ރިޕޯޓް

ކެބިނެޓުން އެހެން ޕާޓީތަކުގެ "ގޮނޑި" ގެއްލުވާލަނީ؟

Feb 18, 2020
14

އެއް ވަޒީރެއްގެ މައްސަލައެއް ކަމަށް ބުނީ ބޮޑު އިހުމާލެކެވެ. ޖިންސީ ގޯނާގެ މައްސަލަތަކުން ކުއްލިއަކަށް ޖެންޑާ މިނިސްޓްރީ ފުނި ޖެހި ފުރެން ފެށުމުން ވެސް މާ ބޮޑު ފިޔަވަޅެއް ނޭޅި އޮއްވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވާ، އަހުމަދު ހިސާންއާ ގުޅޭ ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވުމުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ ފުންމައިގެން ތެދުވެ މިނިސްޓަރުގެ "ކަރުގައި ހިފީ" އެވެ.

ކުއްލި މައްސަލައެއް ގޮތުގައި ހިސާންގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އޭރު މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފު ވަކި ކުރުމުގެ ވާހަކަ ފެއްޓެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި، އެ މައްސަލަތަކަކީ މިނިސްޓަރުގެ ސީދާ އިހުމާލަކަށް ނުވި ނަމަވެސް އެފަދަ މަގާމެއްގައި ހުންނަވައި ހައްލު ހޯއްދެވުމުގައި ފެއިލްވުމަކީ ގޯހެކެވެ. އެކަން އެހެން މެންބަރުންނަށް ވެސް "ޓޮލަރޭޓް" ނުކުރެވި ޝިދާތާ ވަކި ކުރަން ނިންމީ އެވެ. އެންމެ ފަހުން ޝިދާތާއަށް ވެސް އެކަމަނާގެ "ފްރައިޑޭ" ކައިރި ވެއްޖެކަން އަމިއްލަފުޅަށް އިހުސާސް ކުރެވި އިސްތިއުފާ ދެއްވީ އެވެ.

އޭގެ ފަހުން މަޖިލީހުގެ ތަޅުމުގައި، ކޮމިޓީއެއްގައި އަދި މެންބަރެއްގެ ދުލުން ޖިންސީ ގޯނާގެ މައްސަލައެއްގެ މަސައްކަތެއް ނުވަތަ އެކަމާ ބެހޭ ހިޔާލެއް ވެސް ފާޅުކޮށްފައެއް ނުވެ އެވެ. ކޮންމެ ދުވަހު ކުޑަ ކުދިންގެ ހައްގުގައި ކުރި މުޒާހަރާތައް ހުއްޓިއްޖެ އެވެ. އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބުނުހެން ހީވާ ކަހަލަ އެވެ.

ކުޑަ ކުދިންގެ މައްސަލަތައް ފުލުހުން ހާމަ ކުރާ މިންވަރު މަދުކޮށްލީ ކަމެއް ނުވަތަ އަސްލު ވެސް މަދުވީ ކަމެއް ޔަގީނެއް ނޫނެވެ. ގައިމުވެސް ފެންމަތިވާ މިންވަރު މަދުވެއްޖެ އެވެ. ކަނޑުހުޅުދޫ މައްސަލައިގައި އޮތް ކަންބޮޑުވުމުގެ އަޑެއް ވެސް ނީވެ އެވެ. ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގި ހިސާންގެ މައްސަލައިގެ ވާހަކަ ދައްކާނެ މެންބަރެއް، ސަރުކާރުގެ ވެރިއެއް މިހާރަކު ނެތެވެ. ކުރުކޮށްލާފައި ބުނާނަމަ ޝިދާތާ "އުފުރާލުމާއެކު" އިޖްތިމާއީ މައްސަލަތައް ވެސް "މުލުން ލުހެލެވުނީ" އެވެ.

ދެން ކުއްލިއަކަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ބޭރުވެއްޖެ އެވެ. ޝިދާތާއާ ހިލާފަށް މި މައްސަލާގައި ހުރިހާ ކަމެއް ގުޅެނީ އިހުމާލަކަށް ނުވަތަ ނުސީދާ ގޮތަކަށް ނޫނެވެ. ހިޔާނާތާއި ފުރައްސާރަ އާއި ޖިންސީ ފުރައްސާރަ އާއި ހުތުރުހާ ވިޔާނުދާ އަދި ދީނާ ހިލާފު ވާހަކަތަކުގެ އަޑު ނުކުމެގެން އައީ ހިޔާނާތުގެ ހާއްޔަކަށް އަބަދުވެސް ވެފައި އޮންނަ ޓޫރިޒަމް މިނިސްޓްރީ ތެރޭގައި އަލީ ވަހީދު އިންނަވާ ކޮޓަރިންނެވެ. ސަރުކާރުގެ މޫނުމަތި ރީތި ކުރުމުގައި އެންމެ ވަރުގަދަ ރައްދުދީ ހަދައި މިނިސްޓަރު ކިލަނބުވެ، މުޅި މިނިސްޓްރީގެ މަސައްކަތާ މެދު ސުވާލު އުފެދޭ ހިސާބަށް ގޮސްފި އެވެ.

