ހަބަރު

ފާއިޒްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުއާ ގުޅޭ ސުލޫކީ މައްސަލަތަކެއް އަމިއްލަ ފަރާތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

ފާއިޒުގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރެއްވުމަށް ނަން ނޮމިނޭޓް ކުރައްވާފަ އެވެ.

ޖޭއެސްސީއަށް ހުށަހަޅަފައިވާ ފާއިޒުއާ ގުޅޭ ޝަކުވާގައި ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލަ އާއި ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލަ ހިމެނެ އެވެ.

މީގެއިތުރުން އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މައްޗަށް އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލައެއް ބަލައި ހުކުމް އިއްވި މައްސަލަ އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ވެސް ސްމޯޓޯކޮށް މައްސަލައެއް ހިންގި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

މިކަންކަން ފާހަގަކޮށް ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ނިންމުންތައް ސުޕްރީމް ކޯޓުން ނިންމިއިރު ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ ފާއިޒު ކަމަށެވެ. އެހެންކަމުން އެކަންކަން ބަލަން ޖެހޭނެ ކަމަށެވެ.

ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ކަންކަމަކީ ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން ވަކި ކުރުމުގައި ވެސް ބަލާފައިވާ އަސާސެއް ކަމުން އަލުން ފާއިޒު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގައި ޖޭއެސްސީއިން އެކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

ފާއިޒްއާ ގުޅޭ ގޮތުން ހުށަހެޅި ސުލޫކީ މައްސަލާގައިވާ ކަންކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ފަނޑިޔާރުން ވެސް އެ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާތީ އެވެ. ޖޭއެސްސީއިން ނިންމާފައިވަނީ އެއީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.