(ހޮނިހިރު ދުވަހުގެ ބަޔާ ގުޅޭ)
"އެންމެން ވެސް ގަބޫލުކުރާނީ ތިހެން؟ މުޅި ދުނިޔެ ވެސް، ޚުދު އަހަރެންގެ އަމިއްލަ ނަފުސު ވެސް." ރީޝާގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިއާ ހަމައަށް ގިނަވަމުން ދިޔައެވެ.
"ނޫން. އެންމެން ގަބޫލު ކުރިޔަސް. ރީ އެގޮތަށް ގަބޫލު ނުކުރާތި!" ރަވީ ބަލައިލީ ރީޝާގެ މޫނަށެވެ. "އަހަރެން މިކަން މި ކުރަނީ ރީ އަށް ވެސް ރަނގަޅަކަށް. އަހަރުމެން ދެމީހުންނަށް ވެސް ރަނގަޅަކަށް."
"އަހަންނަށް ކޮން ކަމެއް؟" ސުވާލުގެ ނަޒަރުން ރީޝާއަށް ބުނެލިއެވެ.
"ޕްލީޒް! އަހަރެން ދެކެ ލޯބިވަންޏާ، އަހަންނަށް ދެރައެއް ލިބެން ނޭދެންޏާ، އަދި އަހަންނާ އެކު ހަޔާތުގެ ބާކީ ބައި އެކުގައި އުޅޭން ބޭނުންވާނަމަ މި ކައިވެންޏަށް ރުހުންދީ. އަހަރެން އާދޭސްކުރަން." ރީޝާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ރަވީގެ ދެ އަތުން ފޮހެލަދިނެވެ. ރަވީގެ މޭގެ ތެރޭގައި ރީޝާގެ ބޯ ޖައްސައިލަދިނެވެ.
"ނޫން. ނޫން. އަހަރެން ގާތުން އާދޭސްކުރާ ނުޖެހޭނެ." ރީޝާ ކޮޅަށް ތެދުވިއެވެ.
ރީޝާ ދެތިން ފިޔަވަޅު ކުރިއަށް އަޅައިލިއެވެ. ރަވީ އިނީ ރީޝާއަށް ބަލާށެވެ.
"އަހަރެން ތިޔަ ކައިވެންޏާ ގަބޫލު،" ރީޝާ އެނބުރިލިއެވެ. "ހިތުން ރުހުމުން ގަބޫލު."
ރީޝާ ގަދަކަމުން ހިނިތުންވެލިއެވެ. ދެ ލޮލަށް ގިނަވެފައި ހުރި ކަރުނަތައް ފޮހެލިއެވެ. ރަވީ އިނީ ހައިރާން ކަމާއެކު ބަލާށެވެ. ރީޝާއަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ.
"އަހަންނަށް މިހިސާބަށް އާދެވުނީ، އަހަންނަށް މި ދިރިއުޅުން ހޯދައިދިން މީހަކީ ތީ. އަހަންނަށް އަހަރެންގެ މަގާމެއް ނޯޅޭ. އަހަންނަށް އަހަންނަކީ ކާކުކަން އެނގޭ." ރީޝާ ރަވީ ގާތަށް ތިރިވިލިއެވެ. "އަހަރެންގެ ދުނިޔޭގައި ރަވީގެ ނަން އަހަރެންގެ ހަޔާތުގައި އަބަދަވެސް ވިދާނީ ރަން އަކުރުން."
"ރީ ލައްވާ ގަދަކަމުން އެއްބަސް ކުރުވުނީތީ ސޮރީ!"
"އަހަންނަށް އަބަދުވެސް ގަބޫލު ކުރަނީ ރަވީއަކީ އަހަރެންގެ ދުނިޔެކަން. އަދި އަހަންނަށް ދެރައެއް، ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެކަން،" ރީޝާ ގަދަކަމުން ހިންދިރުވައިލިއެވެ. "ތިޔަ ކައިވެނި ކުރާނީ ވެސް އަހަރުމެންގެ ދިރިއުޅުން އިތުރަށް ފަހިކުރުމަށް."
"ރީ ގަބޫލުތަ؟" ރީޝާގެ ހިމަ ދަތްދޮޅީގައި ރަވީ ހިފައިލިއެވެ.
"ހިތުންރުހުމުން." ރީޝާ ހިނިތުންވެލަމުން ރަވީގެ ގައިގައި ބައްދައިލިއެވެ.
ރީޝާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމުގެ ކުލަވަރު ގަދަ ކަމުން ބަދަލުކޮށްލިއެވެ. ފާޚާނާގެ ދޮރު ހުޅުވުމުންނެވެ. އެނދުމަތީގައި ފަތްޖަހައިފައި ހުރި ގަމީސްތަކާއި ޖީންސްތައް ފޮށިތެރެއަށް އަޅައި އަވަސް އަވަހަށް ނިންމާލިއެވެ. ރީޝާ ތެދުވެ ބަލައިލިއެވެ. ހަމައެކަނި ހުދު ތުވާއްޔެއްގައި ހުރި އިރު ރަވީގެ މޫނުމަތީން ތާޒާކަން ފެންނަވަރު އިތުރެވެ. ފާޚާނާއިން ނިކުމެ ރަވީގެ އެއް އަތުން ކަނދުރާ މަތީ އަތް ހާކާލަމުން ފެންތައް ރިޝާއާ ދިމާއަށް ބުރުވައިލިއެވެ.
"ހޫމް. މޫނަށޭ. ދެން އަވަސްކުރޭ މިހާރު ގަޑި ޖެހެނީ." ރީޝާ ކައިރިވެލިއެވެ.
ހިނިތުންވެލަމުން ރީޝާގެ ޝަހާދަތް އިނގިލީގެ ކުރި ރަވީގެ މޭކަށިގަނޑުގެ ކޮޅުގައި ޖައްސައިލިއެވެ.
"އަދި ނުވޭ!" ރަވީ ހިނިތުންވެލިއެވެ. "ތޭންކްސް. ވަރަށް އުފާވެއްޖެ. ހިތްހަމަ ޖެހިއްޖެ. މުޅީން ތާޒާ ވެއްޖެ."
ރީޝާ ކުރިއަށް ޖެހިލިއެވެ. ރީޝާ މަޑުމަޑުން ރަވީގެ މޭގައި ބޯޖައްސައިލިއެވެ. ރަވީގެ ދެ އަތުން ރީޝާގެ ގައިގައި ހިފައި އޭނާގެ މޭޔާލައި ބޮނޑިކޮށްލިއެވެ. އޭރު ރީޝާގެ ދެ ލޮލުން ކަރުނަ ނީރެމުން ދިޔައެވެ.
"އަދިވެސް ބޭނުންވީތަ؟" ރީޝާގެ ފަން އިސްތަށިގަނޑުގައި ރަވީގެ ދަތްދޮޅި ޖައްސައިލިއެވެ. ރީޝާ ދެ ލޯ ފޮހެލިއެވެ.
"ނޫން. ވެއްޖެ. ފުދިއްޖެ،" ރީޝާ ގަދަކަމުން ހީލިއެވެ. "މިހާރު މާ ލަސްވަނީ. ސައިބޮއެގެން ގެއިން ނުކުމެވޭއިރު ހުންނާނީ ގަޑިޖެހިފަ."
"ރަނގަޅަށް ގެ ބަލައްޗެ. އަހަރެން ނެތީމަ ފޫހި ނުވާތި!" ރީޝާގެ ދެ ކޮނޑުގައި ހިފައި ގަޔާ ދުރުކޮށްލަމުން ރީޝާގެ މޫނަށް ރަވީ ބަލައިލިއެވެ.
"އަލަކަށް ނޫނެއްނު އެކަނި ވަނީ." ރީޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
"އާނ ދޯ! އެކަމު އެ ވިޔަފާރީގައެއްނު."
"އަހަރެން ޖެހޭނެއްނު ދަސްކުރަން. ހޭނެން ވެސް ޖެހޭނެއްނު ދޯ!" ރީޝާ ހިނިތުންވެލިއެވެ.
"އަހަރެން ބޭނުންމެއް ނޫން ހަނިމޫނެއް. އެކަމަކު ޒޭނާގެ ބައްޕަ އޮތީ އެކަން ހަމަ ޖައްސައިފަ." ރަވީ ލޮލުގެ ތެތްކަން އިތުރުވަމުން ދިޔައެވެ.
"މައިންބަފައިން ވެސް އުއްމީދު ތަކެއް ކުރާނެ. އެމީހުންނަކީ ފޯރާ ބަޔަކަށް ވެފައި ހުރި ހަމައެކަނި ދަރިފުޅުގެ އުފަލުގައި ބަހައްޓަން ބޭނުންވާނެ،" ރީޝާ ފަހަތަށް އެނބުރިލިއެވެ. "ޒޭނާއަކީ މި ޒަމާނުގެ ރީތި ކުއްޖެއް."
