އެމްޑީޕީގެ އެތެރޭގެ ކަންކަން ފުރޮޅެމުންދާ ގޮތުން ފެންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ "ފިނޑިއެއް" ކަމަށް ދައްކަން މަސައްކަތްކުރާ ތަނެވެ. އެކަން ކުރުމުގެ އެންމެ އިސް ޖަޑިބެއްގެ ގޮތުގައި ފެންނަނީ ސޯލިހްގެ އެކުވެރި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ބައިވެރިންނެވެ.
ރައީސް ސޯލިހަކީ އެމްޑީޕީގެ "އެންމެ އިސް ލީޑަރު" އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ޕާޓީ ތަމްސީލު ކުރާ ރިޔާސީ ކެނޑިޑޭޓެވެ. މިވަގުތު ދިވެހި ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާއެވެ. އާދެ ދިވެހި ޖުމްހޫރިއްޔާގެ ރައީސް އެވެ.
އެހެންނަމަވެސް މަންޒަރު ފެންނަނީ އެގޮތަކަށް ނޫނެވެ. ބައެއް ފަހަރު ކަންކަން ހިނގާ ގޮތުން، ދުރުން ބާލާ މީހާއަށް ސިފަވަނީ ރައީސް ސޯލިހަކީ "ރަމްޒީ" ބޭފުޅެއްގެ ގޮތުގައެވެ. އިނގިރޭސި ވިލާތުގައި "ރާނީ" އިންނަވާ ގޮތަށް ދިވެހި ވެރިކަމުގައި ރައީސް ސޯލިހް އިންނަވާ ތަނެވެ.
ފަހަރުގައި މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް ގަނޑުބަނޑުގެ ގޮތުން ރައީސް ސޯލިހު ބޭރަށް ދައްކަން ބައެއް ފަރާތްތަކުން ބޭނުންވާ ގޮތް ކަމަށް ވެދާނެއެވެ. ރައީސް ސޯލިހަކީ ފިޔަވަޅު އަޅަން ފަސްޖެހޭ ބޭފުޅެއްގެ ގޮތުގައެވެ. އަމިއްލަ ނަފްސަށް އިތުބާރު ނުކުރެއްވޭ "ފިނޑި" ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް އައްޔަން ކުރައްވާފަ ތިއްބަވާ ބޭފުޅުން ރައީސް ގެ ސީދާ ވިސްނުމާއި ދެކޮޅަށް މަސައްކަތް ކުރައްވާއިރު ކަހާތަން ހިރުވާ ހެންވެސް ހީނުވާ ކަހަލަ އެވެ.
ރާއްޖޭގަ މި ފަހުގެ ތާރީހްގައި ފެނުނު ގިނަ ރައީސުންނަކީ އެބޭފުޅުންގެ ދައުރުގައި އެ ރައީސެއްގެ ފުރިހަމަ ބާރު ހިންގެވި ރައީސުންނެވެ. ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރު ނިންމާލެއްވީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ރައީސް ކަމުގައި ހުންނެވި އިރު ދިމާވި ގޮންޖެހުންތަކާއި ކުރިމަތި ލެއްވީ ކެރިގެންނެވެ. އެކުވެރި ރަހްމަތް ތެރިންނާއި ހަސަދަވެރި ދުޝްމަނުން ގެ ފައިދަށުން ބިންގަނޑު ދަމައި ގަންނަން ޖެހޭ ހާލަތްތަކުގައި އެކަން ކުރުމުގައި ފަސްޖެހޭތަނެއް ނުފެނެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ބައެއް ބޭފުޅުންނަށް އިލްޔާސް އިބްރާހިމް ތަންކޮޅެއް " ސައިޒުން ބޮޑު" ކޮށް ފެންނާ ފެށިއެވެ. އިލްޔާސް އިސްވެ ހުންނަވާ މަޖިލިހުގެ ތެރެއިން ރައީސް މައުމޫނުގެ ވެރިކަން އެމަނިކުފާނުގެ އަތްޕުޅަށް ފުރޮޅާލަން މަސައްކަތްކުރެއްވިއެވެ. ހޮނު ގުގުރިއެއް ޖެހި ފަދައިން "ސައިޒުން ބޮޑު" ކަމަށް ފެނުނު އިލްޔާސް ހަމަ ބިމަށް ތިރި ކުރެއްވިއެވެ. ރައީސް މައުމޫނާއި ދެކޮޅަށް އިލްޔާސް އަށް ބައިއަތު ހިއްޕެވި "ހާއިނުން" ދެނެގަތެވެ. ސަރުކާރު ތެރެ ސާފުކުރިއެވެ. މެޑަލް ދެއްވަން ޖެހުނު ބޭފުޅުންނަށް މެޑަލް ދެއްވިއެވެ. ސަރުކާރު ތެރެއިން ނެރެ ފައްސާލަން ޖެހުނު ބޭފުޅުން ފައްސާލެއްވިއެވެ. އަދި އަތުގަ ހިފާ "ހޫރާލަން" ޖެހުނު ބޭފުޅުން ދެން ދުވަހަކުވެސް ގާތް ނުވާހާ ދުރަށް ހޫރާލެއްވިއެވެ. ރައީސް މައުމޫނު ބުނާ ކަހަލައެވެ. ތިމަން މަނިކުފާނު ނޫން ރައީސަކު ނުހުންނާނެ އެވެ. ތިމަން މަނިކުފާނާ އެގޮތަށް ޗެލެންޖްއެއް ނުކުރެއްވޭނެ އެވެ.