މިފަހަރު ތަފާތަކީ މި ހުރިހާ އޯޑިއޯތަކާއި އެކަމާ ގުޅޭ ގޮތުން ރައްޔިތުން ފާޅު ކުރި ކަންބޮޑުވުންތަކުގެ އަޑެއް ރައްޔިތުންގެ މަޖިލީހަށް "ރޭކާ" ވެސް ނުލުމެވެ. ސާވިސް ޗާޖުގެ މައްސަލާގައި ވެސް ހޫނު ފެނަށް ވެއްޓުމުން "އަލީ ވަހީދަކީ އެމްޑީޕީގެ ސިޔާސަތު އެނގޭ ބޭފުޅެއް" ކަމާއި "އަލީ ވަހީދަށް އިތުބާރު ކުރާ" ކަމަށް ވިދާޅުވި ރައީސް މުހައްމަދު ނަޝީދު ވެސް މި މައްސަލާގައި ހުންނެވީ ހަނު ގައެވެ.

އެހެން ނަމަވެސް ޓީއެމްއޭ މައްސަލާގައި ކުރީގެ ސަރުކާރަށް ފާޑު ކިޔަމުން ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލަރެންސްގެ ވާހަކަ ބަރާބަަރަށް އިއްޔެ ވެސް މެންބަރުން ދެއްކެވި އެވެ.

ދެން އިންތިޒާރު ކުރެވެނީ މިކަމުގައި ރައީސް ސޯލިހުގެ ރިއެކްޝަނަކަށް ވާނީ ކޮބައިތޯ ބެލުމަށެވެ. އަލީ ވަހީދުގެ މިކަންކަން ރައީސް ޓޮލަރޭޓު ކުރައްވާނެ ތޯ އެވެ؟

ލަފާ ކުރެވޭ ގޮތުން ޑެމޭޖް ކޮންޓްރޯލް ކުރެއްވުމަށް ރައީސް ކޮންމެވެސް ބަދަލުތަކެއް ގެންނަވާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ މައްސަލާގައި ގޮތެއް ނިންމާ ހިސާބުން ކުރިޔަށް އޮތްތަނުގައި ސިޔާސީ މަސްރަހުގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ލަފާވެއެވެ. އަދި ރައީސް ސޯލިހުގެ ދެވަނަ އަހަރުގެ ތެރޭގައި ކެބިނެޓް ބޮޑެތި ބަދަލުތަކަކާއި ކޯލިޝަންގެ ތަފާތު ރޯލެއް ފެނުން އެކަށީގެންވެ އެވެ.

ކެބިނެޓް: ޕާޓީތަކަށް "ބަދަލު" ލިބޭނެތަ؟

ރައީސް ސޯލިހާއި ކޯލިޝަން ޕާޓީތަކާވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ.

މި ފޯމިއުލާގެ ދަށުން ކެބިނެޓު އެކުލަވާލާފައި ވާއިރު ވުޒާރާތަކާ ހަވާލުވެ ތިބި 19 ވަޒީރުންގެ ތެރެއިން ހަ ވަޒީރަކީ އެމްޑީޕީގެ މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީއަށް ފަހެއް، އެމްއާރްއެމްއަށް ފަހެއް އަދި އަދާލަތު ޕާޓީގެ ތިން ވަޒީރަކު ހިމެނެ އެވެ.

