ލައިފްސްޓައިލް

"ޗަޕާކް"ގެ ސަބަބުން ދީޕިކާގެ ޑިޕްރެޝަން މައްސަލަ ގޯސްވަނީ

ދިޕިކާ ޕަދުކޯން ވަނީ ޑިޕްރެޝަންގެ މައްސަލަތައް ދިމާވި އެކަމާ އޭނާ ހަނގުރާމަ ކުރި ގޮތް ވަރަށް ތަފްސީލުކޮށް މީޑިއާ ތަކަށް ކިޔައިދީފަ އެވެ. އަދި އެ މައްސަލައިން އަރައިގަތުމަށްފަހު ދިޕިކާ ވަނީ ޑިޕްރެޝަން އަށް އާއްމުން ހޭލުންތެރި ކުރުވުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އިންޑިއާގައި ނަފްސާނީ މައްސަލަތައް އެންމެ ގިނަ ހިސާބުތަކަށް ގޯސް އެހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ވޯކްޝޮޕްތައް ބާއްވައިދީ އަދި ޚުދް އޭނާ ވެސް އެމީހުންނާ މުޚާތަބުކޮށް މި ބައްޔާ ބެހޭ ވަރަށް ގިނަ މައުލޫމާތު ވަނީ ދީފަ އެވެ.

ޑިޕްރެޝަން އާ ހަނގުރާމަކޮށް އެ ހަނގުރާމަ ފަތަހަ ކުރިތާ އެތައް އަހަރެއް ފާއިތުވުމަށްފަހު މިހާރު އަނެއްކާވެސް އެ މައްސަލަތައް އަލުން ކުރިމަތިވެ އުނދަގޫތައް ވާން ފަށައިފި ދިޕިކާ ދާދިފަހުން ވަނީ ބުނެފަ އެވެ.

ދިޕިކާ ބުނި ގޮތުގައި ޑިޕްރެޝަންގެ މައްސަލަތައް އަނެއްކާ ކުރިމަތިވާން ފެށީ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ޗަޕާކް"ގެ ޝޫޓިންގް ކުރިޔަށް ދިޔައިރު އެވެ. މި ފިލްމަކީ އެސިޑްގެ ޝިކާރައަކަށް ވެފައިވާ ލަކްޝްމީ އަގަރްވާލް ކިޔާ އަންހެނެއްގެ ބައޮޕިކް އެކެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ އިން ބެލުންތެރިންނަށް ވެސް ފުން އަސަރުތަކެއް ކުރުވާފައިވާއިރު މި ރޯލު ދިޕިކާ ކުޅެލާފައިވާލެއް ފުރިހަމަ ކަމަށް އޭނާއަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.

ދިޕިކާ ކުޅެފައިވާ މަންޒަރުތަކަށް ބަލާލުމުން ވެސް އޭނާއަށް މި ފިލްމުން ކުރާނެ ނަފްސާނީ އަސަރުތައް ވަޒަންކޮށްލެވެ އެވެ. މި ވާހަކަ ދިޕިކާ ވަނީ ފިލްމް ކްރިޓިކް ރަޖީވް މަސަންދް އަށް ދިން އިންޓަވިއު އެއްގައި ކިޔައިދީފަ އެވެ.

ދިޕިކާ ބުނި ގޮތުގައި "ޗަޕާކް" ކުޅުނު ދުވަސްވަރު އޭނާގެ ކައުންސެލާ އަބަދުވެސް ސެޓުގައި ހުންނަން އޭނާ ބޭނުންވި އެވެ.

"އަހަރެން އަބަދުވެސް ފިލްމު ސެޓުގައި އަހަންނާއެކު ކައުންސެލާ ބަހައްޓަން ބޭނުންވި. ސަބަބަކީ އެ މައްސަލަ އަންނަ ދިމާލެއް ވެސް ނޭނގި ކުއްލިއަކަށް އަންނާތީ. މައްސަލަ އަންނަ ވަގުތު އަހަރެންނަށް ވާނުވާ ވެސް ނޭނގޭ. އަހަރެންނަށް އެ މައްސަލަތައް އަނބުރާ އަންނަކަމުގެ އިހްސާސްތައް ފުރަތަމަ ކުރެވެން ފެށުމުން އަހަރެން ހީކުރީ ޝޫޓިންގް ގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން މާ ބޮޑަށް ވަރުބަލިވެގެން ވާ ގޮތެކޭ. ދެން މާ ބޮޑުވަރުވެ އަހަރެން މާބޮޑަށް ބިރުގަންނަން ފެށީ. މިއީ އަހަންނަށް ބުނެދޭން ވެސް ނޭނގޭ ކަހަލަ ހިތްދަތި ޖަޒުބާތުތަކެއް. އެ ދުވަސްތައް ހަނދާންވުމުން އަހަންނަށް ވަރަށް އުނދަގޫވޭ،" ދިޕިކާ ބުންޏެވެ.

ދިޕިކާ ބުނިގޮތުގައި "ޗަޕާކް" ކުޅުމުގެ ތައްޔާރީތައް އޭނާ ފެށީ 2018 ގެ ކުރީކޮޅު އެވެ. އެއީ ރަންވީރު ސިންގް އާއި އޭނާގެ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އެންމެ ފުރަތަމަ އެމީހުން ތައްޔާރުވީއިރު މުޅިން ވެސް ހުރީ ޓެކްނިކަލްކަންތައް ތަކެވެ. އެހެންވެ އެއްވެސް ކަހަލަ އިމޯޝަނެއް އޭރަކު އިހްސާސެއް ނުވެ އެވެ. މި ރޯލު ކުޅުމަށް ޕްރޮސްތެޓިކްސް ބޭނުންކޮށްގެން ދީޕިކާގެ ސިފަޔަށް ވަރަށް ބޮޑަށް ބަދަލު ގެންނަން ޖެހޭތީ ކައިވެނީގެ ކުރިން އެ ބައިތައް ނިންމަން އޭނާ ބޭނުންވި އެވެ.

އެންމެ ބޮޑަށް ނަފްސާނީ ގޮތުން އަސަރުކުރީ ޕޮސްތެޓިކްސް ބޭނުންކޮށްގެން ސިފަ ބަދަލުކޮށް ފައިނަލް ޓެސްޓް ހެދި ދުވަހު އެވެ. އެހިސާބުން އޭނާއަށް ޚުދް ފިލްމުގެ ކެރެކްޓާއަކީ އޭނާ ކަމަށް އިހްސާސް ކުރެވެން ފެށި އެވެ. އަދި ނަފްސާނީ ގޮތުން އެ ކެރެކްޓާއާ ވަރަށް ބޮޑަށް ގުޅި ލާ މެހެވުނެވެ. އެންމެ ބޮޑަށް ނަފްސާނީ މައްސަލަ ގޯސްވީ މިހެންވެ އެވެ.

މެގްނާ ޑައިރެކްޓްކޮށްފައިވާ "ޗަޕާކް"ގެ ބަތަލަކީ ވިކްރާންތު މެސީ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.