ހަބަރު

ބައިނަލްއަގުވާމީ ފެންވަރުގެ ހަ ބެޑްމިންޓަން ހޯލް އަޅަން އިއުލާންކޮށްފި

ބައިނަލްއަގްވާމީ ފެންވަރުގައި ހަ ރަށެއްގައި އިންޑޯ ބެޑްމިންޓަން ހޯލެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޔޫތް މިނިސްޓްރީގެ އެދުމުގެ މަތިން ހަ ރަށެއްގައި އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ ހަ ރަށަކީ ޏ. ފުވައްމުލަކާއި، ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫއާ، ލ. ގަން އަދި ޅ. ނައިފަރުގެ އިތުރުން ދ. ކުޑަހުވަދޫ އެވެ.

މި މަޝްރޫއުތަކުގެ ކޮންމެ ބީލަމެއްގައި ބައިވެރިވާން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެ ގޮތުން ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓް

ކޮންމެ މަޝްރޫއެއްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ 40،000 ރުފިޔާ އެވެ. އެ ގޮތުން ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބިޑް ހުޅުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ނުވަތަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

ހަ ރަށެއްގައި އިންޑޯ ބެޑްމިންޓަން ހޯލެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު، އައްޑޫ ސިޓީ ހިތަދޫގައި ވަނީ ބެޑްމިންޓަން ކޮމްޕްލެކްސްއެއް ގާއިމުކޮށް މިދިޔަ އޮކްޓޯބަރު މަހު އެ ތަން ހުޅުވައިފަ އެވެ. 6.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ ތަނަކީ ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ހަދާފައިވާ ބެޑްމިންޓަން ހޯލެކެވެ. އެއީ ޔޫތް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން ގެންދިޔަ މަޝްރޫއެކެވެ.