ކޮލަމް

ކޮލަމް އޭޑީ: ހަރުކަށި ދެ ފިކުރަށްވެސް ޖާގަ ދެނީ ސިޔާސީ ވެރިން!

ދިވެހި ރާއްޖޭގައި މިއަދު އެންމެ އަޑު ހަރުކޮށް ދެކެވެމުންދާ އެއްވާހަކައަކީ ހައްދު ފަހަނައަޅައިދިއުމާއި، ހަރުކަށި ފިކުރުގެ ވާހަކަ އެވެ. އަދި އެ ވާހަކައާ އެއްވަރަށް ދެކެވޭ ސެކިއުލާ ވިސްނުމުގެ ވާހަކަ އެވެ. މި ދެވާހަކައަކީވެސް އޭގެ ޒާތުގައި ދިވެހިންނަށް ބިރުވެރި އަދި އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދިވެހިންނަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިއުމަތް "އިސްލާމްދީނުގެ ހިދާޔަތް" ލިބި، އެ ނިއުމަތުގައި ދިވެހިން ހިފަހައްޓައިގެން ތިބޭތާ އެތައް ސަތޭކަ އަހަރެއްވެއްޖެ އެވެ. އެހެން ނަމަވެސް މިއަދު މި ދެކެވުމުންދާ ވާހަކައަކީ އެ މަތިވެރި ދީނުގެ ނިވަލުގައިތިބެ ދިވެހީންގެ ބަޔަކު ލާއިންސާނީ ޖަރީމާތައް ހިންގާ، އަނެކާގެ ހައްގައް އަރައިގަނެ ގާނޫނާ ހިލާފު އެތައް އަމަލެއްކޮށް، މުޖުތަމައުގެ ތެރޭގައި "ބޮޑު ބަލިމަޑުކަމެއް" ފެތުރިގެން އުޅޭ ވާހަކަ އެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ "ހަރުކަށި ފިކުރު" ކަމަށެވެ.

އެތައް ސަތޭކަ އަހަރެއްވަންދެން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް މި ކުޑަކުޑަ ދިވެހި ރާއްޖޭގައި އެފަދަ ނުރައްކާތެރި ފިކުރެއް އުފެދި، ހެދި ބޮޑުވެ، ފުޅާ ވާންޖެހޭ ސަބަބެއްވެސް އޮންނަން ވާނެކަމަށް ގަބޫލު ކުރެވެއެވެ. މިކަމެއް މިހާ ބޮޑުކަމެއްގެ ގޮތުގައި ފެންނަން ފަށާފައިވަނީ ދިވެހިންނަށް އައިސްފައިވާ ކުރިއެރުމާއި، ތަރައްގީގެ އިތުރުން ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. އެކިޔާ "ހަރުކަށި" ފިކުރު ރާއްޖޭގައި އަށަގަތް ހިސާބު ނުވަތަ އޭގެ "ރޫޓް" އެއީ ދެނެގަންނަން އުނދަގޫ ހިސާބެއް ނޫނެވެ. މި ވޭތުވެދިޔަ ކުރު މާޒީއަށް ރަނގަޅަށް ނަޒަރު ހިންގާ ބަލާލި ކޮންމެ މީހަކަށްމެ މިކަންތައް މިހާ ބޮޑަށް ފެތުރެން މެދުވެރިވި ސަބަބާއި މީގެ އަސްލު އައި ހިސާބު އިނގެންޖެހޭނެ އެވެ.

