ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރު ކޮށްފި އެވެ.
ތުހުމަތުވާ މީހާ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހީ އިއްޔެ އެވެ.
ގާޒީ ދީބާ ނާޒު ފަހްމީ ނެރުއްވާފައިވާ ކޯޓު އަމުރުގައިވާ ގޮތުން ޖެންޑާ މިނިސްޓްރީން ހިންގަމުންދާ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ކުއްޖާއާއެކު ތުހުމަތުވާ މީހާ ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަން ސާބިތު ކުރަން ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ. އަދި ފުލުހުންނަށް އެ ކުއްޖާ ފެނިފައިވަނީ ވެސް ތުހުމަތުކުރެވޭ މީހާގެ ކޮޓަރިންނެވެ.
އަމުރުގައިވާ ގޮތުން އެ މީހާ ވަނީ ކުއްޖާގެ ވިސްނުމާ ކުޅުމަށް ގުރޫމް ކުރަން މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
ތުހުމަތުކުރެވޭ މީހާގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑް އޮތް އެ މީހާ ވަނީ ފުލުހުންގެ ތުހުމަތަށް އިންކާރު ކޮށްފަ އެވެ.
އޭނާ ބުނެފައި ވަނީ ތުހުމަތުކުރާ ފަދަ ގޯސް އަމަލެއް ކުއްޖާއާއެކު ނުހިންގާ ކަމަށާއި އެ ކުއްޖާ އޭނާގެ ގެއަށް ގޮސް އުޅޭކަން ހިޔާގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި އޭނާގެ ބަންދަށް ލުއި ދިނުމަށް ވެސް ކޯޓުގައި އެދުނެވެ. ކޯޓުން އެ މީހާގެ ބަންދަށް 10 ދުވަސް ޖެހީ އޭނާ ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒުފޯރުވުމާއި މުޖުތަމައުއަށް ނުރައްކާ ވުމުގެ ފުރުސަތު އޮތުމުންނެވެ.