ވެހެމުންދިޔަ ވާރެޔާއެކުވެ "ބޫން" އަޑު ލައްވަމުން އަންނަ ވައިރޯޅިތަކުގެ އަޑު ފަނޑުކޮށްލުމަށްފަހު ޖެހި ބާރު ގުގުރީގެ އަޑަށް، މަގަށް ވާގޮތަށް ހުރި ގޭގެ މައިދޮރު، ހަނިގޮތަކަށް ހުޅުވައިގެން ހުރި، މަލީކާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ދިރިއުޅުމަކީވެސް މިވެހޭ ވާރޭގެ ތިކިތައް ފަދަ އެއްޗެކެވެ.
މުށު ތެރެއިން ދެމިގަނެގެން ނުދެވޭނެ ފަދަ ފޮނި އެތައް އުއްމީދުތަކެއް އޭނާވެސް ހިތުގައި ރައްކާކުރިއެވެ. އެއުއްމީދުތައް އެންމެ ފަހުވަގުތު، މިވެހޭ ވާރޭގެ ތިކިތައް ފަދައިން އޭނާގެ މުށުންވެސް ދެމިގަތީއެވެ. ނުވެސް އެނގި ހުއްޓައެވެ.
ވެހެމުން ދިޔަވާރޭގެ ތެރެއިން ސަކާރާތާ މަޖަލުގައި ދެއަތުން ހޯރައަޅަމުން ދުވަމުން އައި ތިން އަންހެން ކުދިން ފެނި މަލީކާގެ ނިތްކުރިއަށް އެރި ރޫތަކާއެކު ނިކަން އަވަސް ގޮތަކަށް ގޭގެ ދޮރު ލައްޕާލައިފިއެވެ. އެއަށްފަހު އޭނާގެ ކުރިމަތިން ސިފަވަމުންދިޔަ ހިތް ނުތަނަވަސް މަންޒަރަށް ބަލަހައްޓައިގެން ހުއްޓެވެ. އެއީ ބާރަ ފޫޓު ބާރަ ފޫޓު ހަމަނުވާ ކުޑަ ގޮޅިއެއްފަދަ ތަނެކެވެ. ކައްކާ ތަން ހުރީ އެ ކުޑަތަންކޮޅުގެ ކަނަކަށް ވާގޮތަށް ހުރި ފާހާނާއާ ޖެހިގެންނެވެ. ގޭގަ އުޅޭ ހައެއްކަ ފިރިހެންކުދިން ބިންމަތީގައި ނިދާ މަރުވެފައި ތިބިއިރު، ގޭގެ އެތެރޭގައި ހަދާފައިވާ ހިމަ ލަކުޑި ސިޑިން މައްޗަށް ވާގޮތަށް އިނީ މަލީކާގެ ދެމަފިރިންނާއި، މައިދައިތަ އާއި ގޭގައި ދެންވެސް އުޅޭ އަންހެނުން ނިދަން ހާއްސަކޮށްފައިވާ ދެކޮޓަރިއެވެ. މުޅި ގޭތެރެ އެއްވަސްވެފައިހުރީ ތަތްމުޑުވަހާ އެކުވެގެން އަންނަ ނޭފަތަށް ނުކުޅަދާނަވާ ފަދަ ވަހަކުންނެވެ. ގަޑިން ހެނދުނު ދިހައެއްޖެހުމާ ގާތްވެފައިވާއިރު، މަލީކާގެ އަރުން ކާއެއްޗެއް އެތެރެ ނުކުރެވިފައި އެހުންނަނީ، ނިދަންތިބި މީހުންނަށް "އިރުއަރާނެ" އިރެއް ނޭނގޭތީއެވެ.
ވެފައިހުރި ފޫއްސެއްގެ ބޮޑުކަމުން ދެފަރާތަށް ބޯހޫރާލަމުން އަނެއްކާވެސް ގޭގެ ދޮރު ހުޅުވާލައި މަލީކާ ބޭރު ބަލާލައިފިއެވެ.
