގޭ... ރިއާންގެ ރަނގަޅު ރަޙުމަތްތެރިއަކަށް ވެސް އަހަރެން ނުވޭތަ؟، އަހަންނާ ޚިއްޞާއެއް ނުކުރާނަންތަ؟... ރިއާންއަށް ޚާއްޞަ މީހަކު ހުރިކަން ނުބުނާނަންތަ؟"
ސާރާ ބޭނުންވީ ދާރިއަންގެ ހިތުގައިވާ މީހަކީ ކާކުތޯ އޮޅުންފިލުވާށެވެ. ނަމަވެސް ދާރިއަން ފާޅެއްނުކުރިއެވެ. އޭނާ ދެއްކީ އެ ދެމީހުންގެ ވާހަކަ އެވެ. ސާރާއާއެކު ހަރުދަނާ ގުޅުމަކާ ހަމައަށް ދިއުމަށް އޭނާ ގަސްދުކުރި ނަމަވެސް އެކަން ނުވާނޭކަން މިހާރު ދާރިއަންއަށް ވިސްނެއެވެ. އޭނާ އެ ހުންނަނީ ހޭޒަލްގެ އިންތިޒާރުގައި އެކަންޏެއްނޫނެވެ. ބައެއް ކަންކަން ކިތަންމެ ބޭނުންވިޔަސް ނުވާނޭކަން ދާރިއަންއަށް އެނގެއެވެ. އެހެންވެ އޭނާ ބޭނުންވަނީ ލިބެންނެތް ކަމެއްގެ ޚިޔާލުތަކާ ދުރުކޮށްދޭނެ ބާރު ލިބިފައިވާ ފަރާތެކެވެ. އެފަދަ ޖަޒުބާތެއް އޭނާގެ ހިތުގައި އުފަންކުރުވާނޭ ބައިވެރި އެކެވެ. ސާރާއަށް ހަޔާތުން ފުރުޞަތެއް ދިނީ އެ ވިސްނުމުގަ އެވެ. ނޭނގުމުގައި ހިތް ދޫވި ނަމަވެސް އެ ހިތް ހަމަމަގަށް ގެނެސް ފަތަޙަކުރާނޭ ބައިވެރިޔަކީ ސާރާ ނޫންކަން ދާރިއަންގެ ޟަމީރު ޤަބޫލުކުރެއެވެ. އޭނާ ބޭނުންވިނަމަ ސާރާގެ ފަރާތުން ނަޖާއިޒް ފައިދާތަކެއް ނެގުނީހެވެ. އެކަމަކު އޭނާ ސާރާގެ އިސްނެގުންތަކަށް ފުރަގަސްދިނީ އެކުގައި އުޅެވެން ނެތްއިރު އެފަދަ ދެރައެއް ސާރާއަށް ދޭން ބޭނުންނުވާތީ އެވެ. ސާރާ އެދޭފަދަ ބޭނުންވުމެއް އޭނާގެ ނެތީ އެވެ. އެއީ އޭނާގެ ގޮތެއް ވެސް ނޫނެވެ.
ރޭގެ ވަގުތުތައް ދިގުވެފައިވީ ދާރިއަން އަށެވެ. ސާރާއަށް އިޙްސާސް ކުރެވުނީ އޭގެ އިދިކޮޅެވެ. އޭނާ ޚިޔާރުކުރާނޭ ކޮޅުތަކެއް ދާރިއަން ނުދެއެވެ. ސީދާ ބޭނުންވާގޮތް ހާމަކުރީ އެވެ. އެކަމާ ދެކޮޅު ހެދިޔަސް ސާރާއަށް ވާނޭ ފައިދާއެއް ނެތެވެ. ދާރިއަންއަކީ އަބަދުވެސް އޭނާގެ އަމިއްލަ ގޮތުގައި ހުންނަ ޒުވާނެކެވެ. އޭނާގެ މައްޗަށް ސާރާގެ ނުފޫޒެއް ނުހިނގާނެ އެވެ. އެކަން ޚުދު ސާރާ ދެނަހުއްޓެވެ. ދާރިއަންއަށް ފެންނަ ގޮތަކަށް ކަންތައްކުރުމުގެ އިޚްތިޔާރު ސާރާ ދިންކަން އަންގާލީ އެހެންވެ އެވެ. އިތުރަށް އެ ދެމެދުގައި ދައްކާނޭ ވާހަކަތަކެއް ސާރާގެ ނެތެވެ. އޭނާ ތެދުވުމުން ނުރުހިފައި ހުރީކަމުގައި ދާރިއަންއަށް ހީވެ އަހާލިއެވެ. ސާރާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ އެވެ. ގެއަށް ދާން ބޭނުންވާކަން ސާރާ ހާމަކުރީ ދެނެވެ. ދާރިއަން ގެންގޮސްދޭން އުޅުމުން އެކަން ސާރާ ހުއްޓުވިއެވެ. ސާރާ އެކަނި އެގެއިން ނުކުމެގެންދާ ފުރަތަމަ ފަހަރަށް ނުވާނޭކަން އޭނާ ހަނދާންކޮށްދިނެވެ.