ރައީސް ޔާމީނުވެސް ހަމަ އެފަދަ އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ޔާމީނާކީ "ބޮސް" ކަން ނުދަންނަ ބޭފުޅެއް ސަރުކާރުގައި އަދި ދައުލަތުގެ މަގާމެއްގަވެސް ނޫޅުއްވައެވެ. އެމަނިކުފާނާ ޗެލެންޖް ކުރުމަކީ ނުވާނެ ކަމެއްކަން ނައިބް ރައީސް އަދީބާއި މެދު ކަންތައްވި ގޮތުން ހާމަވެއެވެ. އަދި އޭގެ ފަހުން ރައީސް މައުމޫން އެކަހެރިކޮށް މާފުށީ ޖަލައްލެއްވުމުން އެކަން މާ ބޮޑަށް ސާފުވެގެން ދިޔައެވެ. ރައީސް ޔާމީނުވެސް ބުނާކަހަލަ އެވެ. ތިމަން މަނިކުފާނަކީ ޕާޓީގެ ވެސް ސަރުކާރުގެ ވެސް އެންމެ އިސްވެރިޔާ އެވެ. ތިމަންމަނިކުފާނުގެ ރިޔާސަތުގައި ތިމަން މަނިކުފާނުގެ އެޖެންޑާ ނޫން އެހެން އެޖެންޑާއެއް ނުހިންގޭނެއެވެ. އެހެން ނަމަވެސް މިވެރިކަން މުޅިންތަފާތެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފެންނަނީ ރައީސް ސޯލިހްގެ ވެރިކަމުގެ ބާރާއި މެދު އެމްޑީޕީގެ ލީޑަޝިޕުން ސުވާލު އުފައްދާތަނެއެވެ. ހާއްސަކޮށް ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ބައިވެރިންނެވެ. ކުރީ ކޮޅު ފާޑުކިޔުންތައް އަމާޒުވީ ނުސީދާ ކޮށެވެ. މިހާރު ފާޅުގަ އެވެ. އެއްވެސް ފޮރުވުމެއް ހުރަހެއް ނެތިއެވެ.
ރިޔާސީ އިންތިހާބަށް ހަ އެއްކަ މަހައްވީއެވެ. އެމްޑީޕީ ގެ އެތެރޭގެ ހަމަ ނުޖެހުން ބޮޑުވެ ޕާޓީ ތެރެއިން ޕާޓީއެއް އުފެދި ހަރަކާތްތެރިވަނީ އެވެ. އާދެ "ފިކުރެއްގެ ދިރުން" ކުރި ލައި ފަޅަމުން ދަނީއެވެ. ހިތާމައަކީ އެމްޑީޕީ ތެރެއިން ކުރިލާ ފޮޅެމުންދާ ފިކުރެއްގެ ދިރުމުގެ މިސްރާބު ހުރީ ސިދާ ރައީސް ސޯލިހާ އިދިކީލިއަށް ކަމެވެ. ފިކުރެއްގެ ދިރިމުގެ މައި އާރުކާޓީއަކީ ރައީސް ނަޝީދެވެ.