ރީޝާ ބޭނުންވަނީ ރަވީ ފުރުމުގެ ކުރީން އުފާވެރި މޫނެއް އޭނާއަށް ދައްކާށެވެ. ނަމަވެސް ރަވީ ބޭނުންވަނީ ރީޝާއަށް އަންނަ ބަދަލުތައް ބަލައިލާށެވެ.
"އެކަމަކު އެ ދެން ބޭކާރު ޚަރަދެއްނު،" ރަވީ ގަސްތުގައި ބުނެލިއެވެ. "އެހެން ނޫނަސް އަހަރެން މީ އާ މީހެއް ވެސް ނޫނެއްނު."
"މިހާރު ދެން ހީވަނީ ތީ މަޖުބޫރުން ކުރުވި ކަމެއްހެން،" ރީޝާ ބަލައިލީ ރަވީގެ މޫނަށެވެ. "އަހަރެން ގާތު ތިވާހަކަ ބުންޏަސް ޒޭނާއަށް ނޫނީ އެގޭ މީހަކަށް އިވޭ ވަރަށް ވެސް ތި ޒާތުގެ ވާހަކައެއް ނުދައްކާތި! އެހެންނޫނީ މަސްލަހަތު ފުށުއަރާނެ. ދޮށީ އަނބި ކުޓުވަނީއޭ ހިތަށް އަރާނެ. އަހަރެން މީ އަމިއްލަ އެދުން ބޮޑު މީހެކޭ ބުނާނެ."
"އޯކޭ. އޯކޭ. ވިދާޅުވި ގޮތެއް. ދެން މަ ހަމަ ހައްޕު." ރަވީ ރީޝާއާ ކައިރިވެލިއެވެ. "ރީ ދެކެ އިންތިހާއަށް ލޯބިވެވެނީ ތިހެންވީމަ."
ރީޝާ ހުރީ ގޭގެ ގޯތިތެރޭ ގައެވެ. އަތުގައި އޮތީ ދަބަހެކެވެ. ރަވީ ބޫޓަށް އަރަނީއެވެ. އޭރު ރީޝާގެ މޭ ހީވަނީ ނަގައި ޖެހޭ ހެންނެވެ. މުޅި ގަޔަށް ހުރީ ވާން އަރާފައެވެ. ނޭނގޭ ތުރުތުރެއް ފައިން ފެށިގެން ބޮލާހަމައަށް ދައުރުކުރަމުން ދިޔައެވެ. އޭނާގެ ހިތް އަވަސްވަނީއެވެ. އަތްފައި ފިނިވަނީއެވެ. ރީޝާގެ ދެ ލޮލަށް ކަރުނަތައް ގިނަވަމުން ދިޔައެވެ.
"ލަސްވެއްޖެ ދޯ!" ރަވީ ހިންދެމި ލަމުން ރީޝާއާ ދިމާއަށް ބަލައިލިއެވެ.
"ކައިގެން އުޅޭތި! ފިހާރައިގެ ކަންކަން ރަނގަޅަށް ބަލާތި! މަންމަމެން ގެއަށް ވެސް ގޮސްލައި އުޅޭތި! ފޫހިވެއްޖެއްޔާ ގުޅައިލާތި!" ރީޝާ ދިއްކޮށްލި ދަބަހުގައި ހިފައިލަމުން ރަވީ ބުނެލިއެވެ.
"ޝައްކުވަނީތަ؟" ރީޝާ ހިނިތުންވެލިއެވެ.
"ނޫނޭ. ހަމަ އާދައިގެ މަތިން ދޭ ނަސޭހަތްވީމަ."
"އެއްވެސް ކަމެއް ގޯހެއް ނުވާނެ. ރަވީއަށް އުފާވެރި ހަނީމޫނަކަށް އެދެން،" ރީޝާ ހިނިތުންވެލަމުން ރަވީގެ ގައިގައި އޮޅުލައިގަތެވެ. "މާ ބޮޑަށް އަހަންނާ މެދު ނުވިސްނާތި! ޒޭނާއަކީ މިހާރު ރަވީގެ އަނތްބެއް. އޭނާ ހިތުގައި ނުޖައްސާތި. ދެރައެއް ނުދޭތި! އެންމެންގެ ވިސްނުން އެއް ގޮތެއް ވެސް ނުވާނެ. އަހަންނާއި ޒޭނާގެ ފަރަގުތަކެއް ހުންނާނެ. އެކަން ފާހަގަކޮށް އޭނާ ކުރިމަތީ ވާހަކަ ނުދައްކާތި! މިހާރު ރަވީގެ ދުނިޔެ ތި ވަނީ ބަދަލުވެފަ. އެކަން ހަނދާން ބަހައްޓާތި!"
