ހަބަރު

ބޮޑު "ބަޖިޔާ ގާ" ހޯދައިފިން: މޭޔަރު

ކުރީގެ އަޑި ޕާކްގައި ބަހައްޓާފައި ހުރި ބޮޑު "ބަޖިޔާ ގާ" މޮނިއުމަންޓް ހޯދާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލެއާއި ހުޅުލެ ގުޅާލަދިން "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ހެދުމުގެ މަސައްކަތް ފެށުމާ ހަމައަށް އަޑި ޕާކް ތެރޭގައި ހުރި "ބަޖިޔާ ގާ" މޮނިއުމަންޓަކީ މާލެ ވަށާ ޓެޓްރަޕޮޓް ބޭނުންކޮށްގެން ހަދާފައިވާ ބޭރު ތޮށީގެ ރަމްޒެކެވެ. ޖަޕާން ސަރުކާރުގެ އެހީގައި މާލެ ވަށާ ޖަހާފައިވާ ބަޖިޔާ ގާ ނުވަތަ ޓެޓްރަޕޮޓަކީ މާލޭގެ ސަލާމަތަށް އޭރު ލެވުނު މުހިންމު ތޮއްޓެކެވެ.

އެ މަޝްރޫއަށްފަހު އެ ކަމުގެ ތާރީހީ ހަނދާނެއްގެ ގޮތުގައި އަޑި ޕާކްގައި ބޮޑު "ބަޖިޔާ ގާ" ވަނީ ބަހައްޓާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރިޖްގެ މަސައްކަތް ފެށުމަށް އެ ގައު ވަނީ އެ ތަނުން ނަގާފައެވެ. އޭގެ ފަހުން އެ ގަލަށް ވީގޮތެއް އެނގިފައެއް ނުވެއެވެ.

ޓްވިޓާގައި މީހަކު ވަނީ ބޮޑު "ބަޖިޔާ ގާ" ވީތަނެއް އެނގޭތޯ ސުވާލު ކުރައްވާފައެވެ. އަދި މިސަރުކާރުން ހަދަމުންދާ "ޖަޒީރާ ޕާކް" ގައި އެ ގައު ބެހެއްޓުން ނުވަތަ ދާރުލްއާސާރުގައި އެ ގައު ބެހެއްޓުން ކިހިނެތްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ބޮޑު "ބަޖިޔާ ގާ" ހޯދާފައިވާ ކަމަށެވެ.

"ޖަޕާން ސަރުކާރުން މާލެ ވަށާ ލައިދިން ތޮށިގަނޑުގެ ހަނދާނުގައި ދީފައިވާ މޮނިއުމަންޓް އެއްލާލައިގެން ނުވާނެ ނޫންތޯ." ޝިފާގެ ޓްވީޓްގައިވެއެވެ.