މިކަން ނުހުއްޓުވި ދިގުލައިގެން ދަނީއެވެ. މިކަން ހުއްޓުވޭ ވަރުގެ އާރުލާ ބޭފުޅަކު އެމްޑީޕީގެ ލީޑަޝިޕުން އަދި ފެންނާކަށް ނެތެވެ. ހާރަކަސް ތަރާވީހަކަސް ހުރީ ޗެއާޕާސަން ފާއްޔާޒް އިސްމާއިލްއެވެ. ދޭތެރެ ދޭތެރެއިން ކިރިޔާވެސް އެއްޗެއް ބުނެލަނީ އެބޭފުޅާއެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއި ހުރެ އެއްޗެއް ބުނުން ފިޔަވާ އެހެންކަމެއް އެބޭފުޅާއަކަށްވެސް ނުކުރެވެއެވެ. ކޮންމެވެސް ހިސާބަކުން ހުއްޓެނީއެވެ. ނުވަތަ ހުއްޓުވަނީއެވެ.
ދެން އޮތީ ސަރުކާރެވެ. ސަރުކާރުތެރޭ ވެސް ފެންނަނީ އެމަންޒަރެވެ. އެންމެ ކައިރިން ރައީސް އޮފީހެވެ. ރައީސް އޮފީހުގެ ވަޒީރުންނެވެ. އެއްބަޔަކު ތިބީ ސީދާ ރައީސް ސޯލިހާ ދެކޮޅަށެވެ. ހަމަ ވަޒީފާގައެވެ. އެބޭފުޅުންނާއި ދެކޮޅަށް އެޅުނު ފިޔަވަޅެއް ނެތެވެ. ކުރެވުނު އެއްކަމެއް ނެތެވެ.
ދެން މިހާރު މި ފެންނަނީ ސަރުކާރު ކުންފުނިތަކުގެ ވެރިންނެވެ. މި ފަހުން ފެނުނީ ސަރުކާރު އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ އެމްޑީ އަމްރު ޖޭޕީ ގެ އޮފީހަށް ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ވަޑައިގެން މަޝްވަރާ ކުރާ މަންޒަރެވެ. ރައީސް ސޯލިހަށް އެންގޭ ކަމަކަށް ނުވެއެވެ. އެމްޑީޕީން ގެ މަންދޫބުން ނޫންކަމަށް ޗެއާޕާސަން ފައްޔާޒް ވިދާޅުވެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އެކަހަލަ ގޮތެކެވެ. އެއްބަޔަކު ރައީސް ސޯލިހަށް ފާޅުގައި ފާޑުކިޔަނީ އެވެ. ސަރުކާރު ސިޔާސަތުތައް ގޯސްކަމަށް ބުނެ އަޑު އުފުލަނީ އެވެ. އެކަމަކު ސިޔާސީ މަގާމު ތަކާއި ކުންފުނިތަކުގެ އެމްޑީންނާއި ވަޒީރުންނަކީ ސިދާ ރައީސުލްޖުމްހުރިއްޔާ ގެ ބާރުގެ ތެރެއިން އެބޭފުޅާ ނަންހުށައަޅުއްވާ ނުވަތަ އައްޔަންކޮށް ވަޒީފާ ދެއްވާ ފަރާތްތަކެވެ. އެބޭފުޅުންގެ ތެދުވެރިކަމާއި ވަފާތެރިކަން ރައީސުލްޖުމްހޫރިއްޔާއަށް ނެތްއިރު އެބޭފުޅުންނަށް ފިޔަވަޅު ނޭޅުމުން ފެންނަނީ ލީޑަޝިޕްގެ ބަލިކަށިކަމެވެ. ނިކަމެތިކަމެވެ. ފިނޑިކަމެވެ.
މިހުރިހާ ކަމަކުން ބޭރުގަ ކުޅިބަލަން ތިބޭ ހުރިހާ އެންމެނަށް ވެސް ފެންނަނީ ހަމަ އެންމެ މަންޒަރެކެވެ. ރައީސް ސޯލިހަށް ފިޔަވަޅެއް އަޅަން ކެރިވަޑައި ނުގެން ހަނު ހުންނަވާތަނެވެ.
ފަހަރުގައި ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ ގޮތްކަމުގައި ވެދާނެއެވެ. އެއީ ބޭރުން ބަލަން ތިބޭ މީހުންނަށް ރައީސް ސޯލިހަކީ "ފިނޑި" އެއްކަމަށް ދެއްކުމުގެ ބޭނުމުގައެވެ. ސަރުކާރު ތެރޭ ވެސް އަދި ޕާޓީ ތެރޭ ވެސް ރައީސް ނަޝީދުގެ ވަފާތެރިންނާއި ކުރިމަތި ލުމުގެ ހިތްވަރު ރައީސް ސޯލިހް ކިބައިގައި ނުހުންނާނެ ކަމައް ދެއްކުމެވެ.