އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނަސްދިނުމުގެ ގޮތުން އެސްޓީއޯއިން ތިން ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.
މިއަދު ހޮޓެލް ޖެންގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯން މާކެޓަށް ނެރެފައިވަނީ "ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް"، "ރެނާބޮންޑް ޖޮއިނިން މޯޓާ" އަދި "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ" އެވެ.
އެ ކުންފުނިން ބުނީ މީގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޓަކީ "ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް" ކަމަށެވެ. އެއީ ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނަގައިގެން ރާއްޖޭގައި އާއްމުގޮތެއްގައި އުފައްދާ ގައު ނުވަތަ ސޮލިޑް ބްލޮކްތަކާއި ހިލާފަށް، ރިސައިކަލް ކޮށްފައިވާ ތަކެތިން އުފައްދާފައިވާ ތިމާވެއްޓާއި ރައްޓެހި އުފެއްދުމެއް ކަމަށެވެ. އަދި އެ ގައު އިމާރާތުގެ ސްޓްރަކްޗާއަށް ކުރާ ހަރަދު ކުޑަކޮށްދީ، މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓަކަށް ކަމަށެވެ.
ތާމަލް އިންސިއުލޭޝަން ހިމެނޭ، 2 ފޫޓު ދިގުމިނުގެ މިބްލޮކް ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށް ކުރާ ހޭދަ 20 އިންސައްތައަށް ކުޑަކޮށްދޭނެ ކަމަށްވެސް އެސްޓީއޯން ވަނީ ބުނެފައެވެ.
ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކާއިއެކު މި ބްލޮކް ބޭނުންކޮށްގެން ރޭނުމަށްޓަކައި ބޭނުންކުރާ "ރެނާބޮންޑް ޖޮއިނިން މޯޓާ"ވެސް އެސްޓީއޯއިން މިއަދު ވަނީ ތައާރަފް ކޮށްފައެވެ.
ސިމެންތިއާއި ވެލި އެއްކޮށްގެން އުފައްދާ މޯޓަރތަކާއި ހިލާފަށް ރެނާބޮންޑް ޖޮއިނިން މޯޓަރަކީ، ބޭނުންވާ މިންވަރަށް ފެންއެޅުމަށްފަހު ވަގުތުން ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.
މީގެ އިތުރުން ރާއްޖޭގެ ބާޒާރުގައި ހިމުންވެލި ލިބުމަށް ދަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ރެޑީމިކްސް ޕްލާސްޓާ ސޮލިއުޝަންއެއް ތައާރަފް ކޮށްފައެވެ.
"ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ"ގެ ނަމުގައި ތައާރަފް ކޮށްފައިވާ މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިންގގެ މަސައްކަތް ނިންމާލެވުމުގެ އިތުރުން އިމާރާތުގެ ފިނިޝިން އަށްވެސް އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ.
މާލެއާއި ހުޅުމާލޭގައި ރެޑީމިކްސް ކޮންކްރީޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އިތުރުން، އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު އައިޓަމްތައް ވަރަށް ހެޔޮއަގުގައި އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައެވެ.