ކްރިމިނަލް ކޯޓް

ހިޔާގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލައިފި

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހު އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ވެސް ޖަހާފަ އެވެ.

ކްރިމިނަލް ކޯޓުން އެ މީހާ ދޫކޮށްލާފައި ވަނީ އޭނާގެ ބަންދު މުއްދަތު މުރާޖައާ ކުރަން ކޯޓަށް ގެންދިއުމުންނެވެ. އޭނާ ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މީހާ ދޫކޮށްލަން ފުލުހުން އިއުތިރާޒް ނުކުރާތީ ޝަރުތު ކޮށްފައި ދޫކޮށްލާ ކަަމަށެވެ. އަދި އެމީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި، ވަނީ ދޫކޮށްލަން ފުލުހަށް އަމުރު ކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީން ހިންގާ ކުޑަކުދިންގެ ހިޔާގައި ހުންނަންޖެހޭ ކުއްޖަކަށް ކޮޓަރިއެއްގައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުވާ މީހާ އެ އަމަލު ހިންގާފައިވާ ކަން ސާބިތު ކުރަން ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ. އަދި ފުލުހުންނަށް އެ ކުއްޖާ ފެނިފައި ވަނީ ވެސް ތުހުމަތުވާ މީހާގެ ކޮޓަރިންނެވެ.

އެމީހާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ އެ މީހާ، ކުއްޖާގެ ވިސްނުމާ ކުޅުމަށް ގުރޫމް ކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ވެއެވެ.

ތުހުމަތު ކުރާ މީހާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑް އޮތް އެ މީހާ ވަނީ ފުލުހުންގެ އެ ތުހުމަތަށް އިންކާރު ކޮށްފަ އެވެ.