ކުޅިވަރު

ކޮންމެ ކުލަބަކުން އަޔަސް ވާހަކަ ދައްކަން ތައްޔާރު

ކޮންމެ ކުލަބަކުން ހުށަހެޅުން އައި ނަމަވެސް، އެ ހުށަހެޅުމަކާ ބެހޭގޮތުން ވާހަކަ ދައްކަން ތައްޔާރުކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ގަތަރުގައި ރޭ ނިމިގެން ދިޔަ، ކުލަބު ވޯލްޑްގެ ހަރަކާތްތަކަށް ގަތަރުގައި ހުރެ ބީއިން ސްޕޯޓްސް އާ ވާހަކަ ދައްކަމުން، ޕޮޗެޓިނޯ ބުނީ އޭނާ ހުރީ ކޮންމެ ކުލަބަކުން ހުށަހެޅުމެއް އަޔަސް އެ ހުށަހެޅުމެއް އަޑު އަހަން ތައްޔާރަށް ކަމަށެވެ.

އާސެނަލްގެ ކޯޗަކަށް މިކަލް އާޓެއާ، ގެނައުމުގެ ކުރިން އެ ކުލަބުން ޕޮޗެޓިނޯ އާ ވާހަކަ ދައްކަން މަސައްކަތް ކުރި ކަމަށް ދެކެވުނު ވާހަކަ ތަކާ ގުޅިގެން ޕޮޗެޓިނޯ ބުނީ އޭނާ ހުރީ އޭނާގެ އަތް ހުޅުވާލައިގެން ކަމަށެވެ.

"އަހަރެން މިހުރީ ކޮންމެ ފުރުސަތަކަށް ހުޅުވިގެން، ކޮންމެ ފުރުސަތަކަށް ހުޅުވިގެން ހުރުމޭ ބުނީމަ އޭގެ މާނައަކީ އަހަރެން މިހުރީ ކޮންމެ ކުލަބަކުން އަޔަސް އެ ހުށަހެޅުމެއް އަޑު އަހަން ތައްޔާރަށޭ،" ޕޮޗެޓިނޯ ބުންޏެވެ. "އެ ހުށަހެޅުމަކާ ބެހޭގޮތުން އާނ އެކޭ ނުވަތަ ނޫނެކޭ ބުނުން އަދި އެއީ މުޅިން ތަފާތު ކަމެއް."

ޕޮޗެޓިނޯ ބުނީ، އާޓެއާ މެދު ދެކެނީ އެއީ އޭނާގެ ގާތް މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާއަށް އާސެނަލްގައި ކާމިޔާބަށް އެދޭ ކަމަށެވެ.

"އޭނާއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް، އޭނާ ޕީއެސްޖީއަށް އައިރު އަހަރެން ހުރީ ޕީއެސްޖީގެ ކެޕްޓަނަކަށް، އޭރު އޭނާ ވަރަށް ޒުވާން، ވަރަށް ހިތްހަމަ ޖެހޭ އޭނާ ކޯޗެއްގެ ގޮތުގައި ފެންނަން ފެށުމުން، ކާމިޔާބު ކޯޗަކަށް ވުން އޭނާއަށް ހައްގު ވެގެންވޭ."