އުމުރުން 13 އަހަރުގައި ކޯޓުން ބޭރުގައި ކައިވެނި ކުރުވި އަންހެން ކުއްޖާގެ މައިންބަފައިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.
ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅެ، އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ އުމުރުން 13 އަހަރުގެ އެ އަންހެން ކުއްޖާގެ މައިންބަފައިން ފުލުހުން ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އެ ކުއްޖާގެ މައިންބަފައިންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. ދެ މީހުންނަށް ވަކިން ކްރިމިނަލް ކޯޓުން ކުރި އަމުރުތަކުގައި ބުނެފަައި ވަނީ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ މި މަހުގެ ނިޔަލަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން އެ އާއިލާގައި ހިމެނޭ ހަ ކުދިން ވަނީ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ދައުލަތަށް ނަގައިފަ އެވެ. ކައިވެނީގެ ނަމުގައި އެ އަންހެން ކުއްޖާއާ އިން ފިރިހެން މީހާ އޭނާއާއެކު ގުޅުން ހިންގައި އޭނާގެ ދަރިއަކަށް އެ ކުއްޖާ ބަލިވެ ބައިންދާ، އެކުއްޖާ ދާދި ފަހުން ވަނީ ވިހައިފަ އެވެ.
އެ މައްސަލާގައި އެ އަންހެން ކުއްޖާއާ ކައިވެނީގެ ނަމުގައި ނަހަމަ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ އިސްމައީލް އަހްމަދު ވެސް ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. ކުޑަ ކުއްޖަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ބަންދަށް މިދިޔަ ހަފުތާގައި ވަނީ 15 ދުވަސް ޖަހައިފަ އެވެ.
13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނިކޮށް ބަލިވެ އިނދެ ވިހާފައިވާ ކަން ހާމަވެގެން ދިޔައީ، ދާދި ފަހަކުން ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި އެ އަންހެން ކުއްޖާއާ އިނދެގެން އުޅޭ ފިރިހެން މީހާއަށް އެ ދޯނީގައި އުޅޭ އެހެން މީހަކު ހަމަލާ ދިން މައްސަލައިގެ ތެރެއިންނެވެ. އޭނާއަށް ހަމަލާ ދިން މީހާއަކީ ވެސް ހަރުކަށި ވިސްނުމުގެ މީހެއް ކަމަށް ތުހުމަތު ކުރެވެ އެވެ.