ހަބަރު

ފުށިދިއްގަރު މައްސަލާގަައި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅައިފި

ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ސަރުކާރުން ހިލާފުވެފައިވާ ކަމަށްބުނެ، ސިންގަޕޫރު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއާ ދެމެދު ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްގީ ކުރުމާ ގުޅޭގޮތުން 18 ޖަނަވަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ހިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް މިދިޔަ ބިދަ ދުވަހު ހުށަހަޅާފައިވާކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން އެ މައްސަލައަކީ، ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް ޢިމާރާތް ތަރައްގީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާ ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ އޮފީހުން ބުނީ، އެ މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށާއި، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން ފާހަގަ ކުރާ ކަމަށެވެ.