ދުރުނޫން މާޒީއަކަށް ޖެހިލާއިރު، މިކަމެއް ފަށައި އަށަގަނެފައިވަނީ "ޑިމޮކްރަސީ" ގައި ދިވެހިން ޖެހެން ފެށި ހިސާބުން ކަމަށް ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދިޔަ ވާހަކަ ތަކުގެ ތެރޭގައި ދީނީ ނަސޭހަތްދިނުންވެސް ވަރަށް ބޮޑަށް "އޮޕްރެސް" ކޮށްފައިއޮތް އޮތުމުގެ ވާހަކަ ވަކިން ފާހަގަ ކޮށްލެވެއެވެ. އޭރުގައި ވަކާލާތު ކުރެވުނީ އެ ހައްގަކީ ކޮންމެ މީހަކަށްވެސް ދޭން ޖެހޭ ހައްގެއްގެ ގޮތުގަ އެވެ. އަދި ރައީސް މައުމޫނަކީ ދީނާ ދެކޮޅު މުރުތައްދުވެފައިވާ ބޭފުޅެއްކަމަށް ދައްކަންވެސް އޭރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ކޮންމެ މީހަކަށްމެ، ދުލާއި ގަލަމުގެ މިނިވަންކަން ލިބެންޖެހޭކަމަށް ވަކާލާތުކޮށް، ދީނީ ދަރުސް ދިނުމާއި، ނަސޭހަތްދިނުމާއި، ވަކިން ޖަމާތް ހަދައިގެން ނަމާދު ކުރުމުގައިވެސް މައްސަލައެއް ނެތް ކަމަށް އޭރުގެ އިދިކޮޅުން ނިންމާ އެކަން ރައްޔިތުންގެ "ބޮލަށް ވައްދަމުން" ދިޔަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާގޮތުން ދީނީ ނަސޭހަތާއި، ދަރުސް ދެވޭނީ ހަމަ އެކަނި އެކަމަށް ސަރުކާރުން ހުއްދަދޭ ފަރާތްތަކަށް އެކަންޏެވެ. އެކަން އެހެން އޮތުމާއެކު، މިހާރު މިއުޅޭ ގޮތަށް އެކި ޖަމާތްޖަމާތައް، އެކި ނަންނަމުގައި އުޅޭ ޝެއިޙުން އުފަން ވުމުގެ ފުރުސަތު އޭރު އޮތީ ވަރަށް ހަނިކޮށެވެ. ދީނީ އިލްމުވެރިންގެ ކަންކަން އޭރު ސަރުކާރުން ދިޔައީ ބަރާބަރަަށް މޮނިޓާކޮށް ބަލަހައްޓަމުންނެވެ. އެހެން ނަމަވެސް އެކަން އޭރުވީ ރައީސް މައުމޫނާ ދެކޮޅަށް ސިޔާސީ ގޮތުން ބޭނުންކުރި ހަތިޔާރަކަށެވެ. އެކަން އެހެން އޮތުމާއެކު، ވެރިކަމުގެ ފަހުކޮޅު ރައީސް މައުމޫނަށްވެސް އެކަމުގައި ކޮންމެވެސް ވަރެއްގެ ދޫތަކެއް ދޭން ޖެހުނެވެ. މިއަދުވެސް އެ މިނިވަންކަން ދިނީ ތިމަންނާމެންނޭ ބުނެ ފަޙުރުވެރިކަމާއެކު އެވާހަަކަތައް ދައްކާ ސިޔާސީ ބޭފުޅުން އެބަތިއްބެވެ. ހިތާމައަކީ އޭގެ އާޙިރު ނަތީއްޖާއަށް ވިސްނާ ނުލިކަމެވެ. ސިޔާސީ ބޭނުމަކަށް ކުޅުނު ގޭމް މިއަދު މިއޮތީ "އަތައް ގޮވައި" އެކަމުން ސަލާމަތްވާން ދަތި އުނދަގޫ ހިސާބަކަށް ގޮސްފަ އެވެ. އޭރު އެމީހުން އެކަން "އޯކޭ" ކުރީ ސިޔާސީ މަގުސަދަކަށެވެ.