"މަލީ...މަލީކާ...." ދޮރުހުޅުވާލުމާއެކު ކުއްލިއަކަށް އިވުނު އަޑުން ބޭއިޚްތިޔާރުގައި އޭނާއަށް އަނެއްކާވެސް ދޮރު ލައްޕާލެވުނެވެ.
"އެއީ ހަމަ މަލީ....."
"މަލީ؟ އެގޭގަ..!؟..... އަފޫ އަދިވެސް ނިދާފަ ދޯ ތިހިރީ؟؟ " މަލީކާ ގޭގެ ދޮރު ލައްޕަމުން ދިޔައިރު ފަނޑުގޮތަކަށް އެ އިވުނު އަޑާއެކު ދޮރު ތަޅުލަމުން ދެލޯމަރައި ރަނގަޅަށް ތަގުޅިކޮށްލެވުނެވެ.
އޭނާގެ ވަށައިގެންވަނީ ލަދުވެތިކަމުގެ ފަރުދާއެކެވެ. ކެނޑުނު ފޮންޏާއި ކިޔުނު އެއްޗިއްސާ ހެދިއެވެ.
ވާރެއާ ތެމިގެން މިނިވަން ކަމާއެކު "އުދުހެމުން" އެދިޔައީ އޭނާގެ އެންމެ ގާތް ތިން ރަޙުމަތްތެރިންނެވެ. ޢުމުރުން އަށާރަ އަހަރުގައި މަލީކާ ކުރި ކައިވެންޏާއެކު އޭނާ ވެއްޓިފައިވަނީ ބޮޑު ލަދުވެތިކަމެއްގެ ތެރެއަށެވެ. ބައެއް މީހުންނަށް އެމީހުން ބުނާ ބަހުގައި ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމުގައި ނުވިޔަސް މަލީކާއަކީ ބުނާ ބަހުގައި ގަދައަށް ހިފަހައްޓާ ކުއްޖެކެވެ. ނަފުސުގެ އަގު ހިފެހެއްޓުން ބިނާވެގެންވަނީ ބުނާ ބަހާ ޢަމަލު ދިމާވުމުންކަމުގައި އަބަދުވެސް މަލީކާ ދެކެއެވެ.
މަލީކާއަކީވެސް އެހެން ޒުވާން އަންހެންކުދިންނެކޭ އެއްފަދައިން ޒުވާންއިރު ލޯތްބެއް ހޯދުމަށްޓަކައި އިންޓަނެޓްގައި ފީނި އަންހެން ކުއްޖެކެވެ. މީހާގެ ނެތްހާ ރީތިކަން ފޮޓޯތަކަށް ގެނުވަމުން އިންޓަނެޓްގެ ޒަރީޢާއިން ޒުވާން އެތައް ފިރިހެން ކުދިންނެއްގެ ހިތްތައް އޭނާ ފަތަހަ ކުރިއެވެ.
މަލީކާއާއި ޖުމާން ބައްދަލުވީވެސް ސޯޝަލް މީޑިއާގެ ތެރެއިންނެވެ. އެއްދުވަހެއްގެ ފެނުން ތޮޅިލި އިރާއެކު ނިދި މޯޅިއަކަށް ދެމިލަމުން އެނދުމަށްޗަށް ބަންޑުންވިގޮތަށް، އޮންލައިންވެ އުޅުމުގެ ތެރޭގައި ޖުމާން ޖަހާލި ފުރަތަމަ "ހައި" އާއެކުވެސް މަލީކާގެ ހިތް ޖުމާންއަށް ހިބަ ކުރެވުނީއެވެ. ޕްރޮފައިލް ފޮޓޯގައި އިން ޖުމާންގެ ފައިން ފެށިގެން ބޮލާހަމައަށް އިން ފޮޓޯ ފެނި ޖުމާންގެ ބޭރުފުށުގެ މަތިވަރުން "ތަނަވަސްކަމުގެ" ކުލަވަރު ފާޅުވިލެއް ބޮޑުކަމުންނެވެ. ބަލިވި ކަމަށްބުނެ މަންމައަށް ދޮގުހެދުމަށްފަހު ސުކޫލަށްވެސް ނުގޮސް އެދުވަހުގެ ދެބައި ހުސްވަންދެން ހައިހޫނުކަމުގައި މަލީކާ ޖުމާންއާ ވާހަކަ ދެއްކުމުގައި އޮތީ އެހެންވެގެންނެވެ.
