ކުޅިވަރު

ސަންގެ ރަތްކާޑުގެ އިސްތިއުނާފް ކާމިޔާބެއް ނުވި

ޓޮޓެންހަމް ހޮޓްސްޕާސްގެ ވިންގާ ސަން ހިންގްމިން އަށް ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑު އިސްތިއުނާފް ކުރަން ހުށަހެޅުމުން އިސްތިއުނާފް ކުރެވެން ނެތް ކަމަށް އިނގިރޭސި އެފްއޭއިން ނިންމައިފި އެވެ.

އިނގިރޭސި އެފްއޭއިން ނިންމާފައި ވަނީ، ސަންގެ ރަތް ކާޑުގެ އަދަބު ދެމެހެއްޓުމަށެވެ. އޭގެ މާނައަކީ ކުރިއަށް އޮތް ތިން މެޗުގައިވެސް ސަން އަށް ނުކުޅެވުމެވެ.

ލަންޑަން ޑާބީގެ މެޗުގެ ދެ ވަނަ ހާފުގައި ސަން އަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ސަން އަށް ރަތް ކާޑު ދެއްކީ ވީއޭއާރް މެދުވެރިކޮށް މައްސަލަ ރިވިއު ކުރުމަށް ފަހު އެވެ.

ޓޮޓެންހަމްގެ ކޯޗް ހޯޒޭ މޮރީނިއޯ ދެކޭ ގޮތުގައި ސަން ކުރި ޗެލެންޖުގައި ރޫޑިގާ މާބޮޑަށް އޮވާ ރިއެކްޓް ކުރި އެވެ. ޗެލްސީގައި މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން ކުޅުނު ކުރީގެ މިޑްފީލްޑާ އަދި ޗެލްސީގެ މިހާރުގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނީ ރޫޑީގާގެ ފަރާތުން ގޯސް އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ.

އެ މެޗުގައި ޓޮޓެންހަމްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ރޫޑިގާ އާ ނަސްލީ ގޮތުން ދިމާ ކުރުމުން، އެ ކުލަބުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެ މެޗުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ އާ ދިމާލަށް އެއްޗިހި އުކި ސަޕޯޓަރަކަށް ދަނޑަށް ނުވަދެވޭ ގޮތަށް ޓޮޓެންހަމްއިން ވަނީ އަދަބު ދީފަ އެވެ.