އެހެން ނަމަވެސް އަދާލަތު ޕާޓީގެ 15 ޕަސަންޓަށްވާ ތިން ސްލޮޓުން އެއް ވަޒީރަކު ވަނީ ވަކިވެފަ އެވެ. އޭގެ ބަދަލުގައި ހަވާލުވި އައިޝަތު މުހައްމަދު ދީދީއަކީ އަދާލަތު ޕާޓީގެ ޓިކެޓުގައި މަގާމަށް ވަޑައިގެންނެވި ވަޒީރެއް ނޫނެވެ. އެހެންކަމުން ކޯލިޝަން އެއްބަސްވުމުގެ "ސިޓީ" އާ އެއްގޮތައް އަދާލަތު ޕާޓީއަށް އެކަށީގެންވާ "ބަދަލެއް" ލިބޭނެ ތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އަދާލަތު ޕާޓީގެ އިސް ބޭފުޅަކު އަވަސްއަށް ވިދާޅުވި ގޮތުގައި ޝިދާތާގެ މަގާމްގެ ބަދަލުގައި ކެބިނެޓުން އިތުރު ސީޓެއް ހޯދަން އެ ޕާޓީން ލޮބީ ކުރަމުން އެބަދެ އެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހާ ވެސް މަޝްވަރާ ކުރި އެވެ. އަދި އެކަން ހަމަ ޖެހޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގައި އެއްބަސްވެފައިވާ ފަދައިން ސަރުކާރުގެ 15 ޕަސަންޓު ހިއްސާ އަދާލަތު ޕާޓީއަށް އޮންނަން ވާނެ ކަމަށް މި ޕާޓީން ދެކެން. އެގޮތުން ކެބިނެޓުގެ 15 ޕަސަނަްޓް މިވަގުތު ނެތީމަ އެކަމާ ގުޅޭ ގޮތުން ކޯލިޝަންގެ އެންމެ އިސް ވެރިޔާ ކަމަށްވާ ރައިސުލްޖުމްހޫރިއްޔާއާ އެބަ މަޝްވަރާ ކުރަން. އަދި މިކަމުގައި އެކަށީގެންވާ ހައްލެއް ރައީސުލްޖުމްހޫރިއްޔާ ގެނެސް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަދާލަތުގެ މެންބަރު ވިދާޅުވި އެވެ.

އަނެއް ކަމަކީ ކެބިނެޓާ ގުޅި ވަޑައިގެންނެވި އާ ވަޒީރަކީ ކޮން ޕާޓީއެއްގެ ޓިކެޓުން އައި ވަޒީރެއް ތޯ އުފެދޭ ސުވާލެވެ. އެ ވަޒީރާ އެމްޑީޕީ އަދި ޖޭޕީއާ ވެސް ސީދާ ޕޮލިޓިކަލް ލައިންއަަކުން އަދި ގުޅުވައެއް ނުލެވެ އެވެ. އަދި މިނިސްޓަރު އައިޝަތަކީ ސީދާ ކޮން ޕާޓީއެއް މެންބަރެއް ކަމެއް ވެސް ސާފެއް ވެސް ނުވެ އެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް ބޭފުޅުންނާ ވެސް ގުޅުން އޮންނަ ކަމަށްވެ އެވެ. އެއަށް ވުރެ ބޮޑަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގުޅުވާލެވެ އެވެ. އެއީ އެމަނިކުފާނު ސަރުކާރުގެ ވަޒީރެކެވެ. އަދި ވަރަށް ފަހުން ވެސް ޕީޕީއެމްގެ ދަފްތަރުގައި ނަން އޮތް ކަމަށްވެ އެވެ. އެހެންކަމުން އެއީ ރައީސް މައުމޫންގެ ޓިކެޓުގެ ވަޒީރަކަށް ކަމަށްވެދާނެ އެވެ. ނަމަވެސް މިހާތަނަށް ބެލެވިފައިވަނީ ތަޖުރިބާއަށް ބައްލަވައިގެން ރައީސް އަމިއލަފުޅަށް ނިންމެވި ނިންމެވުމެއްގެ ގޮތުގަ އެވެ.

އަދާލަތު ޕާޓީ އާއި ރައީސް ސޯލިހުގެ ދެމެދުގައި މި މަޝްވަރާތައް ކުރި ފަހުން ރައްޔިތުން މަޖިލީހުން ރައީސް މައުމޫން ފަޅީގެ ވަޒީރެއް ކަމަށްވާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރި އެވެ. ސިޔާސީ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިނިސްޓަރު ޒަހާއަށް ފާޑު ކިޔުން އަމާޒުވުމަކީ އެއީ އަދާލަތު ޕާޓީއަށް ހުސް ކުރާ ސްލޮޓަކަށް ބަދަލުކޮށްލުމެވެ. އަދި ޖޭޕީގެ ޓިކެޓުގައި ހުންނެވޮ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި އަދި މިހާރު އަލީ ވަހީދުގެ ސީޓަކީ ވެސް ވަރަށް އަވަހަށް ބަދަލުވުން ގާތް ސީޓުތަކެއް ކަމަށް އޭނާ ދެކެ ވަޑައިގަންނަވަ އެވެ.