ދެން މިއޮތީ ސެކިއުލާ ފިކުރުގެ ވާހަކަ އެވެ. އަނެއްކާވެސް ސިޔާސީވެރިންގެ ގޭމެކެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި ބައެއްގެ ބޮލަށް ހުޅަނގުގެ އުސޫލުތައް ވައްދައި، އިސްލާމްދީނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންކަމާއި ދެކޮޅު ހަދައި، އެކަންކަމަކީ މި ޒަމާނަށް ނުފެތޭކަންކަން ކަމަށާއި، ތަރައްގީއާއި ތަހުޒީބުގެ ދުނިޔޭގައި އެފަދަކަންކަން ގަބޫލުކޮށް، އެކަންކަމަށް އަމަލު ކުރާ މީހުންނަކީ "ބާބޭރިކް" ނުވަތަ ޒަމާނަށް ނުފެތޭ ވިސްނުން ގެންގުޅޭ ބައެއް ކަމުގައި ސެކިއުލާ މީހުން ދެކެއެވެ. އަދި އެކަންކަން ބަދަލު ކުރަންޖެހޭކަމަށް ފާޅުގައްޔާއި، އެކި ގޮތްގޮތަށް ވަކާލާތުކޮށް ހަދައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ސެކިއުލާ ވިސްނުމުގެ މީހުންގެ އަޑު ގަދަ އެވެ. އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ މަރަށް މަރު ހިފުން ފަދަ ކަންކަމަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންކަން ކަމަށް މި ބަޔަކު ވަކާލާތު ކުރެއެވެ. މިކަމުން ދޭހަވަނީ އެފަދަ ބައެއްގެ ވިސްނުމުގެ ކޮށިކަން ނޫނީ ދެން ކޮންކަމެއްތޯއެވެ. އެފަދަ ބައެއްގެ ވިސްނުމުގައި މާތްﷲ ހުރުމަތްތެރި ކުރެއްވި ފުރާނައެއް ނަގާލުމުގެ ހައްގު އަނެކާއަށް ލިބިދީފައިވަނީތޯ މިއީވެސް އުފައްދަންޖެހޭ ސުވާލެކެވެ.

ސެކިއުލާ ވިސްނުމުގައި އުޅޭ މީހުން އަޅުގަނޑުމެންގެ މުޖުތަަމައު ތެރޭގައި އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެދާނެ އެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެބަޔަކު އެ ފިކުރު ފަތުރަން ގިނަ ގުނަ މަސައްކަތްތަކެއް އެބަ ކުރެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ސިޔާސީ ބައެއް ވެރިންވެސް ހިމެނެއެވެ. އެކަމަކީ މިފަދަ މީހުންނަށް އިތުރު ބާރަކަށްވެ، އެ މަސައްކަތް އިތުރަށް ހަލުވި ކުރަން ލިބޭ ފުރުސަތަކަށް ވެގެން އެބަދެއެވެ. ތިމާމެން "އައިޑޮލް" ގެ ގޮތުގައި ބަލާ މީހުންގެ އެ އުޅުން ކޮޕީކޮށްލަން ދެންތިބޭ ބަޔަކަށް މާ އުނދަގޫ ކަމަކަށް ނުވާކަން އެއީ އެންމެނަށްވެސް މިއަދު އެނގި ފަހުމްވާނެ ކަންކަމެވެ. ހާއްސަކޮށް، ސެކިއުލާ ވިސްނުމުގައި އެފަދަ މީހަކު ދައްކާވާހަކައެއް ދިފާއުކުރަން ދެން ހުންނަ މީހާ ހިތާއި ދެކޮޅަށްވިޔަސް އެދައްކާ ވާހަކައަކީ އޭގެ އެެންމެ ބޮޑު އެއް ހެއްކެވެ. މިފަދަ މީހުންނަނަކީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތް ކުރާ މީހުންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި ހެދިފައި ހުރި ގަވައިދުތަކަށް ބެލިޔަސް މިފަދަ މީހުންނާއި، އެފަދަ މީހުން ދައްކާ ވާހަކަތަކަށް ރާއްޖެއަކު ފުރުސަތެއް ނެތެވެ. އެހެން ނަމަވެސް އެފަދަ މީހުންނާއި މެދު ސަރުކާރުތަކަށް ފިޔަވަޅު އަޅަން ނުކެރިގެން މިއުޅެނީ ސިޔާސީ އެޖެންޑާތައް ފެއިލްވެދާނެ ކަމުގެ ބިރަށޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެމީހުންނަށް ފިޔަވަޅު އަޅައިފި ނަމަ ސިޔާސީ ގޮތުން ގެއްލުން ވުމުގެ ބިރު ބޮޑެވެ.

