ލައިފްސްޓައިލް

ދިޕިކާ ޕަދުކޯންގެ ޝުކުރު ހިމޭޝް ރޭޝަމްޔާ އަށް

ގިނަ މީހުންނަށް ދިޕިކާ ޕަދުކޯން ފާހަގަ ކުރެވުނީ ޝާހްރުކް ޚާނާއެކު ކުޅުނު "އޯމް ޝާންތީ އޯމް" އިންނެވެ. މިއީ ދިޕިކާ ބޮލީވުޑަށް ތައާރަފްވީ ފިލްމު ނަމަވެސް އެ ފިލްމުގެ ބަތަލާއަކަށް ދިޕިކާ ހަމަޖައްސަން ޝާހްރުކް ނިންމީ ދިޕިކާ ކުޅެފައިވާ މިއުޒިކް ވީޑިއޯ އެއް ބަލާފަ އެވެ. އެއީ މިއުޒިކް ޑައިރެކްޓަރު-ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާގެ "ނާމް ހޭ ތޭރޭ ތާރާ" ކިޔާ މިއުޒިކް ވީޑިއޯ އެކެވެ.

މި މިއުޒިކް ވީޑިއޯއިން ދިޕިކާ ފެނުމާއެކު ޝާހްރުކްގެ ލޮލުގައި އޭނާ އަޅައިގަތެވެ. އަދި "އޯމް ޝާންތީ އޯމް"ގެ ބަތަލާއަކަށް އޭނާ ލައްވާ ސޮއި ކުރުވި އެވެ. އޭގެ ފަހުން ދިޕިކާ އަށް ފަސްއެނބުރި ބަލާލާކަށް ނުޖެހުނެވެ. ކާމިޔާބު އެތައް ފިލްމަކާއެކު މިހާރު އޭނާވަނީ ބޮލީވުޑް ބަތަލާއިންގެ ލިސްޓުގެ އެއްވަނައިގަ އެވެ.

ދާދިފަހުން ދިޕިކާ ވަނީ އޭނާގެ އަލަށް ރިލީޒްވާ "ޗަޕާކް" ޕްރޮމޯޓްކުރުމަށްޓަކައި ސޮނީ ޓީވީގެ ލަވަ ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް 11" ގެ އެޕިސޯޑެއްގައި ބައިވެރިވެފަ އެވެ. އިންޑިއަން އައިޑޮލްގެ ސެޓުން ދިޕިކާ އަށް ވަނީ ހިމޭޝް ރޭޝަމްޔާ އާ ބައްދަލުވެފަ އެވެ. ހިމޭޝް އަކީ މި ޝޯގެ ޖަޖެކެވެ. މި ޝޯގައި ވާހަކަ ދައްކަމުން ދިޕިކާ ވަނީ ހިމޭޝް އަށް ޝުކުރު އަދާކޮށްފަ އެވެ. ދިޕިކާ ބުނީ ޝާހްރުކް އާއި ޑައިރެކްޓަރު ފަރާ ޚާން އަށް އޭނާ ފާހަގަ ކުރެވުނީ އަދި "އޯމް ޝާންތީ އޯމް" ކުޅުމުގެ ފުރުސަތު ދިނީ ހިމޭޝްގެ މިއުޒިކް ވީޑިއޯ ފެނިގެން ކަމަށެވެ.

ދިޕިކާ އަކީ މިހާރު އިންޑިއާގެ އެންމެ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ބަތަލާ އެކެވެ. ފޯބްސް އިންޑިއާ އިން އެކުލަވާލި އިންޑިއާގެ އެންމެ މަޝްހޫރު 100 ސެލެބްރިޓީޒްގެ ލިސްޓުގެ ޓޮޕް 10 ގެ ތެރޭގައި ދިޕިކާ ހިމެނެ އެވެ.

ދިޕިކާގެ "ޗަޕާކް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. މީގެ އިތުރުން ރަންވީރު ސިންގް އާ އެކު އޭނާ ކުޅޭ "83" ވެސް 2020 ގައި ރިލީޒްކުރާނެ އެވެ.

ދިޕިކާ އަލަށް ސޮއިކުރި ފިލްމުތަކުގެ ތެރޭގައި މަދޫ މަންޓޭނާގެ "މަހާބާރާތު" ފާހަގަކޮށްލެވެ އެވެ.