ވިޔަފާރި

ކްލަބްމެޑް، ފިނޮޅު ވިލާ ރިސޯޓުގެ ފަރުމާއަށް ދުނިޔޭގެ އެވޯޑެއް

Aug 26, 2015

ކްލަބް މެޑް ކުންފުނިން ރާއްޖޭގައި ހިންގަމުން ގެންދާ ގަސް ފިނޮޅު، ފިނޮޅުވިލާ ރިސޯޓުގެ ފަރުމާ އަށް ބައިނަލް އަގުވާމީ ޑިޒައިން އެވޯޑެއް ލިބިއްޖެ އެވެ.

ދުރުން ބަލާއިރު ރާޅު ބާނިތަކެއްގެ ގޮތުގައި ފެންނަ ގޮތަށް ފަރުމާކޮށްފައި ކ. ގަސްފިނޮޅު ރިސޯޓަށް ލިބިފައިވަނީ "ސްކޫޕް ޓޮޕް ޑިޒައިން" އެވޯޑެވެ. ދުނިޔޭގެ ފުރަތަމަ 100 ޕަސެންޓް ސޯލާ އެނާޖީން ހިންގަމުން ގެންދާ މި ރިސޯޓަށް ސްކޫޕް އެވޯޑް ލިބިފައިވަނީ ބެސްޓް ބީޗް ހޮޓާ ކެޓަގަރީ އިންނެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ ޖަޕާނުގެ ފަރުމާ ކުރުންތެރިއެއް ކަމަށްވާ ޔޫޖީ ޔަމަޒާކީ އާއި ފްރާންސުގެ ޑިޒައިނަރެއް ކަމަށްވާ މާރިމް ހަލް އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން ފިނޮޅުވިލާ ރިސޯޓަށް މި އެވޯޑު ލިބުނީ މި ރިސޯޓު ފަރުމާކޮށްފައިވާ ފުރިހަމަ ކަމާއި ރިސޯޓުގެ ފަރުމާ ކުރުމުގައި ކުރީ ޒަމާނާއި މި ޒަމާނުގެ ފެނުމުގެ ސަބަބުންނެވެ.

މި ރިސޯޓު ތަރައްގީކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފެވެ.

މި ރިސޯޓަކީ 52 ކޮޓަރީގެ ރިސޯޓެވެ. މި ރިސޯޓުގައި 22 ބީޗް ކޮޓަރި އާއި 30 މޫނު ކޮޓަރި ހުރެ އެވެ. މި ހުރިހާ ތަނަކަށް ބޭނުންވާ ހަކަތަ އުފައްދަނީވެސް މިރަށުގައި ބަހައްޓާފައިވާ ސޯލާ ޕެނަލް ތަކުންނެވެ. މާލެއިން ފުރައިގެން 40 މިނެޓުން ސްޕީޑް ލޯޗެއްގައި ދެވޭ މި ރިސޯޓަށް ދުވާލެއްގެ މައްޗަށް ބޭނުންވާ 600 މެގަ ވޮޓްގެ ކަރަންޓު މި ޕެނަލްތަކުން އުފައްދަ އެވެ.