ކުޅިވަރު

މި ސީޒަނުން ފުޓުބޯޅައަށް ލިބުނު ފައިދާއެއް ނެތް

މި އަހަރުގެ ފުޓްބޯޅަ ސީޒަނުން، ދިވެހި ފުޓްބޯޅައަށް ލިބުނު އެޑްވާންޓޭޖެއް ނެތް ކަމަށް، ކުލަބު ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރު ނިމުމަކާ ހަމައަށް އަންނައިރު ބައެއް ކުލަބުތަކުން ދައްކަނީ ލީގްގެ ދެ ވަނަ ބުރުން މުބާރާތް ނިންމާލާ ވާހަކަ އެވެ. އެއީ ކުލަބުތަކަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ ސީޒަންގެ ކުރިއަށް އޮތް ބަޔަށް ކުޅުންތެރިން ހަމަ ނުވެދާނެ ކަމުގެ ބިރަށްޓަކަ އެވެ.

ބައެއް ކޯޗުން މިހާރުވެސް ވަނީ އެގޮތަށް ވާހަކަ ދައްކާފަ އެވެ. މިހާހިސާބަށް ވާހަކަތައް ދިޔައިރު ސީޒަންގައި އަތް ނުލާ ދެ މުބާރާތް އެބައޮތެވެ. އެއީ އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕެވެ. ،މިދިޔަ އަހަރުވެސް ސީޒަން ދިގުލައިގެން ގޮސް އެ ދެ މުބާރާތް ބާއްވާފައެއް ނުވެ އެވެ.

ސުޒޭން ބުނީ، މި ސީޒަން މިދަނީ އޭއެފްސީ ކަޕަށް ދާ ޓީމުތަކަށްވެސް ސީޒަނުން ފައިދާއެއް ނުކުރާނެ ގޮތަށް ކަމަށެވެ.

"މާޒިޔާއަށް ބަލާއިރު އޭއެފްސީ ކަޕްގެ މިފަހަރު ކޮލިފައިވާން ކުޅޭ ދަތުރު މާ ޓަފް ވާނެ، އެއީ ކޮލިފިކޭޝަންގައި އޮތް ދެ ޓީމަށް ބަލާއިރު ބެންގަލޫރު އެފްސީ އެބައޮތް، ގުރޫޕް ސްޓޭޖުގައި މިވަގުތަކު ނެތް ބެންގަލޫރުގެ ފެންވަރުގެ ޓީމެއްވެސް، ރަނގަޅު ސީޒަނެއް ކުޅެލާފައި ދާނަމަ ރަނގަޅު ވާނެ. މި ސީޒަން މިދަނީ އެކަށީގެންވާ ރަނގަޅު ގޮތަކަށް ނޫން،" ސުޒޭން ވާހަކަ ދެއްކި އެވެ.

"ޓީސީވެސް ގުރޫޕް ސްޓޭޖުގައި އޮތްއިރުވެސް އެ ޓީމުގެ މޯރަލް ގެއްލިފައި އޮތުމަކީ ވަރަށް ދެރަ ކަމެއް، ފުޓްބޯޅަ މުބާރާތެއް ހިންގުމަކީވެސް ވަރަށް އުނދަގޫ ކަމެއް މިގޮތަށް ޝެޑިއުލް ކުރާއިރު ދިގު ބްރޭކުތަކެއް ލާފަ ގެންދިއުމަކީ އެހާ ފަސޭހަ ކެމެއް ނޫންކަން ގަބޫލު ކުރަން، އެހެންވީމަ އެ ހުރިހާ ގޮތަކަށް ޑިސްއެޑްވާންޓޭޖް ސީޒަނެއް މީ ފުޓްބޯޅައަށް."

ގުރީން ސްޓްރީޓަށް ވެސް މާލީ މައްސަލަތައް ކުރިމަތިވެ ގަވާއިދުން ޕްރެކްޓިސް ކުރުން މެދުކަނޑާލާފަ އެވެ. އެހެންނަމަވެސް އެންމެ ފަހު ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކުރިއަށް ގެންދިޔަ ޕްރެކްޓިސް ދެ ޝެޝަނަށް 14 ކުޅުންތެރިން ހާޒިރުވިކަން ސުޒޭން ފާހަގަ ކުރި އެވެ.

