އަކެޝޭ ކްމާރު

ސަލްމާނާއި އަކްޝޭގެ ފޭނުން އަރާރުން ވަނީ!

ސަލްމާން ޚާންގެ "ދަބަންގް 3" ޑިސެމްބަރު، 20 ގައި ރިލީޒްކޮށް ހަފުތާ ބަންދު ނިމުނުއިރު 73 ކްރޯޑަށް ވުރެ ގިނައިން ވަނީ ހޯދާފަ އެވެ. މިއީ މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ތިން ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވިފައިވާ ފިލްމެކެވެ. މި ފިލްމުގެ ފަހަތުން ދެ ވަނައިގައި މިހާރު އޮތީ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" އެވެ. އެ ފިލްމަށް ފުރަތަމަ ތިން ދުވަސް ތެރޭ ލިބުނީ 70.67 ކްރޯޑެވެ. ތިން ވަނައިގައި އޮތީ އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އެވެ. އެ ފިލްމަށް ފުރަތަމަ ތިން ދުވަހު ލިބުނީ 67.39 ކްރޯޑެވެ. ނަމަވެސް މި އަދަދު ތަކަކީ އަކްޝޭގެ ފޭނުން ގަބޫލު ކުރަން ބޭނުންވާ އަދަދު ތަކެއް ނޫނެވެ.

"ދަބަންގް 3"ގެ ވީކްއެންޑް ކަލެކްޝަން ރިލީޒް ކުރުމާއެކު މި އަދަދުތަކަކީ ހަގީގީ އަދަދުތަކެއް ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ ކުރަން ފެށި އެވެ. ބެލެވޭ ގޮތުގައި ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަނީ އަކްޝޭގެ ފޭނުންނެވެ. ސަލްމާންގެ "ދަބަންގް 3" އަކްޝޭގެ ފިލްމަށް ވުރެ ކުރި ހޯދީމާ އެކަމާ އައި ރުޅިގައެވެ.

އަކްޝޭގެ ފޭނުން ބުނާ ގޮތުގައި ސަލްމާންގެ ފިލްމުގެ ބޮކްސް އޮފީސް ކަލެކްޝަން އަކީ ހަގީގަތެއް ނޫނެވެ. އެއީ ފޭކެކެވެ.
"ދަބަންގް 3"އަށް ފާޑުކިޔާ ޓުވީޓްކުރާ މީހުން ބުނަނީ ހޯމަ ދުވަހު ފިލްމަށް ލިބުނީ 11 ކްރޯޑު ކަމަށާއި ނަމަވެސް ލިބުނު ކަމަށް އިއުލާންކުރީ 15 ކްރޯޑު ކަމަށެވެ.

"މަރްދާނީ 2" އަށް ވުރެ ވެސް "ދަބަންގް 3"ގެ ކަލެކްޝަން ދަށް ކަމަށް ވެސް ބައެއް މީހުން ބުނަމުން ދިޔަ އެވެ.
އަކްޝޭގެ ފޭނުން "ދަބަންގް 3" އަށާއި ސަލްމާނަށް މަލާމާތްކޮށް އަޑުގަދަ ކުރަން ފެށުމުން ސަލްމާންގެ ފޭނުންނަކަށް މަޑަކުން ނުތިބެވުނެވެ. އެމީހުން ފެށީ އަކްޝޭގެ ސިޓިޒަންޝިޕް އާ ގުޅުވައިގެންނެވެ. އަކްޝޭގެ އަތުގައި އިންޑިއާ ޕާސްޕޯޓް ނޯންނަ ވާހަކަ އާއި ވާހަކަ ތަކެކެވެ. އަދި ރިޓަޔާ ވެގެން ދާނީ ޓޮރޮންޓޯއަށް ކަމަށް އަކްޝޭ ބުނި ކަމަށް ވެސް ސަލްމާންގެ ބައެއް ފޭނުންގެ ޓުވީޓްތަކުގައި ތުހުމަތު ކޮށްފައި ވެއެވެ.

އެހެން މީހަކު ވަނީ އަކްޝޭގެ އަލަށް ރިލީޒްވާ ފިލްމަށް 1000 ކްރޯޑު ލިބޭނެއޭ ކިޔައި މަލާމާތް ކޮށްފަ އެވެ.
އަކްޝޭގެ "ގުޑް ނިއުޒް" އަންނަ ހުކުރު ދުވަހު ރިލީޒްކުރުމުން އަނެއްކާވެސް ދެ އެކްޓަރުންގެ ފޭނުންތައް ސޯޝަލް މީޑިއާގައި އަޑުގަދަކުރާނެ ކަމަށް ބެލެވެ އެވެ.