"އަހަންނަށް ދުނިޔެ ހިތަކަށް ލިބިފަ ވެސް ރީ ނުލިބޭނަމަ ނުފުރޭނެ،" ރީޝާގެ ބުރަކަށީގައި އަތް ޖައްސައިލަމުން ރަވީގެ މޭއާ ލައި ބާރުކޮށްލިއެވެ. "ތޭންކްސް ރީ. ވަރަށް ވަރަށް ލޯބިވޭ."
ރަވީގެ ފަހަތުން ރީޝާ ދޮރޯށްޓާ ހަމައަށް ނުކުތެވެ. ކާރަށް އަރަންދެން ކަޅި ޖަހައި ނުލައި ބަލަން ވެސް ރީޝާ ހުއްޓެވެ. ކާރު ދުއްވާލުމުން ވަދާއުގެ އަތް ރީޝާ ހިއްލައިލިއެވެ. ކާރު ގޮސް ލޮލު ކޮޅަށް އޮބަންދެން ރީޝާ ބަލަހައްޓައިގެން ހުއްޓެވެ. ރަވީ ފަސްއެނބުރި ބަލައިލިއެވެ.
"އަހަންނަށް ތިހެން ނުހަދާ. އަހަންނަށް ތި އަނިޔާ ނުދީ. އާދޭސްކޮށްފަ. އަހަރެންގެ ހިތުގައި ނުޖައްސާ. އަހަރެންގެ ހިތް ނުރޮއްވާ. އާދޭސްކުރަން."
ރީޝާގެ އަޑާއެކު ރަވީއަށް މާޒީގެ ވަކިތަކުން ސަލާމަތްވެވުނެވެ. އޭނާއަށް ބަލައިލެވުނީ އޭނާއާ އެއް އެނދެއްގައި އޮތް ރީޝާގެ މޫނަށެވެ. ރީޝާ ދެ ލޯ ވަނީ މެރިފައެވެ. ރީޝާ ތުންތަޅުވަމުން ދިޔައެވެ. ބައެއް ވާހަކަތައް ސާފެއް ނުވެއެވެ. ރަވީ އޮތީ ރީޝާގެ ވާހަކަތަކަށް ކަންފަތްދީގެންނެވެ. ނަމަވެސް ރީޝާގެ އަޑެއް ބަޑެއް ނީވުނެވެ. ރަވީ މަޑުމަޑުން ދެ ލޯ މަރައިލިއެވެ.
ރަވީގެ ހަނދާނުގައި އަނެއްކާ ވެސް އެނބުރެން ފެށީ އެހެން މަންޒަރުތަކެކެވެ. އެހެން ކުލަތަކެކެވެ. ޒޭނާއާއެކު އޭނާ ހޭދަކުރި ދިހަ ދުވަހެވެ.
"އަހަރެން ބޭނުން ވީހާ އަވަހަކަށް ކުއްޖަކު ހޯދަން." ގަމީހުގެ ގޮށްތައް ނައްޓަމުން ރަވީ އެނދާ ދިމާއަށް ގުދުވެލިއެވެ.
"އޭނ، ކީކޭ؟" ސުވާލުގެ ނަޒަރުން ޒޭނާ ބާރަށް ބުނެލިއެވެ.
"އާނ. ތި ހީވީ ހަމަ ރަނގަޅަށް. އަހަރެން އަވަސްއަވަސް ކޮށްލައިގެން ޒޭނާއާ ކައިވެނި ކުރީ އެ ބޭނުމުގަ. ދަރިއަކު ހޯދުމުގެ ބޭނުމުގަ. އެހެން އެއްވެސް ބޭނުމެއް މި ކައިވެންޏަކު ނެތް." ރުންކުރު ރާގެއްގައި ރަވީ ބުނެލިއެވެ.
"އަހަރެން މިހާރު އެތައް ފަހަރަކު ބުނެފިންދޯ އަހަރެން ކުއްޖަކު ބޭނުމެއް ނޫނޭ. އެހެންނޫނަސް މީހަކާ އިންނަ އިރަށް ހިއްލައި ނުލެވޭ ބޮޑު ބަނޑެއް ހިފައިގެން މަށެއް އުޅޭކަށް ބޭނުމެއްނޫން،" ޒޭނާ މޫނުމަތިން ރުޅިވެރިކަން ހާމަވަމުން ދިޔައެވެ. "އަހަރެން ނޫޅޭން ނެޕީ ނައްޓަ ނައްޓާ އުޅޭކަށް. މަށަކަށް އެކަމެއް ނުވާނެ. އަހަރެން އަދި އަހަރެން އެކަމަށް ތައްޔާރެއް ވެސް ނޫން. ކުއްޖަކު ހޯދަން ޖެހޭނީ ދެ މީހުން ވެސް އެކަމަށް ބޭނުންވީމަ."