"މެޗު ނިންމާފަ މި ދެ ދުވަހު ބޭއްވި ޕްރެކްޓިހަށްވެސް 14 ނުވަތަ 13 ވަރަކަށް ކުޅުންތެރިން އައީމަ އެއީ މިދިޔަ ދުވަސް ކޮޅަށް ބަލާއިރު ވަރަށް ރަނގަޅު އަދަދެދެކޭ ބުނެވޭނީ،" ސުޒޭން ބުންޏެވެ. "އެހެންވީމަ މިއަދު މެޗަށް ޓީމު ހަމަވާނެ ކަމާމެދު ޝައްކު އުފައްދާނެ ވަރަށް ވުރެ ކުޅުންތެރިންގެ ފަރާތުން ލިބޭ ސަޕޯޓް ރަނގަޅު."

މިއަދު ހަވީރު ގުރީން ސްޓްރީޓް ނުކުންނާނީ، ފ. ނިލަންދުއާ ދެކޮޅަށެވެ. ނިލަންދޫގެ ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ބުނީ، ފުޓުބޯޅައިގައި މިއޮތް މައްސަލަތަކަށް ހައްލު ނުހޯދޭނަމަ ރަނގަޅު ނުވާނެ ކަމަށާއި މައްސަލަތައް ދުވަހުން ދުވަހަކަށް ދާނީ ގޯސް ވަމުން ކަމަށެވެ.

ނިލަންދޫއަށް ކުރިމަތި ވެފައިވާ ހާލަތަކީ ދިވެހި ކުޅުންތެރިން ޕްރެކްޓިހަށް ހަމަނުވުމެވެ. ފެސްކޯ ބުނީ، ނިލަންދޫ ފިޔަވައި ހަތަރު ބިދޭސީ ކުޅުންތެރިން ތިބި ޓީމެއް ނެތް އިރު ހަމައެކަނި ބިދޭސީ ކުޅުންތެރިން ތިބެގެން މިހާރު ވާން ނެތް ކަމަށެވެ.

"ރަނގަޅު ސްޓޭޓަސްއެއްގައި ފުޓްބޯޅަ އޮތްނަމަ އަޅުގަނޑުމެންނަކީވެސް ލީގްގައި ރަނގަޅު ފެންވަރެއްގައި ވާދަ ކުރެވޭނެ ޓީމަކަށް ވެގެންދާނެ،" ފެސްކޯ ބުންޏެވެ. "ދެން މިހާރު މިއޮތް ހާލަތުން ހަތަރު ބިދޭސީ ކުޅުންތެރިން އެކަނި ތިބުމަކުން ވާދައެއް ނުކުރެވޭނެ، ދިވެހި ކުޅުންތެރިން ވެސް އައިސްގެން މިކަން ކުރެވޭނީ."

އޭނާ ބުނީ، ރާއްޖޭގެ ފުޓްބޯޅައަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން ރާއްޖެއަށް ބިދޭސީ ކުޅުންތެރިން އައުމާމެދު އެ ކުޅުންތެރިން ދެ ވަނަ ވިސްނުމަކަށް ދާ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައަށް މިދިމާވެފައިވާ ނުރަނގަޅު ފީޑްބެކް ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ބޭރުގެ މީޑީއާތަކުގައި އެނބުރޭ، މިހެންވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ބިދޭސީ ކުޅުންތެރިޔެއް ހޯދަން ރާއްޖޭގެ ކުލަބުތަކަށް އުނދަގޫވެގެން ދޭ."

ފެސްކޯ ބުނީ، ޕްރެކްޓިހަށްވުރެ މެޗުގައި ކުޅުންތެރިންގެ މޯޓިވޭޝަން ގޯސް ކަމަށެވެ.