އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ހިނގާ ކަންކަމަކީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށާއި އެފަދަ ކަންކަމާ މެދު ސަރުކާރުން ބަހެއް ނުބުނާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރަޓެޖިސްޓް އަދި ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ރަށްވެހިކަމުގެ ގާނޫނަށް ދާދި ފަހުން ގެނައި ބަދަލާއެކު ގިނަ މުސްލިމުންތަކެއް ގައުމެއް ނެތް ބައެއްގެ ގޮތުގައި ވެގެންދާނެތީ އެ ގައުމުގައި އެތަކެއް ހާސް ބަޔަކު ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހޫދު ވިދާޅުވީ މި ސަރުކާރުން އެއްވެސް އިރެއްގައި ގައުމުތަކުގެ ދާހިލީ ކަންކަމުގައި ޝާމިލުވެގެން އެކަންކަމާ މެދު ބަސްބުނެ ނަހަދާނެ ކަމަށެވެ. އަދި އިންޑިޔާގައި މިހާރު އުޅެނީ ދާހިލީ މައްސަލައެއް ކަމަށާއި އެކަމާ ސަރުކާރުން ވަކި އެއްޗެއް ނުބުނާނެ ކަމަށް ހޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މީގަ ބަލާ މިންގަނޑުތަކެއް ވެސް ހުންނާނެ. އިންޓަނޭޝަނަލް ލޯ އާއި ހިއުމަން ރައިޓްސްއާ ކޮންވެންޝަންތަކާ ގޮތަށް ކަންކަން ހުންނާނެ އެއްޗެއް ބުނާ އިރު ބަލާ. އެ މިންގަނޑުތަކަށް [އިންޑިޔާ މައްސަލަ] ނުފެތޭތީވެ ނުބުނަނީ،" ހޫދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ފަލަސްތީނުގައި މުސްލިމުންނާ ދެކޮޅަށް ހިނގާކަންކަމާ ބެހޭ ގޮތުން އެންމެ އަޑު ހަރުކޮށް މި ސަރުކާރުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދާ ކަން ހޫދު ފާހަގަ ކުރެއްވި އެވެ. އަދި މި ސަރުކާރުން އިޒްރެއިލް ކުށްވެރި ކުރާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
އިންޑިޔާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން އެ ގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފަ އެވެ. ނަމަވެސް މުސްލިމުންނަކަށް އެ ފުރުސަތެއް ނެތެވެ. ބިލުގައި ބުނެފައި ވަނީ 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އިންޑިއާ އަށް ހިޖްރަކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ލިބޭނީ އެމީހުންގެ އަތުގައި ކަމާބެހޭ ލިޔެކިޔުންތައް ހުރުމުންނެވެ.
އޭގެ ސަބަބުން ހަތަރު މިލިއަނެއްހާ އިންޑިޔާގެ މުސްލިމުން ގައުމެއް ނެތް ބަޔަކަށް ވެގެންދާނެ ކަމަށް އެ ގައުމުގެ މުސްލިމް ޖަމިއްޔާގެ ލީޑަރު އަސައްދުއްދީން އުވައިސީ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން އެ ގައުމުގައި ވަރަށް ގިނަ ރައްޔިތުން ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. އަދި އިންޑިޔާ ފުލުހުންގެ އަނިޔާވެރި އަމަލުތަކެއް އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިނގަމުންދާއިރު މިހާތަނަށް 23 މީހުން ވަނީ މަރުވެފަ އެވެ.