"އަހަރެން ޒޭނާ ގާތު ވަރަށް ސާފުކޮށް ބުނިންދޯ. އޭރު ޒޭނާ އެއްބަސްވީ ކީއްވެ؟ ކީއްވެ؟" ރަވީ ރުޅިވެރިކަމާއެކު ކޮޅަށް ތެދުވިއެވެ.
"ކަލޭއަށް އަދި ނުވިސްނެނީ ކީއްވެކަން އަހަރެން ކަލެއާ އިނީ. ކަލޭއަށް ނޭނގޭ ވަރަށް ގިނަ ކަންކަން ހުންނާނެ،" ޒޭނާ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ. "އަހަރެން ބޭނުމެއް ނޫން ޒުވާންކަން ގެއްލޭ ކަމެއް ކުރާކަށް. އެކަމަށް އޮތް އެންމެ މޮޅު ހައްލަކީ ކަލޭ."
"ކީކޭތަ ތި ކިޔަނީ؟ ސާފުކޮށް ބުނެބަލަ." ރަވީ ގާތަށް ރުޅިއައެވެ.
"ކަލޭއަށް ކެރޭނެތަ އަޑުއަހަން؟ އަހަންނަށް ކެރިދާނެ ބުނަން،" ޒޭނާ ތުން އަނބުރައިލަމުން ތުއި ގޮތަކަށް ބުނެލިއެވެ. "އަހަރެންގެ ދުރުމިއަށް ކަލޭ އެރީ ކަލޭގެ ރީތިކަމުގެ ސަބަބުން އެކަންޏެއް ނޫން. އަހަންނަށް ސަޅިވީ ކަލޭގެ އެކަން. އެ މައުލޫމާތު ވެސް ހޯދީ ވަރަށް ހާލުން."
"ކީއްވެތަ ބުނަން ނުކެރިގެން ތި އުޅެނީ؟ ތިހާ ގަޓްހުރިއްޔާ ބުނަންވީނު." ރަވީ އެނދު އެއްކޮޅުގައި އިށީނެވެ.
"ޒުވާބުކުރާ ރާގަށް ވާހަކަ ނުދައްކަފާނަންތަ؟ އަހަންނަށް އާދެވިގެން މި އުޅެނީ ޒުވާބު ކުރާ މުބާރާތަކަށްތަ؟ އާ އެހެންޏަ، ހަނީމޫނޭ ކިޔައި މި ތަނަށް އައިތާ ފަސްދުވަސްވީއިރު ވެސް ކޮންމެ ރެޔަކު ނިދަން އޮންނަން މިޖެނީ ދެ ބުރަކަށި ޖައްސައިގެން،" ޒޭނާ ނިތްކުރި މައްޗަށް ދެތިން ރޫ އަރުވައިލައިގެން އިނދެ ބުނެލިއެވެ.
"ޒޭނާ މޮޅުވާނީ ޖެއްސުމަށް ވާހަކަދައްކަން. ޒޭނާގެ ހުރި ހުނަރެއް ވިއްޔަ އެއީ. މޮޅެތި ވާހަކަދެއްކުން،" ރަވީ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ. "އަހަރެން ކުރި ސުވާލަށް އަދިވެސް ޖަވާބެއް ނުލިބޭ. ތިޔަ ފަށުވި ބަސްމޮށުންތެރިކަމުން ފައިދާއެއް ނުވިއެއްނު، ސުވާލަށް ޖަވާބެއް ނުދެވެންޏާ."
"އަހަރެން ނޫޅެއް ބުނަން ނުކެރިގެންނެއް. ހައްތަހާ ވެސް ތިމާ މީހާއަށް ދެރަބަހަކަށް ވެދާނެތީ. އެކަމު ދުލުގައި ހިފައި ދަމަންޏާ ނުބުނަން ހުންނަ ވާހަކަވެސް ބޭރު ވެދާނެ. މަށެއް ނޫޅެއް ބުނަން ނުކެރިގެން ނެއްވެސް. ތަފުސީލް ނާހާތި!" ޒޭނާ ހޭންފެށިއެވެ. "ކަލޭއަށް އެނގޭތަ ކިހައްޑިޔަ ޖެހޭތަންތަން ރަތްވަނީ ކީއްވެކަން؟ ކަލޭއަށް އެނގޭތަ ހަކުރުފަނި ޖެހިގެން ތަންތަން ރަތް ނުވާނެކަން؟ ދެން ކަލޭ ވިސްނައިލާ! މި ވަރު މަށަށް ބުނެވޭނީ. ދެން މި މައުޟޫއުގަ ވާހަކަ ނުދައްކާތި!"