"ސާރާ އަހަންނާ ވާހަކަދައްކަން ބޭނުންނުވިޔަސް އަހަރެން ޝަކުވާއެއްނުކުރާނަން... އައި ވިލް އަންޑަސްޓޭންޑް" ދާރިއަން ވެސް ހުރީ ގޮނޑިން ތެދުވެ ސާރާއާ ކުރިމަތިލައިގެންނެވެ. އޭނާ ބުނި އެއްޗަކަށް ވާހަކަދެއްކުމުގެ ބަދަލުގައި ސާރާ ބުނެލީ ދަނީ ކަމުގަ އެވެ. އަދި އޭނާ ހާމަފެންޑާއިން ފައިބަން ހިނގައިގަތެވެ.
* * * * *
ޑަކްޓަރ އަނިލް އިނީ ރިޒްވާނާއި ސާއިރާއާ ވާހަކަދައްކަން ސިޓިންރޫމު ސޯފާގަ އެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ކަނާއަތުން ހޫނުކަން ހުރި ކޮފީ ޖޯޑު ހިފަހައްޓާލައިގެންނެވެ. ރިޒްވާނާއި ސާއިރާ ޚިއްޞާކުރި ވާހަކަތަކާ މެދު އޭނާ ވިސްނަނީކަން މޫނުގައިވި އަސަރުތައް ހެކިދެ އެވެ. މަޑުމަޑުން ބޯޖަހާލުމާއެކު އަނިލް ފުންނޭވާއެއްލި އެވެ.
"ހޭޒަލްއާ ވެސް މިވާހަކަ ދައްކަންޖެހޭނެ... ބައެއްފަހަރު އަމިއްލައަށް ނަތީޖާ ނުކުންނާނޭގޮތް އަންދާޒާކުރެވޭތީ ބައެއް ވާހަކަތައް ދައްކަން ޖެހިލުންވަނީ ކަމަށް ވެދާނެ، ތަފާތު ގިނަ ސުވާލުތަކެއް އަމިއްލަ ނަފްސާ ކުރާނެ، ގިނަ ސަބަބުތަކެއް އުފައްދާނެ... އެބަހުރި ވަރަށް ކުޑަކުޑަކަމެއްގައި ވެސް މީހާ ބަދަލުވެފަ، ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށްވެ އެކަނި ނޫޅޭވަރުވެފަ ވެސް... މައި ޕޮއިންޓް އިޒް... އެހެން ހޭޒަލްއަށް ވާނެއެކޭނޫން، ކަންކަން ޚިއްޞާކުރާނޭ މީހަކު ހުރުމަކީ ވަރަށް ގިނަ ފަހަރަށް އަމިއްލަ ނަފްސަށް ލުއިކަން ގެނެސްދޭ ފަރުވާއެއް..." އަނިލް ބުންޏެވެ.
"އަނިލް ކަހަލަ ޑަކްޓަރެއްގެ އެހީތެރިކަން އޭނާއަށް ބޭނުންވާ ހިސާބަށް ގޮސްގެން އަހަރެން ގުޅީ، ރީސަންޓްލީ ޝީ ހެޑްއަ މިސްކެރިއޭޖް... އިޓް ބްރޭކްހާ ޑު ދި ކޯ... ދެމަސްވެއްޖެ... ހޭޒަލްއަށް އެނގޭ... އެކަމަކު އޭނާ އެވާހަކަ އަހަރެމެން ގާތު ނުބުނީ ކީއްވެކަމެއް ނޭނގޭ... ޑަކްޓަރު ބުނީ ހެލްތީ ޑައެޓްއެއް ނެތުމާއި އޭނާގެ ސްޓްރެސް ލެވެލް މަތިވުމުގެ ސަބަބުން ދިމާވި ކަމެކޭ، ހަށިގަނޑު މާބޮޑަށް ވެސް ވަރުދެރައޭ... ކުރީން ވެސް މިސްކެރިއޭޖްވެފަ ހުރުމުން އެ ޗާންސު ބޮޑުވާނޭ، ޕްރެގްނެންޓްވުމާއެކު އެހެން އަންހެނުންނަށްވުރެ ބޮޑަށް ހޭޒަލް ބަލަން ޖެހޭނެކަމަށް..." ރިޒްވާނުގެ ވާހަކަ ހުއްޓުނީ ސާއިރާގެ ސަބަބުންނެވެ.
