ކެބިނެޓް

ވަޒީރުންގެ މަސައްކަތް ރަނގަޅު، އިތުބާރު އެބައޮތް: ސަރުކާރު

ހުރިހާ ވަޒީރުންގެ މަސައްކަތްތައްވެސް ރަނގަޅު ކަމަށާ ހުރިހާ ވަޒީރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު އެބައޮތް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ވަޒީރުންގެ މަސައްކަތްތަކާމެދު ސަރުކާރަށް އަދި ރައީސް ސޯލިހަށްވެސް ފުރިހަމަ ޔަގީންކަމާ އިތުބާރު އެބައޮތް ކަމަށެވެ. އަދި ވަޒީރުންގެ މަސައްކަތްތަކާމެދު ސަރުކާރުން ހިތްހަމަޖެހޭ ކަމަށް ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ހަމަ ފޮނުވާހާ އެއްޗަކަށް ނުވަތަ ހުށައަޅާހާ އެއްޗަކަށް އާންބަސް ބުނާނެ މަޖިލީހެއް ނޫން ކަމަށެވެ. އަދި ހަގީގީ ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި މިހާރު އޮތް މަޖިލީސް ހިނގަމުންދާތީ އެއީ ސަރުކާރުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"މަޖިލީހަކީ ރަބަރު ސްޓޭންޕް ޖަހާތަނެއް ނޫން އިނގޭތޯ. އެއީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް، މަޖިލިސް އަސްލު މަޖިލީސްގެ 'ފަންކްޝަން' އަދާކުރައްވާތީ. އެކަމަކު ވަޒީރުންނާމެދު 'ކޮންފިޑެންސް' ސަރުކާރުން ފުރިހަމަ އެބައޮތް، ރައީސްގެ ފުރިހަމަ 'ކޮންފިޑެންސް' އެބައޮތް ހުރިހާ ވަޒީރުންނާމެދު އަދި އެ ބޭފުޅުންގެ މަސައްކަތްތައްވެސް ރަނގަޅު." ހޫދު ވިދާޅުވިއެވެ.

ހުރިހާ ވަޒީރުންގެ މަސައްކަތްތައްވެސް ރަނގަޅު ކަމަށާ އެ ހުރިހާ ވަޒީރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު އެބައޮތް ކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެފައި ވަނިކޮށެވެ.

މިއީ ރައީސް ސޯލިހްގެ ވަޒީރެއް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރަކު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

މަޖިލީހަކީ ރަބަރު ސްޓޭންޕް ޖަހާތަނެއް ނޫން އިނގޭތޯ. އެއީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް، މަޖިލިސް އަސްލު މަޖިލީސްގެ 'ފަންކްޝަން' އަދާކުރައްވާތީ. އެކަމަކު ވަޒީރުންނާމެދު 'ކޮންފިޑެންސް' ސަރުކާރުން ފުރިހަމަ އެބައޮތް، ރައީސްގެ ފުރިހަމަ 'ކޮންފިޑެންސް' އެބައޮތް ހުރިހާ ވަޒީރުންނާމެދު އަދި އެ ބޭފުޅުންގެ މަސައްކަތްތައްވެސް ރަނގަޅު
އިބްރާހިމް ހޫދު | ރައީސް އޮފީހުގެ ތަރްޖަމާން

މެންބަރު އަހުމަދު ހަލީމް ވިދާޅުވީ އިސްލާމިކް މިނިސްޓަރު އޭނާގެ ޒިންމާ އަދާ ކުރަން ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވަން އޭނާ ގޮވާލައްވާ ކަމަށެވެ. މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު ކަމުން އިސްތިއުފާ ނުދޭ ކަމަށް ވަންޏާ މަޖިލިސް ހުޅުވުނީމަ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނަން، އަދި އަޅުގަނޑު އިސްކޮށް އެ މަސައްކަތުގައި ހަރަކާތްތެރިވާނަން." އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އޭނާ ނިންމެވީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ކުރާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރަށް އެކަށޭނެ ފިޔަޅުތައް ނޭޅޭތީ ކަމަށް އަހުމަދު ހަލީމް ވިދާޅުވި އެވެ. އަދި މަޖިލީހުން އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ނިމިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.