"ލަފާ ކުރެވެނީ ކެބިނެޓު ވަރަށް ބޮޑު ބަދަލެއް ފެނިގެން ދާނެ ކަމަށް، މި ފަހުން ހިނގި ކަންކަން އެ ދިމާއަށް ވެސް ގުޅޭ. މީގެ ބޮޑު މަންޒަރު ކައުންސިލް އިންތިހާބަށް ފަހު ފެންނާނެ ކަމަށް ލަފާ ކުރެވެނީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

"ހައްގު މިންވަރު" ހޯދަން އެމްޑީޕީ ވިއްދާފައި!

ވަޒީރުންނާ ގުޅޭ މި މައްސަލަތަކާއި، މި ހުރިހާ ވަހަކަތަކެއް ފެށުމުގެ މާ ކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މި އަހަރު ތެރޭ ވާހަކަފުޅެއް ވިދާާޅުވެފައި އޮވެ އެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ މެންބަރުންނަށް "ހައްގު މިންވަރު" ނުލިބެނީ ކޯލިޝަން ޕާޓިތަކާ ހެދި އެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ވުޒާރާތަކުގައި އެމްޑީޕީގެ މެންބަރުން ނެތީމަ އެވެ.

"އަޅުގަނޑުމެން މި ތިބީ އިއްތިހާދެއްގައި. ބައެއް ވުޒާރާތައް އަދި ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ މެންބަރެއްނެއް ނޫން. އެއީ މިކަން އޮތް ގޮތް. އެހެންވީމަ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް އަދި މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކައަށް ފަހު ފަހަރަކު ވަޒީރެއްގެ މައްސަލަ ފެންމަތިވެ މި ހިސާބަށް ދިޔުމަކީ އިއްތިފާގެއް ނޫން ކަމަށް ކޯލިޝަންގެ ބައެއް ބޭފުޅުން ދެކެ އެވެ. ކައުންސިލް އިންތިހާބުގެ އެމްޑީޕި ޕްރައިމަރީގައި ނުކުތް ނަތީޖާއާ ގުޅިގެން މިވަގުތަށް އެމްޑީޕީގެ މަގާމަކަށް ކޮންމެހެން ވެސް އައްޔަން ކުރަން ޖެހޭ އެހެން ބޭފުޅުން ވެސް ތިއްބެވުމާ އެކުގަ އެވެ. އޭގެ އެއް މިސާލަކީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދެވެ.

"އަޅުގަނޑަށް ލަފާވަނި ހައުސިން އެންޑް އާބަން މިނިސްޓަރުގެ މައްސަލައެއް ވަރަށް އަވަހަށް ފެންމަތިވާނެހެން. އެއީ އެމްޑީޕީގެ ބައެއް ފަރާތްތައް އެބަތިބި އެ ޖާގައަށް ބަލަބަލާ. ވަޒީރެއްގެ މައްސަލަ ފެންމަތި ވާނީ ބޮޑު މައްސަލައަކާ ގުޅިގެން. އެއަށް ފަހު އާ ވަޒީރު ހަވާލުވާ ހިސާބުން މިހާރު މި ވާގޮތަށް މައްސަލަ އޮބޭނެ. އެ ވާހަކައެއް ނުދައްކާނެ،" ސަރުކާރު ކޯލިޝަން ޕާޓީއެއްގެ ވަރަށް އިސް މެންބަރަކު ވިދާޅުވި އެވެ.

ކޮންމެއަކަސް މިހާރު ވަޒީރުންގެ މައްސަލަތައް ފެންމަތިވަމުން އަންނަ އައުން ފުރޮޅިގެން ދަނީ ކެބިނެޓަށް އެމްޑީޕީގެ އަތްގަދަ ކުރުމަކަށް ކަމަށްވެސް ވެދާނެ އެވެ. މި މައްސަލައަށް ވެގެންދާ ގޮތަކުން ކޯލިޝަންއާއެކު ހެދި އެއްބަސްވުމުގައި މިހާރު ހަމައެކަނި އަމަލު ކުރަމުން އަންނަ ކެބިނެޓުގެ ގުޅުން ވެސް ކެނޑިގެން ދިޔުން ވެސް އެކަށީގެންވެ އެވެ. ބެލެވޭ ގޮތުން ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު މީގެ ގިނަ ކަންކަން ފެނިގެންދާނެ އެވެ.