ހަބަރު

އެލާޓް މަތިކުރުމުން ޓޫރިޒަމަށް ކުރިއެރުން ލިބޭނެ: އަލީ ވަހީދު

ދުނިޔޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖޭގައި ރެއިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވެލް މަތި ކުރުމުގެ
ސަބަބުން ޓޫރިސްޒަމް ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ ހަތެއް ޖަހާއިރުން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަށް ވަނީ ބަދަލު ކޮށްފަ އެވެ. އެ ހާލަތަށް އެލާޓް މަތި ކުރަނީ ގައުމުގެ އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ. ނަމަވެސް ފަހުން ސިފައިން ބުނީ އެލާޓް ލެވަލް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެއީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅަން ނިންމީ ގައުމީ ދިފާއީ ބާރުތަކުގެ އިސްވެރިންގެ ގޮތުގައި ތިބި ބޭފުޅުންގެ ފަންނީ ލަފައާއެކު ސަރުކާރުގެ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަލީ ވިދާޅުވީ އެއީ ޓޫރިސްޓުންނާއި ރާއްޖޭގެ ރައްކަލަށްޓަކައި ދިފާއީ ބާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ މީހުން ވިސްނުމަށް ބަދަލު އަންނަމުންދާ ކަމަށާއި ރާއްޖޭގައި ސިޔާސަތު ކަނޑައަޅާއިރު އެ ވިސްނުންތަކާއި އެއް ގޮތަށް ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މާހައުލުގެ ގޮތުގައި ފަތުރުވެރިންނަށް އިހުސާސް ކުރެވެން ފެށުމުން ޓޫރިޒަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް، ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ތަނބު ކަމުގައިވާ ޓޫރިޒަމް ރައްކާތެރި ކުރުމަކީ އެއީ ލިބޭނެ ކުރިއެރުމެއް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ ޓޫރިޒަމަށް ޕްރޮޓެކްޝަނާއި ކުރިއެރުން ލިބޭނެ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މީގެ ކުރީގައި ސަރުކާރުތަކުން ކަންކަން ސިއްރު ކުރި ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ކަންކަން ހާމަކޮށްގެން ކުރިއަށް ދިއުން ކަމަށެވެ. އެ ގޮތުން މި ސަރުކާރުން ޓޫރިޒަމްގެ ވިޔަފާރިއަށް ކަމަށް ބުނެ ރައްޔިތުންނަށް ސިއްރުން އެއްވެސް ފަޅެއް ނޫނީ ރަށެއް ބަޔަކަށް ދޫކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.