"އަހަރެން ބައްޕަ އަކީ ޝައުކަތު ފަހީމް... އެނގެއެއްނު ޝައުކަތު ފަހީމް؟ ދެން ކީއްކުރަން އަހަރެން މީހެއްގެ ޖޮބަކަށްދާންވީ. އަހަންނަކީ އަހަރެންގެ ބައްޕަގެ އޮފީހުގެ އެމް.ޑީ" އެއްދުވަހަކު ޖުމާން އުޅޭ ވަޒީފާއަކާ ގުޅޭ ގޮތުން މަލީކާ ކުރި ސުވާލަށް ޖުމާން ދިން ޖަވާބު ފެނި މަލީކާ އަނބުރައިނުގަތީ ކިރިޔާއެވެ. ޝައުކަތު ފަހީމް ނުދައްނާނީ ކާކު ހެއްޔެވެ؟ އެއީ މުޅި ދިވެހިރާއްޖޭގައިވެސް ހުރި އެންމެ މުއްސަނދި މަހުޖަނެވެ.
އެހެން ފިރިހެންކުދިން ޖަހާ "ހައި" ތައް އެކަހެރިކުރުމަށްފަހު، މަލީކާ ހަމައެކަނި ޖުމާންއަށް ހުސްވިއެވެ. ދުވާލާއި ރޭގަނޑުގެ ބޮޑުބައި ލެޕްޓޮޕް އުނގަށް ލައިގެން ކޮޓަރީގެ ތެރޭގައި، ޖުމާންެއާ ވާހަކަ ދެއްކުމުގައި ހޭޭދަކުރަން ފެށިއެވެ. މަންމަމެންނާއި ދައްތަމެން ގޮވާ އެއްޗިއްސަށް ބެލުމެއްނެތިއެވެ. ތެދުތެދަށް ބުނާނަމަ، ކުލާހުގައި ފެއިލްވަމުން ގޮސް މަލީކާ ގްރޭޑް ނުވަޔަކާ ހަމައިން ސުކޫލުން ކެނޑި ގޭގައި އިންނަން މަޖުބޫރު ކުރުވި ޙަޤީޤަތަކީވެސް ހަމަ ޖުމާންއެވެ. ޖުމާންގެ ލޯބިން ހިތުގައި އުތުރި އަރަމުންދިޔަ ޖަޒުބާތުގެ އޮއިވަރުގައި ޖެހި މައިންބަފައިންނާ އޮތް ގުޅުން ކެނޑުމަށްފަހު އުފަން ގޭގެ ދޮރުން ނުކުތީވެސް، ޖުމާންގެ މީހަކަށްވުމަށް ކެތްމަދުވެފައިވާލެއް ބޮޑުކަން ޖުމާންއަށް އަންގަ ދިނުމަށެވެ.
އެދުވަހު ގެއިން ނުކުމެގެންގޮސް މަލީކާ، ހިޔާވަހިކަން ހޯދީ އެކުވެރި އަފޫގެ ގެއިންނެވެ. ރައްޓެހިންގެ މުހިއްމުކަމާ ޟަރޫރަތު ހާމަވަނީ އެކަހަލަ ކަންކަމުންނެވެ. ޝަރުތެއްނެތި ތިމާ ގަބޫލުކުރަނީ އަބަދުވެސް ރަހުމަތްތެރިންނެވެ. އެގެއިން ޖާގައަކަށް އެދުމުންވެސް އެއްވެސް ޝަކުވާއެއް، ބަހަނާއެއްނެތި އަފޫ މަލީކާއަށް އެގެއިން ޖާގަ ދިނެވެ. އަފޫގެ މައިންބަފައިންގެ ރުހުމާވެސް އެކުގައެވެ. ވީގޮތް އޮޅުން ފިލުވުމަށް އަފޫކުރި ސުވާލާގެ އަޑުއިވި، މަލީކާގެ ހިތް ފަޅައިގެން ދިޔައެވެ.
