ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މަރާމާތަށް އެއާޕޯޓް ބަންދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ މަރާމާތު ކުރުމަށް މިވަގުތު އެއާޕޯޓް ބަންދުކޮށްފައިވާ ކަމަށް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މިއީ މިއަދުގެ ވަގުތެއްގައި އެއާޕޯޓް ބަންދުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މިއަދު ހަވީރު 15:55 ފެށިގެން 16:15 ވެސް ރަންވޭ ބަންދު ކުރިއެވެ. 20 މިނެޓަށް އެފަހަރު ރަންވޭ ބަންދުކުރީ ރަންވޭއަށް އެޅިފައިވާ ކުނިތަކެއް ސާފު ކުރުމަށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެ ކުންފުނިން ބުނީ 19:00 ފެށިގެން 30 މިނެޓަށް އަލުން އެއާޕޯޓް ބަންދުކޮށްފައިވާ ކަމަށެވެ. އެއީ ރަންވޭގެ މަރާމާތެއް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓްގެ އޮޕަރޭޝަން މެދުކަނޑާލުމުގެ ސަބަބުން އެ ވަގުތުތަކުގައި އެއާޕޯޓަށް ލޭންޑްކުރުމަށް ކުރިން ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް ޑިލޭވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.