ދިވެހި ޕްރެމިއާ ލީގް

އުނދަގޫ މޮޅަކުން އީގަލްސް އަލުން ދެ ވަނައަށް

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން އުނދަގުލުން ހޯދި މޮޅަކާ އެކު ކުލަބު އީގަލްސް އަލުން ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ށ. ފޯކައިދު އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން އީގަލްސްގެ ރޭހަށް ހުއްޓުމެއް އައެވެ. އެއީ އެ ޓީމު މި ސީޒަންގައި ވީ ފުރަތަމަ ބައްޔެވެ. މިރޭގެ މެޗުން މޮޅުވުމުގެ އިތުރަށް އީގަލްސް އަށް ދެ ވަނަ މަގާމަށް ދާން ފަހިވި އަނެއް ސަބަބަކީ، މިއަދު ފ. ނިލަންދޫ އަތުން ކުލަބު ގްރީން ސްޓްރީޓް ބަލި ވުމެވެ.

މެޗުގައި އީގަލްސްގެ ލަނޑު 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އިބްރާހިމް އިމްރާން (މެސީ) ފޮނުވާލި ބޯޅަ ގޯލް ދަނޑިއަށް އަމާޒުވުމުން ރީބައުންސަށް ނިކުތް ބޯޅަ ހޯދަން ޔޫވީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އޭނާގެ ކޮންޓްރޯލްގެ ދަށަކަށް ނައެވެ. އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ކުރިމަތީގައި ހުރި ހަންނަ އެވެ.

އެ ލަނޑު ޖެހުމުގެ ކުރިން،. އީގަލްސް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި އެވެ. ފުރުސަތުތައް ތަނަވަސް ކުރެވުނު ނަމަވެސް ލަނޑު ޖެހޭ ގޮތެއް ނުވި އެވެ. ޔުނައިޓަޑް ވިކްޓަރީން ވަނީ ބައިކޮޅަށް ލަނޑު ވަނުމާ ހަމައަށް ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅެން މަސައްކަތް ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ތަނަވަސް ތިން ފުރުސަތެއް އިގަލްސްއަށް ލިބިގެން ދިޔަ އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އަހްމަދު ރިޒްވާން (ރިޒޭ) ދިން ބޯޅަ ހިފައިގެން އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ވަން ނަމަވެސް އޭމާ އަށް އެ ބޯޅަ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ޖެހިގެން އައި މިނެޓްގައި ރިޒޭ އަށް ލިބުނު ރަނުގެ ފުރުސަތު ބޭކާރުވީ އޭނާ ފޮނުވާލި ބޯޅަ ޔޫވީގެ ގޯލް ކުރިމަތިން ހުރަސްކޮށް ބޯޅަ ބޭރަށް ދިއުމުންނެވެ.

އޭގެ ފަހުން ލިބުނު ހިލޭ ޖެހުން، ސެންޓޭ ފޮނުވާލުމުން އަމާޒުވީ ދަނޑި އަށެވެ. ރީބައުންސްވި ބޯޅަ ދެ ވަނަ ފަހަރަށް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ދެ ވަނަ ހާފުގައިވެސް ސެންޓޭ އާއި ރިޒޭ ކޮމްބިނޭޝަން ބޭނުން ކޮށްގެން ބޯޅަތަކެއް ތަނަވަސް ކުރި އެވެ. ލަނޑު ޖެހި ފަހުން ލީޑް ފުޅާ ކުރަން ރިޒޭއަށް ހުސް ފުރުސަތެއް ލިބިގެން ދިޔަ އެވެ. ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އިބްރާހިމް އިމްރާން (މެސީ)ގެ ބަދަލުގައި ކުޅެން ނުކުތް، އަރީން އަބްދުﷲ އިބްރާހިމް އަށްވެސް ރިޒޭ ތަނަވަސް ކޮށްދިން ބޯޅަ އޭނާ ހުހަށް ހުރެ ފޮނުވާލި ނަމަވެސް ގޯލައާ ސީދާވާ ގޮތެއް ނުވި އެވެ.

އީގަލްސް މެޗުން މޮޅުވެ، ތާވަލުގެ ދެ ވަނައަށް ޖެހިލި ނަމަވެސް، މާދަމާ ރޭ ޓީސީ އާއި މާޒިޔާ ކުޅޭ މެޗުން ޓީސީ މޮޅު ވެއްޖެ ނަމަ ޓީސީއަށް ދެ ވަނަ މަގާމު ލިބޭނެ އެވެ.