"މަންމަމެންނަކަށް ދުވަހަކުވެސް ނުވިސްނޭނެ. މަ ޖުމާން ދެކެ ހާދަ ލޯތްބެއްވެޔޭ. މަންމަމެންނަށްވެސް ރަނގަޅޭއްނު މަ އޭނައާ އިނީމަ. މުޅި ރާއްޖޭގަވެސް ހުރި އެއްމެ މުއްސަނދިމީހާގެ ދަރިއެއްވިއްޔަ އެއީ...." ނޯއްދަމަމުން، ލޮލުން ފޭދިގެން އައި އަކުރަތައް ފޮހެމުން މަލީކާ ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ބުނެލިއެވެ.
"މަލީ ދުވަހަކުވެސް އެގެއަށް ދިޔައިންތަ؟"
* * **** * *
ވެހެމުންދާ ވާރޭ ތުނިކޮށްލުމުން އަފޫމެން ބޭރުގައި ތިބިތޯ ބަލާލުމުގެ ބޭނުމުގައި ކުޑަކޮށް ދޮރު ހުޅުވުމަށްފަހު، ބޭރުބަލާލިއެވެ. އެމީހުން އެތަނުގައި ނެތުމުން، ހިތްހަމަ ޖެހުމުގެ ނޭވާއެއް މަލީކާއަށް ބޭރުކޮށްލެވުނެވެ. އެ އެކުވެރިންގެ އެދުމާ ދެކޮޅު ހަދައި އެގެއަށް އެމީހުން ގެނައުމުން ކޮންމެ ފަހަރަކުވެސް އޭނާ މަނާވެގަންނަނީ، ކޮންމެވެސް ތަނެއްގައި އުޅޭ ކަމުގެ ބަހަނާގައެވެ. ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ.
" ހެލޯ.."
" އޭތް މަލީ. ކޮންތާކު ތިއުޅޭނީ....؟"
"އޭތް ހާއި.... އަފޫ... ކިހިނެތްތަ؟ މި... މިއުޅެނީ މާލެކައިރީ ރިޒޯޓެއްގަ..... ކިހިނެތް ވީ؟" ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން މަލީކާ ބުނެލިއެވެ.
"މަށާ ފަޒޫއާ ޝިމްއާ މިއަދު ވާރޭ ތެމެން އުޅެނިކޮށް މަލީ ފެނުނުހެން ހީވި މާލެއިން... ހީވި ގޮތްދޯ މީ.... އޭތް ދެން ކޮން އިރަކުންތަ ތިގެއަށް އަހަރެމެން ގެންދާނީ؟" އެ ސުވާލާއެކު އަނެއްކާވެސް މަލީކާގެ އަނގަ ބަންދުވީއެވެ. ބުނާނެ އެއްޗަކާމެދު ވިސްނަން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ.
"މަލީ؟؟؟"
" އޮ އޯތް... ތިކަމާ އެބަވިސްނަން އިނގޭ... ޖުމާން އެބަ ގޮވާ.... މާލެ ގޮސް ގުޅާނަން އިނގޭ... ބައި" ބުނާނެ އެއްޗެއް ނޭނގިގެން މަލީކާ ފޯނު ބޭވީއެވެ.
**** ****
އަފޫގެ ގޭގައި ހޭދަކުރި ތިންމަސް ދުވަހުގެ މުއްދަތަށްފަހު، މަލީކާ ޖުމާންއާ ކައިވެނި ކުރިއެވެ.
