ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މަޑުމަޑުން މައްޗަށް؟

Aug 26, 2015

ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ އަގު ވެއްޓިފައި އޮންނަތާ ޒަމާން ތަކަށްފަހު، މަޑު މަޑުން އުފުލުމުގެ އަލާމާތްތައް ފެންނަން ފަށައިފި އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލު މަސްވެރިންނާ ހަމައަށް ގެނެސް ދިނުމަށް ފިޝަރީޒް މިނިސްޓްރީން އާއްމު ކުރަމުން ގެންދާ ހިސާބުތައް ދައްކާ ގޮތުން ތައިލެންޑުގެ ބާޒާރުގައި މިހާރު މަސް ޓަނެއް ލިބެން ހުރީ 21،588ރ. އަށެވެ.

ނަމަވެސް، އަގުތައް އުފުލެން ފަށާފައި މިވަނީ މި އަހަރު ކުރީކޮޅު މަސް ޓަނެއްގެ އަގު ގާތްގަނޑަށް 1،200 ޑޮލަރަށް ދަށަށް ދިއުމަށް ފަހު އެވެ.

ފިޝަރީޒް މި މަހުގެ 20 ވަނަ ދުވަހު އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ހަފުތާގައި ސްޕެއިން މާކެޓުގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ހުރީ 120ރ. އަށެވެ. އަދި ހަމަ މި މުއްދަތުގައި ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 298ރ. އަށެވެ.

ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ ކުންފުނިތަކަށް 121،809.89 ކިލޯގެ ކަންނެލި ކިރުވާފައިވެ އެވެ. އަދި 145،635.50 ކިލޯގެ ކަނު މަސް ކިރުވާފައިވެ އެވެ.

ބާޒާރުގެ އަގުތަކަށް ބަދަލު އައިނަމަވެސް ރާއްޖޭގެ ބާޒާރުގައި މަހުގެ އަގަށް އަދި ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ރާއްޖޭގެ ބާޒާރުގައި ފިނިކުރި މަސް ކިލޯއެއްގެ އަގު ހުރީ 19ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ 17ރ. އަށެވެ.