ހަބަރު

އަންހެން މެމްބަރުންގެ ދާއިރާތަކުގެ ގުރު ނެގުން ބުދަ ދުވަހު

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ދާއިރާތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަށް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އަންނަ ބުދަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 އިންސައްްތަ ގޮނޑި ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށާއި ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ވަނީ އިތުރުވެފަ އެވެ. އަދި ކުރިއެކޭ އެއް ގޮތަށް ސިޓީ ކައުންސިލްތަކަށް ކޮންމެ ދާއިރާއަކުން އިންތިހާބު ކުރާނީ ކައުންސިލަރެކެވެ. ނަމަވެސް މޭޔަރު އިންތިހާބު ކުރަނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.

ގާނޫނުގައި ބުނާ ގޮތުން ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ކަނޑައަޅަނީ އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތަކުގެ މެދުގައި ގުރު ނަގައިގެންނެވެ. ހުރިހާ ދާއިރާގެ މެދުގައި ގުރު ނެގުމުގެ ބަދަލުގައި ސިޓީގެ ކޮންމެ އަވަށަކުން ނޫނީ ރަށަކުން ވަކިން ގުރު ނަގަން ނިންމީ ހުރިހާ އަވަށަކުން ހަމަހަމަކޮށް ގޮނޑި ބަހައްޓަން ކަމަށް އީސީން ބުނެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ 39 ކައުންސިލަރުންނެވެ.