"ރަވީ. ރަވީ." އަނެއްކާ ވެސް ރީޝާގެ އަޑު އިވުނެވެ.
ރަވީއަށް ދެ ލޯ ހުޅުވާލެވުނެވެ.
"އަހަރެން އެވާހަކަ ނުބުނީ ދެރަވާނެތީ. ހިތުގަ ޖެހިދާނެތީ." ރީޝާގެ އަޑު އިވެމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ.
ނިދީގައި އޮވެގެން އޭނާ ދައްކަމުން ދިޔަ ވާހަކަތައް މުޅީން ސާފެއް ވެސް ނުވެއެވެ.
"އެ ރިޕޯޓުތައް އަހަރެން ފޮރުވީ. އެ ނުފެންނާނެހެން ހެދީ. އެކަމަކު އެ ވާހަކަ މިހާރު ބުނަން ވެއްޖެދޯ. އެ އޮންނާނެ އަހަރެން ކުރަހާ ކޮޓަރީގައި ހުރި ލަކުޑި ފޮށި ތެރެއަށް ލައިފަ. ރަވ." ޖުމުލަ ފުރިހަމަ ނުވަނީސް ރީޝާ އެއްފަރާތަށް އެނބުރިލިއެވެ.
އެއާއެކު ރީޝާގެ ވާހަކަތައް ހިނދުނެވެ. ފަސްވަރަކަށް މިނެޓު ވަންދެން އިންތިޒާރު ކުރިއެވެ. ނިދީގައި އޮވެގެން ރީޝާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހައިލާށެވެ. ރީޝާގެ ފަރާތުން މައުލޫމާތެއް ލިބޭތޯއެވެ.
ރަވީ އެނދުން ތެދުވިއެވެ. އޭނާ މިސްރާބު ޖެހީ ރީޝާގެ ކުރަހާ ކޮޓަރިއަށެވެ. އެތަނަށް ވަދެ ރަނގަޅަށް ދިއްލައިލިއެވެ. ރަވީ ހައިރާންކަން ލިބުނެވެ. މުޅި ކޮޓަރީގައި ހުރި އޭނާގެ ފޮޓޯތައް ފެނިފައެވެ. އިސްކޮޅު ވަރުގެ ހަރުތަކުގައި ވެސް ހުރީ ރަވީގެ ތަސްވީރުތަކެވެ. އެކި ގޮތްގޮތަށް ހުރި އޭނާގެ ފޮޓޯތަކަށެވެ.
އޭނާގެ ލޮލުގައި އަޅައިގަތީ ތަފާތު ތަސްވީރެކެވެ. އެ ތަސްވީރުން ފެންނަނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އިނީ ކަނާއަތުން އަމިއްލަ އިސްތަށިގަނޑުގައި ހިފައިގެންނެވެ. މޫނުވަނީ އެނދާ ދިމާއަށް ތިރިކޮށްލެވިފައެވެ. އޭނާގެ އަނގަވަނީ ކޮންމެވެސް ވަރަކަށް ހުޅުވިފައެވެ. ދެ ލޮލުން ކަރުނަތައް އޮހެމުންދެއެވެ. ދެ ކަކޫ ވަނީ ގަޔާ ކައިރި ކޮށްލެވިފައެވެ. ވައަތުން ވަނީ ކަނާއަތު ކަކުލުގައި ހިފަހައްޓައިލެވިފައެވެ. އެނދާ ދިމާގައި ރަތް އަކުރުތަކަކުން 'ހިތް ނުރޮއްވާ. ކުށަކާ ނުލައި ހިތް ނުރޮއްވާ' ލިޔެފައި އޮތެވެ.
ރަވީއަށް އިނގިލި ޖައްސައިލެވުނީ އެ ތަސްވީރުގައެވެ. އޭގައިވާ ލިޔުން ކޮޅު ދެތިން ފަހަރަކު އޭނާ ކިޔައިލިއެވެ. ލަވައިގެ ރާގުގައެވެ. އޭނާ މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. ލޮލުގައި އަޅައިގަތީ ކޮޓަރީގެ އެއް ކަނުގައި ހުރި ލަކުޑި ފޮށްޓެވެ. އޭނާ އައީ އެ ފޮށި ހޯދާށެވެ.