"ހޮސްޕިޓަލުން އައިފަހުން އިންނަނީ ގަބުއަރާފަ، އަމިއްލަ ނަފްސަށް ބްލޭމް ކުރާ ކަހަލަ، ހޮސްޕިޓަލަށް ގެންދެވުނީ ވެސް އެހާ ހާލުން... ވަރަށް ބޮޑަށް ބްލީޑްވި، އޭނާގެ ޢަމަލުތައް ހުރީ ހަމަހޭގައި ހުރި މީހަކުހެންނެއްނޫން، ލިއަމް ގާތު ބުނާކަށް އެއްބަހެއްނުވި، އެކަމަކު އެއީ ލިއަމްއަށް އެނގެންވާނެ ކަމެއްނު، އަނިލް... އައި އޭމް ރިއަލީ ސްކެއާޑް، އައި ކާންޓް ލޫސް ހާ ލައިކް ދެޓް، ޒެއްލުއަކީ ސްޓްރޯންގް ކުއްޖެއް، އެކަމަކު މިހާރު އޭނާގެ ސިކުނޑިއާއި ހިތުގަވާ އެއްޗެއް ނޭނގެ، އެކަމާ އޭނާ ދެރަވާކަމެއް ވެސް ނޭނގެ... އެކަހަލަ އަސަރެއް އެ މޫނަކުން ނުފެނޭ... އޭނާއަށް ވާގޮތެއް އެނގެން ބޭނުންވަނީ، އަހަރެމެންނާ ޚިއްޞާނުކުރެވޭވަރުގެ ކަމެއް އޮވެގެން ނުވާނެއެއްނު، އަހަރެންމީ އޭނާގެ މަންމަވިއްޔަ، ޒެއްލު ކޮންމެ ކަމެއް ބޭނުންވިޔަސް އޭނާގެ އެންމެ ގާތުގައި އަބަދުވެސް އަހަރެން ހުންނަން... ޕްލީޒް އަނިލް... ޑޫ ސަމްތިންގް..." ސާއިރާގެ އަޑުގައިވީ ކަންބޮޑުވުން އަނިލް ދެނެގަތެވެ.
"ހޭޒަލްއަށް ވަގުތު ބޭނުންވާނެ، އޭނާ އޯޕަންވާނެ... އަހަރެންގެ ޝެޑިއުލް އުޅެނީ ވަރަށް ފުލްކޮށް، ތީ އަހަރެންގެ ވަރަށް ގާތް ބައެއް، ވަގުތު ހުސްކުރަން ވަރަށް ބޭނުން، އެކަމަކު އަހަންނަކީ ޑަކްޓަރެއް، ކުއްލިއަކަށް އަހަރެންގެ ޕޭޝަންޓުން ބަދަލުކޮށް އެމީހުންގެ ވަގުތު ހޭޒަލްއަށް ހުސްކުރެވޭކަށް ނޯންނާނެ، އެއީ އިންސާފެއް ވެސް ނޫން" އަނިލް ބުންޏެވެ.
"ދެން ކޮންއިރަކުން ވަގުތުވާނީ" ކެތްތެރިކަން ކުޑަވެފައިވި ސާއިރާއަށް އަހާލެވުނެވެ.
