ކުޅިވަރު

އާޓެޓާގެ ފުރަތަމަ މެޗަށް އޮޒިލް ފިޓް

އާސެނަލްގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު، މިކަލް އާޓެޓާ އާސެނަލްގެ ބެންޗަށް ނުކުންނަ ފުރަތަމަ މެޗަށް ޓީމުގެ ތަރި އޮޒިލް ފިޓް ވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުގައި އޮޒިލް ބައިވެރި ނުވެ އެވެ. އެ ދުވަހު އާޓެޓާވެސް މެޗު ބެލީ ސްޓޭޑިއަމްގެ ސްޓޭންޑްގައި ހުރެގެންނެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް، މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރުމަށް ފަހު އާސެނަލްގެ ކޯޗް ކަމާ ހަވާލުވެ، ހެޑް ކޯޗެއްގެ ފޮތުގައި އޭނާގެ ފުރަތަމަ މެޗަކަށް ވާނީ، ބުރާސްފަތި ދުވަހު ބޯން މައުތުއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެ މެޗަށް އޮޒިލް ވަނީ ފިޓްވެފަ އެވެ. އާސެނަލްގެ ކުރީގެ ކޯޗް އުނައި އެމެރީގެ ދައުރުގައި އޮޒިލްއަށް މުހިންމު ރޯލެއް އާސެނަލްގައި ނުލިބެ އެވެ. އާޓެޓާގެ ކޯޗް ކަމުގައި އޮޒިލް އަށް އޮތް ދައުރާ ބެހޭގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ އޮޒިލް އާ މެދުވެސް އަދި އެހެން ކުޅުންތެރިންނާ މެދުވެސް އަމަލު ކުރާނީވެސް، އޭނާގެ މެންޓޯ ގާޑިއޯލާ ކުޅުންތެރިންނާ މެދު އަމަލު ކުރާ ގޮތަށް ކަމަށެވެ.

ޓީމު ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް އާޓެޓާ ވަނީ ކުރިން ދީފަ އެވެ. އޭނާ ބުނީ، ކުލަބަށް ގަނެގެން ގެންނަ ކޮންމެ ކުޅުންތެރިޔަކީ ކުލަބުގެ ސަގާފަތާއި އުސޫލު ގަބޫލު ކުރާ ކުޅުންތެރިޔެއްތޯ ބަލަން ޖެހޭނެ ކަމަށެވެ. އެކަން ގަބޫލު ނުކުރާ އެ ކުޅުންތެރިޔާ ވިސްނުން ބަދަލު ކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރި އެވެ.