ޔުވެންޓަސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން މޮޅުވެ އިޓާލިއަން ސްޕަ ކަޕްގެ ތަށި ލާޒިއޯ އިން ކާމިޔާބު ކޮށްފި އެވެ.
އިޓާލިއަން ސުޕަ ކަޕަކީ، އިޓަލީގެ ލީގް ޗެމްޕިއަނުންނާއި އިޓާލިއަން ކަޕްގެ ޗެމްޕިއަނުންނާ ދެމެދު ކޮންމެ އަހަރަކު ކުޅޭ ޓްރޮފީ މެޗެކެވެ. ސައުދީ އަރަބިއްޔާގައި ކުޅުނު ސްޕަ ކަޕްގައި، އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ލާޒިއޯ އިން ކާމިޔާބު ކުރީ ދެ ވަނަ ހާފަުގައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ.
ފުރަތަމަ ހާފުގައި ނަތީޖާ ނިމުނީ 1-1 އެއްވަރުވެގެންނެވެ. ފުރަތަމަ ލީޑް ނެގީވެސް، މި ސީޒަންގައި މައުރީޒިއޯ ސާރީގެ ޔުވެންޓަސް ބަލި ކުރި ހަމައެކަނި ޓީމު ލާޒިއޯ އިންނެވެ. ލާޒިއޯ އިން ވަނީ އިޓާލިއަން ލީޑްގައި މި މަހުގެ ހަތް ވަނަ ދުވަހު ޔުވެންޓަސް ބަލި ކޮށްފަ އެވެ. ރޭގެ ސުޕަ ކަޕްގެ މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ސާޖް މިލަންކޮވިޗް ސަވިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ލުއިސް އަލްބާޓޯ އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕައުލޯ ޑިބާލާ އެވެ. ލަޒިއޯއިން މެޗުގެ ލީޑް އަލުން ނަގައި ފުޅާ ކުރީ ދެ ވަނަ ހާފުގެ އެންމެ ފަހު 20 މިނެޓްތެރޭގަ އެވެ.
އެ ޓީމުގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެނާޑް ލުލިޗް އެވެ. ލާޒިއޯގެ ތިން ވަނަ ލަނޑު ޑަނިލޯ ކަޓާލްޑީ ކާމިޔާބު ކުރީ މެޗުގެ 90 ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ހަތަރު ވަނަ މިނެޓްގަ އެވެ.