ހަބަރު

ކުށްކުރުން އިތުރުވާތީ މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

މާލެ ސަރަހައްދުގައި ވައްކަން ފަދަ ކުށްކުރުމުގެ މައްސަލަތައް ހުށަހެޅެމުންދާ މިންވަރު އިތުރުވާތީވެ މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެއިން ފެށިގެން މާލޭގައި އެ މުއައްސަސާއިން ހިންގާ އެ ހާއްސަ އޮޕަޝަރޭނަކީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގައި ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު އިތުރުވުމުގެ އިތުރުން ކުރިއަށް އޮތް އާ އަހަރަށް މާލޭގެ ރަށު ތެރޭގައި ކުށް ކުރުން މަދު ކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

އެ އޮޕަރޭޝަންގެ ތެރޭގައި މާލޭގެ ރަށުތެރެ ފުލުހުން ރަނގަޅަށް ބެލެހެއްޓުމުގެ ގޮތުން، މީހުން ހުއްޓުވައި ސުވާލު ކުރުމުގެ އިތުރުން އުޅަނދުފަހަރު ހުއްޓުވައި ބަލައ ފާސް ކުރުން ފަދަ ކަންކަން ކުރިއަށް ދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށާފައިވާއިރު ވޭތުވެދިޔަ ހަފުތާގައި ފުލުހުން ވަނީ މާލޭން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސައިކަލު ހޯދައިފަ އެވެ. އަދި މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދޭ ބައެއް ފަޅުގެތައް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މީހުން ވެސް ފުލުހުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ.