ކުޅިވަރު

ނިލަންދޫ އިން ގްރީން ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގްގައި މިއަދު ކުލަބު ގްރީން ސްޓްރީޓްގެ މައްޗަށް 4-2 ން ފ. ނިލަންދޫ ސްޕޯޓްސް ކުލަބުން ކުރި ހޯދައިފި އެވެ.

ފުރަތަމަ ބުރުގައި، މި ދެ ޓީމު ކުޅުނު މެޗުގައި ގްރީން ސްޓްރީޓުން ނިލަންދޫގެ މައްޗަށް ކުރި ހޯދީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެ މެޗުގައި ހެޓްރިކް ހެދި އަލީ އަޝްފާގް (ދަގަނޑޭ) މިއަދު މެޗުގައި ނުހިމެނެ އެވެ.

ނިލަންދޫއަށް މެޗު ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ (ޓޮށީ) އެވެ. މެޗުގައި އޭނާ ދެ ލަނޑު ޖެހިއިރު ހެޓްރިކް ހަދަން އިތުރު ފުރުސަތުތައްވެސް ލިބިގެން ދިޔަ އެވެ.

ނިލަންދޫގެ ފުރަތަމަ ލަނޑު ޓޮށީ ކާމިޔާބު ކުރީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. ގްރީންގެ ފޯވަޑް އަހްމަދު ރަޝީދު (އަންމަޑޭ) މެޗުގެ 32 ވަނަ މިނެޓްގައި ލަނޑު ޖަހައި ގްރީން އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ނަތީޖާ ހަމަހަމަ ކޮށްލައިގެން ގުރީން އަށް އޮވެވުނީ ތިން މިނެޓްއިރު އެވެ. އަނެއްކާވެސް ފުރުސަތު ލިބިގެން ދިޔައީ ނިލަންދޫ އަށެވެ. އެ ޓީމަށް އަލުން ލީޑް ނަގައިދިން ލަނޑު އޮޑަކޫ ކިވިކީ ލޫކަސް ކާމިޔާބު ކުރީ 35 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމެން ފަސް ވަނަ މިނެޓަށް ވެފައި ވަނިކޮށް ލޫކަސް ވަނީ ނިލަންދޫއަށް ނަތީޖާގެ ފަރަގު ފުޅާ ކޮށްދީފަ އެވެ.

ދެ ވަނަ ހާފަށް ނުކުމެ، ގުރީން ވަނީ އެ ޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލުމަށް ގޭމް އަވަސްކޮށްގެން ކުޅެން މަސައްކަތްކޮށްފަ އެވެ. މެޗުގައި ގުރީންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އާރިފް (ބަކާ) ވަނީ ގުރީންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ގުރީން އަށް ތަނަވަސް ކުރެވުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ދެން އަނެއްކާވެސް ފައިދާ ނެގީ ނިލަންދޫއިންނެވެ. އެ ޓީމުން އަލުން ނަތީޖާގެ ފަރަގު ބޮޑު ކުރީ 77 ވަނަ މިނެޓްގައި ޓޮށީ ކާމިޔާބު ކުރި ލަނޑުންނެވެ.

ނިލަންދޫ ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ 13 ޕޮއިނޓް ހަމަ ކޮށް ތާވަލުގެ ހަތް ވަނަ އަށް ޖެހިލާފަ އެވެ. ކުރިން ހަތް ވަނައިގައި އޮތް ޔުނައިޓަޑް ވިކްޓަރީ ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ. ޔުނައިޓަޑް ވިކްޓަރީ މިރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.