ދީނީ އިލްމުވެރިން

ދުވަހަކުވެސް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރެއް ނުދެން: އިޔާޒް

ދުވަހަކުވެސް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީފައިނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.

އިޔާޒް މިހެން ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކަށް އެމަނިކުފާނު ތާއީދުކުރަންތޯ އަދި އެފަދަ ޖަމާއަތްތަކުގެ އިސްވެރިންގެ އަމަލުތަކަށް ހިތްވަރުދީފައިވާނެތޯ ސުވާލުކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް ދެއްވި ޖަވާބެއްގައެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަގާމުގައިވެސް ހުންނެވި އިޔާޒް ވިދާޅުވީ އެއްވެސް އިރެއްގައި ބަޔަކު ހިންގާ ޓެރަރިސްޓް އަމަލުތަކަށް ހިތްވަރު ދީފައިނުވާނެ ކަމަށެވެ.

އަދި ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުވެސް ނުކުރައްވާ ކަމަށާ ދެމި ހުންނަވާނީ އެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓް އަމަލުތަކަށް ހިތްވަރުދޭ އަދި އެފަދަ ކަންކަމަށް ތާއީދު ކުރާ މީހެއް ނޫން. އިންޝާﷲ ކުރިއަށް އޮތް މުސްތަގްބަލުގައިވެސް އެފަދަ ކަމެއް ނުކުރާނަން." އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ ތުހުމަތުތައް ކޮށްގެން ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވާނުލެވޭނެ ކަމަށެވެ. ދީނީ އިލްމު ފަތުރާ، ލާދީނިއްޔަތާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.