ހަރުކަށި ފިކުރާއި ސެކިއުލާ ވިސްނުމަށްވެސް ހަގީގަތުގައި ރާއްޖޭގައި ޖާގަ ދެވެމުން މިގެންދަނީ ސިޔާސީ ދާއިރާގައި އުޅޭ ބައެއްގެ އިހުމާލުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ރައްޔިތުން އެފަދަ ބަޔަކާއި ގައުމު ހަވާލު މި ކުރަނީ ވަރަށް ބޮޑެތި އުއްމީދު ތަކަކާ އެކީގަ އެވެ. ދިނާއި، ގައުމަށްވުރެ ތިމާމެންގެ އަމިއްލަ އެޖެންޑާތައް ކުރިއަރުވަން ކުރާ މަސައްކަތުގެ އާޙިރު ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. ގައުމު މިވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފަ އެވެ. މި އަދަވަޅުން ސަލާމަތްވެވޭނީ ހިކުމަތްތެރިކަމާއެކު މިކަަންކަމާއިމެދު ވިސްނާ، ރަނގަޅު ހައްލެއް ހޯދައިދީގެންނެވެ. ހަރުކަށި ފިކުރުގެ މީހުންނާއި، ސެކިއުލާ ފިކުރުގެ މީހުންވެސް "ރިހެބިލިޓޭޓް"ކޮށް ހަމަ މަގަށް އަޅުވަންޖެހެ އެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީނަކަށްވެފައި، މިފަދަ ކޮންމެ ކަމަކާވެސް ކުރިމަތިލާންވާނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިންނެވެ. މި ދެފިކުރުގެ މީހުންނަށްވުރެންވެސް ކުރިން ގައުމުގެ ލީޑަރުންގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރާ މީހުން ހަމަމަގަށް އަޅުވަން އެބަޖެހެ އެވެ. ދިނާއި ސިޔާސަތަކީ ވަކި އެއްޗަކަށް ހަދަން އެބަޔަކު އެކުރާ މަސައްކަތަކީ ކާމިޔާބު ނުވާނެ މަސައްކަތެއްކަން އެބަޔަކަށް ވިސްނައިދީ، އިސްލާމީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަ ކުރަން އެބަޔަކަށް ބާރު އަޅަން އެބަޖެހެއެވެ.

އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރުމުގެ ޒިންމާ މިއޮތީ އެންމެންގެ ބޮލުގަ އެވެ. އެ ޒިންމާއިން ރެކިއްޖެ ނަމަ، ފަހުން ލިބޭނެ ގެއްލުން މާބޮޑުވާނެ އެވެ. މި ދެފިކުރުވެސް އަޅުގަނޑުމެން ތެރެއިން ފޮހެލަންވާނީ، އެކަމުގެ ރަނގަޅުގޮތް އެބަަޔަކަށް ކިޔާދީ ސީދާ މަގު ދައްކައިދީގެން އޯގާތެރިކަމާއެކު އެވެ. އެއީ ދީނުގައިވެސް އަންގަވާފައިވާ ގޮތެވެ. ސިޔާސީ ވެރިންވެސް އަމިއްލަ އެޖެންޑާތައް އެއްކައިރިކޮށް، މިފަދަ ފިތުނަ ފަސާދައިން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އެބޭފުޅުން ހެޔޮ ހިތަކާއިގެން މަސައްކަތް ކޮށްފިނަމަ ގައުމު އަމާންކޮށް، ހަމަ މަގަށް އެޅުވޭނެ އެވެ. އެހެން ނޫންނަމަ ފަހުން އެ އެޖެންޑާތައް އިތުރަށް ކުރިޔަށް ގެންދަން ގައުމުވެސް އަތުނުޖެހި ހިނގައިދާނެ އެވެ. ބޮޑެތި އިސްލާމީ ގައުމުތައް "ފުނޑިގެން" ގޮސްފައިވަނީ މިފަދަ ހިޔާލު ތަފާތުވުންތަކުގެ ތެރޭގަ އެވެ. މިއީ ވަރަށް ނުރައްކާ ކަމެކެވެ.