އެކައިވެންޏެކޭ ދިގު ހަނގުރާމައެކޭ އެއްވެސް ތަފާތެއް ނެތެވެ. ބައްޕަގެ ވަލީ ހޯދުމަށް ހުރަސްކުރަން ޖެހުނު އޮޅީގެ އުސްކަމުން މަލީކާ އަނގަވަތަށް ނުވެއްޓި ސަލާމަތްވީ، ޤާނޫނުގެ ތެރެއިން ވަލީ ހޯދުމުގެ ހިމާޔަތް ލިބިދީފައިވާތީއެވެ. ބައްޕަގެ ނުރުހުމާ އާއިލާގެ ހަޅޭކާއެކުވެސް ޙާކިމްގެ ވަލީއަށް ގަދަބާރުންވެސް މަލީކާ އެކައިވެނި ކުރިއެވެ. ރަން އުނދޯޏެއްގެ ހުވަފެން ދެއްކުމަށްފަހު ޖުމާން އޭނާ އެރުވީ ޅޮސް އުނދޯޔަކަށްކަން މަލިކާއަށް ރޭކާލީވެސް ކައިވެނިކޮށްގެން އެކުޑަ ގުދަނެއްކަހަލަ ތަނަށް ގެންގޮސް ވެއްދުމުންނެވެ.
"އައްޗީޑި... ޖުމާން ދެން ސަމާސާ ނުކުރޭ.... ކީއްކުރަން މިތަނަށް ތިއައީ.. ހިނގާދާން ގެއަށް" ޖުމާނުގެ ބުރަކަށީގައި ގޮށްމުށުން މަޑުމަޑުން ޖަހާލަމުން މަލީކާ ބުނެލިއެވެ.
"މިއީ ސަމާސާއެއްނޫން. މިއީ އަހަރެންގެ ގެ... އަހަންނަކީ ޝައުކަތު ފަހީމްގެ ދަރިއެއްނޫން... މަލީކާ ކޮންމެ ދުވަހަކު ސުކޫލުން ގެއަށް ދާތަންފެނި، އަހަންނަށް މަލީކާ ދެކެ ލޯބިވެވުނީ، މަލީކާ އެންމެ ފަސޭހައިން ހާސިލްކުރެވޭނީ އެގޮތަށްކަން އެނގިގެން އަހަރެން ކުރިކަމެއް އެއީ" ޖުމާން މަޑުމަޑުން އެހެން ބުނެލިއިރު، ކުރެވުނު ކަންތަކާމެދު ދެރަވި ކަމުގެ އެއްވެސް ނިޝާނެއް އެމޫނުމަތިން ފާޅެއްނުވެއެވެ.
"ޖުމާން ކީއްވެ ދޮގުހެދީ... އަހަރެންގެ ރައްޓެހިން ކީކޭބުނާނީ. ނުވިތާކަށް މަންމަމެންނަށްވެސް ހެދުނުގޮތް ބަލާބަލަ..." އެހިސާބަށް ބުނުމަށްފަހު މަލީކާއަށް ރޮއިގަނެވުނީއެވެ.
ފަހުން އެނގުނުގޮތުގައި ޖުމާންއަކީ އާއިލާގަ ތިބި ހަ ފިރިހެންކުދިންނާއި ހަތަރު އަންހެން ކުދިންނާއި މަންމަ ބެލެހެއްޓުމުގެ ޒިންމާ ނަގައިގެންހުރި އެއާއިލާގެ އެންމެ ދޮށީ މީހާއެވެ. ބައްޕަވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުދުވަހުގެ މުއްދަތަށް ޖަލުގައެވެ. ޖުމާން ގެ ބޮޑު އޮޅުވާލުމާހެދި އައި ރުޅިން މަލީކާ ޖުމާންއާ ވާހަކަވެސް ނުދައްކައި އެތައް ދުވަހެއް ހޭދަކުރިއެވެ.
ޖުމާންގެ ސަބަބުން ހުރިހާ ކަމެއް މަޖުބޫރުވެފައިވަނީ އެހާމެ ބޮޑަށެވެ. ރައްޓެހިންކައިރީ މިލިބުނު "ލަނޑު" ގެ ވާހަކަ ދައްކައިފިއްޔާ އެމީހުން ކުރާނެ މަލާމާތާއި، މައިންބަފައިންނަށް މިކަން އަންގައިފިއްޔާ އޭނާކުރި "ކުށް" އިހުސާސް ކޮށްދެން އެމީހުން ކިޔާނެ އެއްޗެހި ހިތަށް އަރުވައި އެންމެ ފަހުން އޭނާ ޖުމާންއާއެކު އެހާލުގައި އުޅުމަށް އެއްބަސްވީއެވެ. ކަސްތޮޅު އެޅުވިފައިވާ ރީތި ދޫންޏެއް ފަދައިންނެވެ.