އަވަސް އަވަހަށް އޭނާ އެ ފޮށްޓާ ދިމާއަށް ހިނގައިގަތެވެ. ފަރުވާތެރިކަމާއެކު ފޮށި ހުޅުވާލިއެވެ. ފޮށީގެ އެންމެ މަތީގައި އޮތީ ސިޓީ އުރައެކެވެ. ހޮސްޕިޓަލުގެ ނަން ލިޔެފައި އޮތުމުން އެ ނެގިއެވެ. ސިޓީ އުރައިގެ އެއްކޮޅު އޮތީ ކަނޑައިލައިފައެވެ. ސިޓީ އުރައިގެ އަރިކޮށްލިއެވެ. އަތްތިލައަށް ވެއްޓުނީ ތަޅު ދަނޑިއެކެވެ. ދަގަނޑު ތަޅުދަނޑިއެކެވެ.
"ނުލިބޭނެ،" ހިނިތުންވެ ހުރެ ރީޝާ ތަޅުދަނޑި ދައްކައިލިއެވެ. "މި އަހަރެންގެ ސިއްރު މައުލޫމާތު ރައްކާކުރާ ލޮކަރުގެ ތަޅުދަނޑި. ބޭނުން ވިޔަސް މި ތަޅުދަނޑިއެއް ނުލިބޭނެ. އެކަމު ބުނަން މި ތަޅުދަނޑި ރަވީއަށް ލިބޭ ދުވަހަކުން މި ހުޅުވާ. މައްސަލައެއް ނެތް."
ރަވީގެ ހަނދާނުގައި ކުޅެލީ އެ ތަޅުދަނޑިއާ ގުޅޭގޮތުން ރީޝާ ދެއްކި ވާހަކަތަކެވެ.
އަވަހަށް އެ ކޮޓަރިން ނުކުމެގެން ދިޔައީ އެމީހުންގެ ކޮޓަރި އަށެވެ. ކޮޓަރިއަށް ވަނުމަށް ފަހު ބަލައިލީ ރީޝާއަށެވެ. ރީޝާ އޮތީ އަރާމުކޮށް ނިދައިފައެވެ. އަވަސް ހަރަކާތްތަކަކާ އެކު ރީޝާ އެބުނާ ލޮކަރާ ހަމައަށް ދެވުނެވެ. ތަޅަށް ތަޅުދަނޑި ޖަހައިލުމަށްފަހު އަނބުރައިލިއެވެ. ފަސޭހަކަމާއެކު ހުޅުވުނެވެ. ލޮލުގައި އަޅައިގަތީ ފައިލެކެވެ. ގަޑުލައްވާ ފެހި ފައިލެކެވެ. އެ ފައިލު ނެގިއެވެ. ފައިލު ނަގައި ފަހަރަކު ގަނޑެއް ކިޔަމުން ދިޔައެވެ. ރަވީ ސިހިފައި ފަހަތް ބަލައިލީ މީހަކު އޭނާގެ ކޮނޑުގައި އަތްބާއްވާލުމުންނެވެ. އެއީ ރީޝާއެވެ. ރަވީގެ އަތުން ފައިލު ވެއްޓުނެވެ.
"ރީ. ކީއްވެ؟ ކީއްވެ އަހަރެން ގާތު ނުބުނީ. ކީއްވެ އޮޅުވާލީ؟" ރަވީ ރީޝާގެ ގައިގައި އޮޅުލައިގަތެވެ. "އަހަރެން ޒޭނާއާ ކައިވެނި ކުރީ ވެސް އެކަމަށް ފެންބޮވައިގެންފަ ހުރިލެއް ބޮޑުކަމުން."
ރީޝާ ބާރުބާރަށް ރޯން ފެށިއެވެ. ގިސްލެވެން ފެށުނެވެ. ރަވީގެ ގައިގައި އޮޅުލަމުން ދެމީހުން ދެމީހުންނަށް ރޮނީއެވެ. އެގޮތުގައި ދެތިން މިނެޓު ހޭދަވެގެން ދިޔައެވެ.
"ކީއްވެ އޮޅުވާލީ؟ އަހަރެން ހިޔެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. ރީއަށް އެނގޭތަ؟ އަހަރެން ޒޭނާއާއެކު ހޭދަ ކުރި ހަނިމޫނު ވެގެން ދިޔައީ ކައިވެނީގެ ސިއްކަ ޖަހަން ޖެހުނު ހަނިމޫނަކަށް. އެ ކީއްވެކަން އެނގޭތަ؟" ރީޝާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ރަވީ ގިސްލަމުން ވާހަކަދެއްކިއެވެ. "އާނ. އަހަރެން މިއަދު ވަރަށް ދެރަ ވެއްޖެ. ވަރަށް ލަދުވެސް ގަނެއްޖެ. އަހަންނަށް ވާނުވާ ނޭނގި ހުރެ ރީއަށް މިހާ ނިކަމެތި ހާލެއް ޖެއްސުނީމަ. އަހަރެން ހީކުރީ... އެހެން ނޫން ނަމަ ރީގެ ހިތް ރޮއްވައިފަ ދެ ވަނަ ކައިވެންޏެއް ނުކުރީމު. ރީ އަހަންނަށް މައާފު ކުރޭ."
