ބޮލީވުޑް

ހަގު ބަތަލާއިންނާ އެކު ފިލްމު ކުޅޭތީ އަކްޝޭއަށް ފާޑު ކިޔަނީ!

އަކްޝޭ ކުމާރުގެ އަލަށް ރިލީޒްވާން ތައްޔާރު ވެފައިވާ ފިލްމު "ޕްރިތުވިރާޖް" ގެ ފުރަތަމަ ޓީޒާ ރިލީޒް ކުރުމާއެކު ގިނަ ބަޔެއްގެ މަލާމާތާއި ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އެ ފިލްމުގައި އަކްޝޭގެ ލޯބިވެރިޔާގެ ރޯލު ކުޅޭ ބަތަލާ އޭނާއަށްވުރެ މާ ހަގުވީމަ އެވެ.

ޔާޝް ރާޖް ފިލްމްސްގެ "ޕްރިތުވީރާޖް"ގެ ބަތަލާއަކީ މިސް ވޯލްޑް 2017 މާނޫޝީ ޝިލާ އެވެ. އަކްޝޭއަށް ވުރެ މާނޫޝީ 30 އަހަރު ހަގެވެ. އެހެން ގޮތަކަށް ބުނާނަމަ އަކްޝޭގެ ދަރިއެއްގެ ރޯލު ކުޅެން ވެސް މާނޫޝީ ރަނގަޅު ވާނެ އެވެ. އެހެންވެ ފުރަތަމަ އިޝްތިހާރާއެކު ސޯޝަލް މީޑިއާގައި ބަޔަކު ވަނީ މިކަމާ ގުޅުވައިގެން އަކްޝޭ އާ ވަރަށް ދިމާކޮށްފަ އެވެ.

ނަމަވެސް ފާޑު ކިޔުމަކީ މިހާރު ފިލްމީ ތަރިންނަށް މާ އާ ކަމަކަށް ނުވާނެ އެވެ. އެމީހުންނަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔެއްގެ ފާޑުކިޔުންތަކާ އަމާޒުވަމުން ދާތީ އެވެ. ނަމަވެސް އެމީހަކަށް ވުރެ އުމުރުން ހަގު ބަތަލާއިންނާއެކު ފިލްމު ކުޅޭ އެކްޓަރުންނަށް މަލާމާތް ކުރާނަމަ ހަމައެކަނި އަކްޝޭ ކުމާރަށް މަލާމާތް ކުރުމަކުން ނުފުދެ އެވެ.

"ޕްރިތުވީރާޖް" އޮފިޝަލް ޓީޒާ

ސަލްމާން ޚާނާއި ދިޝާ ޕަޓްނީގެ އުމުރުގައި ވެސް ހަމަ މާނޫޝީ އާއި އަކްޝޭގެ އުމުރުގައި ހުރި ވަރުގެ ތަފާތެއް އެބަހުއްޓެވެ. "ދޭ ދޭ ޕިޔާރް ދޭ" ގައި އަޖޭ ދޭވްގަން އާއެކު ހަރަކާތްތެރިވި ރަކުލް ޕްރީތު ސިންގް އާއި އަޖޭގެ އުމުރުގައި ވެސް ހަމަ އެހާ ފަރަގު އެބަހުއްޓެވެ. އަދި މިއީ ޒަމާނުއްސުރެ ބޮލީވުޑްގައި ކަން ހިނގަމުން އަންނަ ގޮތެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި އެމީހަކު ހިތަށް އެރިހާ އެއްޗެއް ގޮވޭތީ މީހުންނަށް މަލާމާތްކުރުމުގެ ފުރުސަތު ލިބެނީ އެވެ.

އަކްޝޭ ލޯބީގެ ރޯލުތައް ކުޅޭ ގިނަ ބަތަލާއިން އޭނާއަށް ވުރެ މާ ހަގެވެ. "އަތުރަންގީ ރޭ"ގައި އަކްޝޭގެ ބަތަލާ އަކީ ސާރާ އަލީ ޚާން އެވެ. އަކްޝޭގެ ފުރަތަމަ ފިލްމު "ސައުގަންދް" 1991 ގައި ރިލިޒްކުރިއިރު ސާރާ އުފަން ވެސް ނުވެ އެވެ. ސާރާ އުފަންވީ 1995 ގައެވެ. އަކްޝޭގެ "ލަކްޝްމީ" ކޯސްޓާ ކިއާރާ އަދުވާނީ އުފަންވީ 1992 ގައެވެ. މަނޫޝީ އުފަންވެފައިވަނީ 1997 ގައެވެ.

އަކްޝޭ ގޮތަށް ހަގު ބަތަލާއިންނާއެކު ފިލްމު ކުޅޭ އެކްޓަރުންނަށް މަލާމާތްކުރުމަށްވުރެ އެކަން ވާ ސަބަބު ހޯދުން މާ ރަނގަޅު ކަމަށް ފެނެ އެވެ.

މިހެން ދިމާވަނީ ބަތަލުންގެ ފިލްމީ ކެރިއަރު ބަތަލާއިންނަށް މާ ދިގުލާ ދާތީ އެވެ. މިސާލަކަށް ޝާހްރުކް ޚާނާއި ސަލްމާން ޚާން އަދި އާމިރު ޚާނުގެ ކެރިއަރުގެ ކުރީކޮޅު އެމީހުންނާއެކު ފިލްމު ކުޅުނު ބަތަލާއިން މިހާރު ފިލްމުތަކުގައި ލީޑް ރޯލުތަކެއް ނުކުޅެ އެވެ. ޖޫހީ ޗައުލާ، މާދުރީ ޑިކްޝިޓް، މަނީޝާ ކޮއިރާލާ ފަދަ ތަރިން މިހާރު ތިބީ ފާޑަކަށް ފިލްމުކުޅުމުން ރިޓަޔާ ވެގެންނެވެ. ނަމަވެސް އަދިވެސް ސަލްމާން މެން ޝާހްރުކް މެން ފިލްމުތަކުގައި ޒުވާން ފިރިހެނުންގެ ރޯލުތައް އެބަ ކުޅެ އެވެ. އެހެންކަމަށް ވާނަމަ އެމީހުންނާއެކު ފިލްމު ކުޅޭނީ އެ އިރެއްގައި ފިލްމުތަކުގައި މަސައްކަތްކުރާ ޒުވާން ބަތަލާއިންނެވެ.

ޓްރޯލްކުރާ މީހުން އެކަން އެ ކުރަނީ ކަމުގެ ހަގީގަތް ނޭނގި ކަމަށް ބެލެވެނީ އެހެންވެ އެވެ.