"ލަސްކުރުމަކީ ވެސް ރަނގަޅު ގޮތެއްނޫން، މިފަހުން ބޭއްވި ވޯކްޝޮޕެއްގައި އަހަންނާ ބައްދަލުވި ވަރަށް މޮޅު ޑަކްޓަރެއް، ބޭރުން ކިޔަވައިގެން މިކޮޅަށް އައިސް އުޅޭ ޑަކްޓަރެއް، ވަރަށް ޤާބިލް ޑަކްޓަރެއް... ޝީޒް ޔަންގް، އެކަމަކު ތަޖުރިބާ އެބަހުރި، އަހަރެންގެ ސަމާލުކަން އޭނާ ހޯދި، އޭނާގެ ކޭސް ސްޓަޑީތައް ވަރަށް އިންޓަރެސްޓިންގް، ޕޭޝަންޓުންނާ ޑީލްކުރާ ގޮތް އަހަންނަށް ވަރަށް ކަމުދިޔަ... ރިޒްވާން، އައި ޓްރަސްޓް ހާ ސްކިލްސް" އަނިލްގެ ނަޒަރު ރިޒްވާނާ އަމާޒުކޮށްލި އިރު އޭނާގެ ލޮލުން ޔަގީންކަން ފާޅު ވެއެވެ.
"އަނިލްހެނެއްނުވާނެ" ސާއިރާއަށް ބުނެވުނެވެ.
"އަހަރެން އަނިލްއަށް އިތުބާރުކުރަން، ސާއިރާ، ހޭޒަލްއަށް މީހެއްގެ އެހީ ބޭނުންވޭ، އަނިލްއަކީ ޑަކްޓަރެއްކަން ހަނދާންނައްތާލައިގެން އަހަރެމެން ނުވާނެ، އަހަރެމެންނަކަށް ނުބުނެވޭނެ އޭނާ ގާތު އަހަރެމެންނަށް ޓަކައި ވަގުތު ހުސްކުރާށޭ، އަނިލް ނިންމާނީ ރަނގަޅަށްކަން އަހަރެން ޤަބޫލުކުރަން" ރިޒްވާނުގެ ވާހަކައާ އެއްބަސްވާކަން ސާއިރާ އަންގާލީ ބޮލުންނެވެ.
"ސާއިރާ، ޓްރަސްޓް މީ... ޝީޒް ޔަންގް، ޒުވާނުންނަށް ދިމާވާ ހުރަސްތައް ދެނެގަތުމުގާ އޭނާ ވަރަށް ކުޅާދާނަ، އަހަރެން އިތުބާރުނުކުރާ މީހެއްގެ ގާތަށް ހޭޒަލްއެއް ނުފޮނުވާނަން" ސާއިރާއާ ދިމާއަށް އަނިލް އެނބުރިލި އެވެ.
"ކޮން ޑަކްޓަރެއް އެއީ؟ އަނިލްއާއެކު ހޮސްޕިޓަލުގައިތަ އުޅެނީ؟" ރިޒްވާން އެއްސެވެ.
"ޑަކްޓަރ އިޒްވާ، އަމިއްލަ ކުލިނިކެއް ހުޅުވައިގެން އުޅެނީ... އަހަރެން ވެސް އޭނާއާ ޖޮއިންވެއްޖައިން، އަހަރެމެން ދެ މީހުންގެ އިތުރުން އަދި އެއް ޑަކްޓަރު އެތަނުގައި މަސައްކަތްކުރޭ، މިވަގުތު އިޒްވާ ބަލަމުންދަނީ އެންމެ ޕޭޝަންޓެއް، ގިނަ ޕޭޝަންޓުންތަކެއް ނެތުމަކީ ވެސް ރަނގަޅުކަމެއް، އޭނާއަށް ހޭޒަލްއަށް ވަގުތު ދެވޭނެ، އަހަރެން ބުނެފިއްޔާ އޭނާ ކޮށްދޭނެ މިކަން، ހޭޒަލް ވިލް ބީ އިން ގުޑް ހޭންޑްސް" އަނިލް ބުނެލި އެވެ. ރިޒްވާން ބަލާލީ ސާއިރާ އަށެވެ. އޭނާ ސާއިރާއަށް ބޯޖަހާލީ އަނިލްގެ ހުށަހެޅުން ޤަބޫލުކުރާށޭ ބުނާ ފަދައިންނެވެ. ހޭޒަލްއާ މެދު ރިޒްވާން ފަރުވާކުޑަނުކުރާނޭކަން ސާއިރާއަށް ޔަގީންވެ އެވެ. އޭނާ އެއްބަސްވީ އެ ޔަގީންކަމުގެ މައްޗަށެވެ.
"އެހެންވީމަ އަހަރެން އިޒްވާއާ ވާހަކަދައްކާނަން" އަނިލްއަށް ޔަގީންކަން ލިބުމުން އޭނާ ކުރިއަށް ދާންވީ ގޮތް ސާފުވެއްޖެ އެވެ.
(ނުނިމޭ)