ޓެރަރިޒަމް

"ޓެރަރިސްޓް ޖަމާއަތަކުން ފައިސާ ހޯދީ ސަލާން ޖަހައިގެން"

ފޭސްބުކް އެކައުންޓްތަކެއް މެދުވެރިކޮށް އެމެރިކާގެ ޓެރެރިސްޓުންތަކެއްގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހދ. ނޭކުރެންދޫ ޝާޒިން، މުހައްމަދު މުނާޒް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށް، އެއީ ސަލާން ޖަހައިގެން ހޯދި ފައިސާ ކަމަށް ބުނެފި އެވެ.

މުނާޒްގެ މައްޗަށް 2019 ވަނަ އަހަރު ދައުލަތުން ދައުވާކުރީ "އަބޫ ޔޫސުފް" އާއި "އަބޫ މިޝްކާ" ގެ ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓްތަކަކުން އައިއެސްގެ ޓެރަރިޒަމަށް ހިތްވަރުދޭ ބަޔަކާ މުއާމަލާތްކޮށް ފައިސާ ހޯދާފައިވާ މައްސަލައެއްގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާ އެފައިސާ ހޯދާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ފަންޑު ކުރަން ކަމަށް ވެސް ދައުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށައިފައިވާއިރު މުނާޒްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ސިއްރު ރިޕޯޓަކާއި ޕޮލިސް އިންޓެލިޖެންސްގެ ސިއްރު ރިޕޯޓެއް ހުށަހަޅާއިފަ އެވެ. އެ ރިޕޯޓުތަކަކީ މި ދެ ފޭސްބުކް އެކައުންޓުން މުނާޒް ކޮށްފައިވާ ޕޯސްޓްތަކަކާއި ގުޅިގެން ނެރެފައިވާ ރިޕޯޓުތަކެއް ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓުތަކާ ގުޅޭގޮތުން މުނާޒްގެ ފަރާތުން ދިފާއީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވެފައި ވަނީ އެ ފައިސާ މުނާޒު ހޯދާފައި ވަނީ ވެސްޓާން ޔޫނިއަން މެރުވެރިކޮށް ކަމަށާއި އެެއީ ކިހިނެއް އަދި ކޮން ބޭނުމެއްގައި ހޯދާފައިވާ ފައިސާކަން އެ ރިޕޯޓުން އެނގެން ނެތް ކަމަށެވެ. ނަމަވެސް އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހަކު އަތުން މުނާޒް ފައިސާ ހޯދިކަން ދޮގެއް ނުކުރައްވަ އެވެ.

ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ މުނާޒް އެ ފައިސާ ހޯދާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލާން ޖަހާ އުސޫލުން އެކި މީހުން ކައިރީ ފައިސާ ހޯދަން އެދުމުގެ ތެރެއިން ކަމަށެވެ. އަދި މުނާޒް އެގޮތަށް ހޯދާފައިވާ ފައިސާގެ އަދަދަށް ބަލާއިރު އެއީ ޓެރަރިސްޓް ޖަމާއަތެއް ހިންގޭނެ އަދަދެއް ނޫން ކަމަށް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި މި މައްސަލައިގައި ކޮށްފައިހުރި ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު ކާކުކަން ނޭންގޭ ގޮތަށް ޝަހުސު އޮޅުވާލައިގައި މަކަރާ ހީލަތުން ފައިސާ ހޯދި ކަމުގެ ކުށުގެ ދައުވާއެއް އުފުލުން މާ ރަނގަޅު ވާނެ ކަމަށް ވެސް ދިފާއީ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި މުނާޒް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރު ވެސް ވަނީ ދަމަހައްޓައިފަ އެވެ.

މުނާޒްއަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ފަހަރު މަތިން ޓެރަރިޒަމްއަށް ހިތްވަރުދޭ ޕޯސްޓްތައް ކޮށްފައިވާ މީހެކެވެ. އޭނާ ވަނީ ދިވެހި ދައުލަތަކީ ކުރުފުވެފައިވާ ދައުލަތެއް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީސް މެމްބަރުންނަކީ ވެސް ކުފުރުވެފައިވާ ބައެއް ކަމަށް ބުނެ ފޭސްބުކްގައި 2018 ވަނަ އަހަރު ޕޯސްޓްތަކެއް ކޮށްފަ އެވެ.