ރީޝާ ރަވީ ދުރަށް ޖައްސައިލިއެވެ. މަޑުމަޑުން އޭނާގެ ޝަހާދަތް އިނގިލި ނަގައި އަމިއްލަ ތުންފަތުގައި ޖައްސައިލިއެވެ.
"ޝޫ! ދެން އިތުރަށް ވާހަކަ ނުދައްކާ. މިހާރު މި ވާހަކަ ވެސް މި ނިމުނީ. މި ހަގީގަތެއްކަން ގަބޫލު ނުކުރާނެ މީހުން ގިނަ ވާނީ. ބައެއް މީހުން ބުނާނެ މި ހުސް ވާހަކައެކޭ ވެސް،" ރީޝާ ބޯއަރިކޮށްލަމުން ރަވީގެ ކަންހުޅީގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. "އެމީހުން އަހަންނާ ހާދަ ދިމައެއް ވެސް ކުރެއޭ. އަބަދު ރަވީ ވެގެން އުޅޭތީ. ރަވީ، ރަވީ، ރަވީ ކިޔޭތީ. ހީވަނީ އަހަރެން އަބަދު ރަވީ ކިޔާހެންނޭ ވެސް ބުނެއޭ. އެނގޭތަ؟ އަދި އެމީހުން އަންނާނެ. މާ ބާރަށް ވާހަކަ ނުދައްކާތި! އެމީހުން ބުނީ އެކަނިވާށޭ. އޭރުންނޭ ހުރިހާ އުފަލެއް ލިބޭނީ. އަހަންނަކީ މިއީ އެކަނިވެރި އެކޭ މިހާރު. އެމީހުން ބުނާނެ އެމީހުން ގޮތަށް އަހަރެން ވެސް އުޅެން ޖެހޭނީ އެމީހުންގެ ދުނިޔޭގައޭ. އެއީ އެކަނިވެރިންގެ ދުނިޔެއޭ. އެއީ މާ އަމާން ދުނިޔެއެއް. ހުރިހާ ކަމެއް ފެންނާނީ ބޭނުންވާ ގޮތަށް. އެނގޭތަ އެ ކޮން ދުނިޔެއެއްކަން. އެއީ ހިމޭން ކަމުގެ ދުނިޔެ. އެކަނިވެރިންގެ ދުނިޔެ."
ރަވީއަށް ހުރެވުނީ ރީޝާގެ ވާހަކަތައް އަޑު އަހާށެވެ. ދެ ލޯ ބޮޑު ކޮށްގެންނެވެ. އަނގަ ހުޅުވައިލައިގެންނެވެ. ނޭވާ އެތެރެއަށް ހިފަހައްޓައިލައިގެންނެވެ. ރީޝާގެ ދެ ކޮނޑުގައި ރަވީއަށް ހިފަހައިލެވުނެވެ. މަޑުމަޑުން އޭނާއާ ރީޝާ ކައިރިކޮށްލިއެވެ.
"ދެން އަހަރެން އަބަދު އެ ނަމެއް ނުކިޔާނަން. ތަސްބީހައެއްހެން ރަވީ، ރަވީ ރަވީ ނުކިޔާނަން. އަހަރެން ވައުދުވަން." ރީޝާ ރަވީގެ އަތް ފޮޅުވައިލިއެވެ.
"އަހަންނަށް މަޢާފުކުރޭ. ދެން ދުވަހަކު ވެސް އަހަރެން ރީގެ ހިތެއް ނުރޮއްވާނަން. ކުށެއް ނެތް ހިތެއް ނުރޮއްވާނަން." ރަވީގެ ދެ ލޮލަށް ޖަމާވި ކަރުނަތަ ފައިބައިގަތެވެ. "އަހަރެންގެ ދުނިޔެއަށް ރީ ގެންނާނަން. ތި ވަކިތަކުން ރީ ނެރެދޭނަން. ރީގެ ތަސްބީހައަކަށް ރަވީ ރަވީ ހަދާނަން."
(ނިމުނީ)