ފޮރިން މިނިސްޓްރީ

ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު އަބްދުﷲ ދީދީ

ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ، ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަން ކުރައްވައިފި އެވެ.

އާމިނަތު އަބްދުﷲ ދީދީ، ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްއަކަށް އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ލެޓާ އޮފް އެޕޮއިންޓްމަންޓް ހަވާލުކުރައްވާފައެވެ.

މިއީ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްއަށް އައްޔަންކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލްއެވެ. މިމަގާމަށް އައްޔަންކުރެއްވި އާމިނަތު އަބްދުﷲ ދީދީ މަގާމާއި ހަވާލުވެވަޑައިގަތުމާއި ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގް ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެހެން ބައެއް މަގާމުތަކުގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހާރިޖީ ދައިރާގައި ހިދުމަތް ކުރައްވާފައިވެއެވެ.

ޝާހިދު ކުރެއްވި ޓުވީޓް

ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ދީދީ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޯ ޔުނިވާސިޓީއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައި، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، ދިވެހިރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން އައް މިޝަންއެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.