ގައުމުގެ އަމަންއަމާން ކަމަށް ބުރޫއު އަރާނެ ކަމެއް ހިނގަން އުޅޭ ކަމަށް ބެލެވިގެން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން އެމްއެންޑީއެފް އެލާޓަށް ނެރެ ކަނޑުމަތީ އުޅަނދުތައް ބަލައިފާސްކުރަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިރޭ ހަތެއް ޖަހާއިރުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލު ކުރެވޭނެ ކަމަށެވެ. އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.
އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސާފައިވާތީވެ މިރެއިން ފެށިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކް ކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަށް ވާތީވެ އެމްއެންޑީއެފް އިން އެ މައުލޫމާތުގެ ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސައި ހިންގާ އެފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސާފައިވާއިރު، ދާދި ފަހަކުން ސަލާމަތީ ބާރުތަކުން ހާމަ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މީހުން މަރަން ތައްޔާރަށް ތިބޭ ހިސާބަށް ފިކުރު ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން ރާއްޖޭގައި އެބަ އުޅެ އެވެ. ދާދި ފަހުން ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އޭގެ ތިން މީހަކު ވެސް ހައްޔަރު ކުރި އެވެ.