ހުސައިން ފިޔާޒު މޫސާ

އާރްޓީއައި އެވޯޑް ނޫސްވެރިންނަށް ދޭން ނިންމައިފި

މައުލޫމާތު ހޯދައި، ހާމަކުރާ ނޫސްވެރިންނަށް ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެވޯޑް ދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އިއުލާން ކުރައްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނާގެ އޮފީހުން އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ، ފިޔާޒް ވިދާޅުވީ މައުލޫމާތު ހާމަ ކުރަމުން ގެންދާ މުއައްސަސާތަކާއި މިނިސްޓްރީތަކަށް މީގެ ކުރިން "ރަންވަނަ" އެވޯޑު ދެމުން އަންނަ ކަމަށެވެ. ނަމަވެސް އަންނަ އަހަރު އާރްޓީއައި ފޯމް ބޭނުން ކޮށްގެން މައުލޫމާތު ހޯދައި ހާމަކުރާ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ވެސް އާރްޓީއައި އެވޯޑު ދޭން ނިންމާފައިވާ ކަމަށެވެ.

"ނޫސްވެރިންނަކީ މައުލޫމާތު ހޯދުމާއި ފެތުރުމުގެ މާއްދަ 29 ގެ މުހިންމު ބައިވެރިއެއް. އާރްޓީއައި އެވޯޑުގެ ގޮތުގައި އެންމެ ރަނގަޅު ނޫސްވެރިޔާ އަދި ނޫސް އިދާރާ ހޮވާނަން. އެއީ މައުލޫމާތު ހޯދައިދިނުމުގެ ގާނޫނުގައި ބުނާ ގޮތަށް މައުލޫމާތު ހޯދާ އެ ލިޔާ ނޫސްވެރިޔާއަށާއި ނޫސް އިދާރާއަށް ދޭ އެވޯޑެއް،" ކުރީގެ މަޝްހޫރު ނޫސްވެރިޔާ ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ އެވޯޑަށް ގާބިލު ފަރާތްތައް ބަލާނީ 2020 ގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މައުލޫމާތު ހާމަ ކުރުމުގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ސެޕްޓެމްބަރު 28 ގައި ބާއްވާ ޖަލްސާގެ ތެރެއިން އެވޯޑު ދޭނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ އާރްޓީއައި އެވޯޑު ނޫސްވެރިންގެ އިތުރުން ޖަމިއްޔާތަކަަށް ވެސް ދޭން ނިންމާފައިވާ ކަމަށެވެ.