ކުޅިވަރު

ދަނޑު ބޭރުންވެސް ޓޮޓެންހަމް ބަލިވެއްޖެ

ޗެލްސީ އަތުން 2-0 ން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވުމުގެ އިތުރަށް ސްޕާސްގެ ސަޕޯޓަރުން ޗެލްސީގެ އެންޓޯނިއޯ ރޫޑިގާއަށް ކުރިމަތި ކުރި ނަސްލީ ދިމާކުރުންތަކާ ހެދި ދަނޑުގެ ބޭރުންވެސް ޓޮޓެންހަމް ބަލި ވެއްޖެ އެވެ.

ޓޮޓެންހަމްގެ ސްޓޭޑިއަމްގައި ހަރުކޮށްފައިވާ އަޑުގަދަ ކުރާއިން އަމިއްލަ ސަޕޯޓަރުންނަށް ތަކުރާރުކޮށް އަންގަމުން ދިޔައީ ނަސްލީ އިމްތިޔާޒުގެ ބަސްތައް ބޭނުން ނުކުރުމަށެވެ. އެންމެ ފުރަތަމަ ގޮވާލުން ގޮވާލީ ދެ ވަނަ ހާފު ދެ ބައިވި ތަނުންނެވެ. ފުރަތަމަ ގޮވާލުމުންވެސް ސްޕާސްގެ ސަޕޯޓަރުން މައިތިރި ނުވުމުން މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އަނެއްކާވެސް ގޮވާލި އެވެ. ދެން އެ އިއުލާން ގޮވާލީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

ޓޮޓެންހަމްއިން ބުނީ، އެ މައްސަލަ ޗެލްސީ އާ ގުޅިގެން ތަހްގީގް ކުރަމުން އަންނަ ކަމަށެވެ. "ނަސލީ އިމްތިޔާޒު އަހަރެމެންގެ ސްޓޭޑިއަމްގައި ގެންގުޅުން އަހަރެމެންނަކަށް ބަލައެއް ނުގަނެވޭނެ." ޓޮޓެންހަމްއިން ބުނެފައި ވެއެވެ. "އެކަމުގައި ޝާމިލުވާ ވަކި ފަރުދުންނަށް ސްޓޭޑިއަމްއަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އަޅާނަން."

ޗެލްސީގެ ކެޕްޓަން ސެޒޭ އަޒިޕްލިކްއޭޓާ ބުނީ، ޓޮޓެންހަމްގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާ ކުރަން ފެށުމުން އެ މައްސަލަ ރޫޑިގާ އައިސް ބުނީ އޭނާގެ ގާތުގައި ކަމަށެވެ. އަދި ރެފްރީއާ ހަމައަށް އެ މައްސަލަ ގެންދިޔައީ އޭނާ ކަމަށެވެ.

"ޓޯނީ [އެންޓޯނިއޯ ރޫޑިގާ] އަހަރެން ކައިރީ އައިސް ބުނި ޓޮޓެހަމްގެ ސަޕޯޓަރުން ތިމަންނައަށް ނިސްބަތްކޮށް ރެސިޒަމް ލަވަ ކިޔަމުން ދާ ކަމަށް،" އަޒިޕްލިކްއޭޓާ ބުންޏެވެ. "އަހަރެން ރެފްރީ އާ ހަމައަށް އެ މައްސަލަ ގެންދިޔައީ އެކަމުގައި ކަން ކުރެވޭނީ ރެފްރީއަށް ކަމަށްވާތީ."

ޓޮޓެންހަމްގެ ސަޕޯޓަރުން ރޫޑިގާ އާ ދިމާކޮށްލީ އެ ޓީމުގެ ފޯވަޑް ސަން ހިއުންގް މިން ރޫޑިގާއަށް ކުރި ޗެލެންޖުގައި ސަން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ހިސާބުންނެވެ. ޓޮޓެންހަމްގެ ކޯޗް ހޯޒޭ މޮރީނިއޮ ބުނީ ނަސްލީ ގޮތުން ދިމާކުރުމަކީ ހަޖަމް ކޮށްގެން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރިން އޭނާ ކާމިޔާބު ހޯދައިދީފައިވާ ޗެލްސީ އަތުން މިހާރު އޭނާގެ ޓީމު ޓޮޓެންހަމް ބަލިވީ ފުރަތަމަ ހާފުގައި ވިލިއަން ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަޓޭއޯ ކޮވަސިޗް ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.