**** **** **
ބޭރުން ދޮރުގައި ޓަކިޖެހި އަޑަށް ޚިޔާލުތަކުގެ ސިލްސިލާއިން ނުކުމެގެން ގޮސް މަލީކާ ދޮރުހުޅުވާލިއެވެ. ކުރިމަތީ ތިބި މީހުންފެނި މަލީކާ ތުންފަތުގައި ދަތްއަޅަލެވުނެވެ.
"އަފޫ.... ފަޒޫ.... ޝިމް.....ކީ. ކީ ކުރަނީ މިތާ؟"
"ތިއީ ރިޒޯޓްގަ ހުރިމީހާ؟؟ މިއީ ޝައުކަތު ފަހީމްގެ ގެ؟؟" ގޭގެ ހަތަރު ބިތަށް ނަޒަރު ހިންގަމުން، އެންމެ ފަހުން ނުހުރެވިގެން ޝިމް ސުވާލުކުރިއެވެ.
ވީ ހުރިހާގޮތް ކިޔާ ނިންމާލުމައެކު ތިންމީހުންވެސް ފެށީ ހޭންށެވެ. މަލީކާ ބުނާނެ އެއްޗެއް ނޭނގިގެން އިސްޖެހި ގޮތަށް ހުރީއެވެ. ހުވަފެނެއްގެ ފެށުން މިހާ ލަދުވެތި ގޮތަކަށް އައީތީއެވެ. ހުވަފެންނަކީ އެކަހަލަ އެއްޗެކެވެ. ބައެއްފަހަރު އޭގައި ހަގީގީ ކުލަ ޖެހޭނެއެވެ. އަނެއްބައިފަހަރު އޭގައި އެއްވެސް ކުލައެއް ނުވާނެއެވެ.
"މަ ބުނީމެއްނު އޭރު ފެނުނީ ހަމަ މަލީ އޭ..." މަލީކާ އެއްޗެއް ނުބުނުމުން އަފޫ އެންމެ ފަހުން އެދޭތެރޭގެ ހިމޭންކަން ނަގާލިއެވެ.
"އެކަމާ ދެން ނުވިސްނާ... އެހެންވެސް ވާނެ.... ޖުމާން އޯކޭ އެއްނު؟" މަލީކާގެ ކޮނޑުގައި އަތްބާވާލަމުން ފަޒޫ އެހިއެވެ. ޖަވާބުގައި މަލީކާ ބޯޖަހާލިއެވެ.
އެކައިވެންޏާކީ ކިތައްމެ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރެވުނު ކައިވެންޏެއްނަމަވެސް، ޖުމާންއަކީ މަލީކާދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. އެހެންވެ، އޮޅުވާލުމެއްގެ ތެރެއިންވެސް އިޚުތިޔާރުކުރެވުނީ ރަނގަޅު ބައިވެރިއެއް ކަމުގައި މަލީކާ ޤަބޫލުކުރިއެވެ. މުއްސަނދިކަމާ ތަނަވަސްކަމަކީ ނަސީބުގައި ލިބެންހުރި އެއްޗެއްނަމަ، ވަގުތު އައިސްޖެހުމުން އެކަންކަންވެސް ވާނެ ކަމުގައި މަލީކާ ގަބޫލުކުރިއެވެ.
ދުނިޔޭގެ ދިރިއުޅުމަކީ އިމްތިހާނެކޭ ބުނެވެނީ އެހެން ވެގެންނެވެ. ހުރިހާވެސް ހިތާމައަކީ ދެއްކޭ ވާހަކައެއްގެ މައްޗަށް ބަރޯސާވެވޭކަމެވެ. ލޮލުންފެނިގެންނޫނީ ހަގީގަތާ ހަމައަށް ވާސިލް ނުވުމުގެ ނަސޭހަތަކީ ގިނަ މީހުން އެބަހަކަށް ބޯ ނުލަނބާ ނަސޭހަތެކެވެ. (ނިމުނީ)