ކެޕްޓަން ލިއޮނަލް މެސީ، މިއަހަރު ކާމިޔާބު ކުރި 50 ވަނަ ލަނޑާއެކު ޑިޕޯޓިވޯ އަލަވޭޒްގެ މައްޗަށް 4-1 ގެ ނަތީޖަ އަކުން މޮޅުވެ ބާސާއިން އަހަރު ނިންމާލައިފި އެވެ.
މެސީ ކާމިޔާބު ކުރި 50 ވަނަ ގޯލާއެކު މިދިޔަ 10 އަހަރުގެ ތެރެއިން ނުވަ އަހަރު މެސީ ނިންމާލީ 50 ގޯލް ޖަހައިގެންނެވެ. އޭނާ އަށް 50 ގޯލް ނުޖެހުނީ 2013 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ އަށް ޖެހުނީ 45 ލަނޑެވެ. މެސީ މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހީ 2012 ގަ އެވެ. އެ އަހަރު 91 ލަނޑު އޭނާ ޖެހި އެވެ.
ރޭ ގެ މެޗު މެސީ ފެށީވެސް ނޮވެމްބަރު މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ ހަވާލުވުމަށް ފަހު އެވެ. ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން އެވެ. ބާސާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތުތަކުންނެވެ. ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ އޭނާ އެވެެ.
ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އާޓްރޯ ވިޑާލް އެވެ. ދެ ވަނަ ހާފަށް ނުކުމެ އަލަވޭޒްގެ ކުޅުން ރަނގަޅު ކުރި އެވެ. އެ ޓީމުގެ ލަނޑު 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެރޭ ޕޮންސް އެވެ. އެ ލަނޑަށް ފަހު ވަރަށް ރަނގަލަށް އަލަވޭޒްއިން ކުޅެމުން ދިޔަ އެވެ. ނަތީޖާ ހަމަހަމަ ކުރުމާ ގާތަށްވެސް އެ ޓީމުން ދިޔަ ނަމަވެސް އެ ޓީމު ކޮޅަށް މެސީ ޖެހި ލަނޑާއެކު ނަތީޖާގެ ފަރަގު ބޮޑުވުމުން އަނެއްކާވެސް އުނދަގޫ ކުރިމަތި ވި އެވެ.
ބާސާގެ ހަތަރު ވަނަ ލަނޑު ސުއަރޭޒް ކާމިޔާބު ކުރީ ޕެނަލްޓީ އަކުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނީ މެސީ ބާސާގައި ހުރުމަކީ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
ބާސާއަށް ދެން މެޗެއް އޮންނާނީ އަންނަ ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.