ސިޓިޒެންސޝިޕް ބިލަށް ގެނައި އިސްލާހާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ބޭއްވި އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޖަރުކަންދުގެ އިންތިހާބުން، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް މެޖޯރިޓީ ގެއްލޭނެ ކަމަށް ދައްކައިފި އެވެ.
ޖަރުކަންދުގެ އާބާދީއަކީ 32 މިލިއަން އެވެ. ބީޖޭޕީއިން 2014 ވަނަ އަހަރު އެ ސްޓޭޓުގެ މަޖިލިސް ގޮޑި ކާމިޔާބުކުރީ އެ ސްޓޭޓުގެ ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ. އޭރު މޯދީގެ ސަރުކާރު އުފައްދަން ބޭނުންވާ ވަރަށް ވޯޓު ހަމަވީ ޖަރުކަންދު ސްޓޭޓުންނެވެ. ބީޕޭޖީ އާއި އޯލް ޖަރުކަންދު ސްޓޫޑެންޓް ޔޫނިއަން ޕާޓީ ގުޅިގެން އެ ފަހަރު 42 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ.
އިންޑިއާގެ ސްޓޭޓްތަކުގައި އެ ސްޓޭޓެއްގެ އަމިއްލަ ރައްޔިތުންގެ މަޖިލިހެއް އޮވެ އެވެ. ސްޓޭޓް ސަރުކާރު އުފެއްދޭނީ އެ މަޖިލިހުގެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީ ނުވަތަ އިއްތިހާދަށެވެ.
މިހާތަނަށް ގުނިފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ ދައްކާގޮތުން، މި ފަހަރުގެ އިންތިހާބު އިދިކޮޅު ކޮންގްރެސް އާއި އިދިކޮޅާ ގުޅިފައިވާ ޖޭއެއްއެމް ޕާޓީއިން ކާމިޔާބުކުރާނެ އެވެ. އެހެންކަމުން މިއީ ބީޖޭޕީއަށް ލިބޭނެ ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ. މިއާއެކު ސަރުކާރު ދެމިއޮންނާނެ ކަމާމެދު ޝައްކު އުފެދެ އެވެ. ޖަރުކަންދު އިންތިހާބުގައި އާންމުން ވޯޓު ލީ އެ ސްޓޭޓްގައި ހުރި މައްސަލަތަކަށް ބިނާކޮށެވެ. އެކަމަކު ބީޖޭޕީ ބަލިވެއްޖެ ނަމަ އޭގެ މާނައަކީ އެ ޕާޓީގެ ސިޔާސަތުތަކާ ގިނަ މީހުން ދެކޮޅުވުން ހާމަަވުމެވެ.
ބީޖޭޕީއިން އިސްވެހުރެ މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަން ނުލިބޭގޮތަށް ސިޓިޒެންޝިޕަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ ބޮޑެތި ހިސާބުތަކުގައި ހަމަނުޖެހުން އުފެދިފައިވާތާ މިއަދު މިއީ 12 ވަނަ ދުވަހެވެ، މި ހަމަނުޖެހުންތަކުގެ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ފަސް މީހަކު މަރުވެފައިވާއިރު އިތުރު 13 މީހަކު ވަނީ މުޒާހަރާ ތެރެއިން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.