ހަބަރު

ސްކޫލްގައި ޖަލްސާ ބާއްވަން ޕީޕީއެމަށް ހުއްދައެއް ނުދިން

ސްކޫލުތަކުގައި ސިޔާސީ ހަރަކާތް ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުދޭ ކަމަށް ބުނެ ޕީޕީއެމްގެ ޖަލްސާ ބާއްވަން ރެހެންދި ސްކޫލްގެ ހޯލް ނުދޭން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލަން ގޮވާލާ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހު ވަނީ ހުޅުމާލެ ރެހެންދި ސްކޫލު ހޯދަން އެ ސްކޫލުގައި އެދިފަ އެވެ.

އެކަމާ ގުޅިގެން ރެހެންދި ސްކޫލު ޕްރިންސިޕަލް ނާޒިމް އަބްދުﷲ ސޮއި ކުރައްވާ ޕީޕީއެމަށް ފޮނުވި ސިޓީގައި ވަނީ ސިޔިާސީ ހަރަކާތް ހިންގަން ސްކޫލުގެ ތަންތަނާއި ތަކެތި ދޫ ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ލަފާ ދީފައިވާ ކަމަށާއި އެހެން ކަމުން ޕީޕީއެމްގެ ހަރަކާތް ހިންގަން ސްކޫލުގެ ހޯލް ދެވެން ނެތް ކަމަށެވެ.

ނަމަވެސް މިދިޔަ އޯގަސްޓް މަސް ތެރޭގައި އެމްޑީޕީގެ ޔޫތު ކޮންގްރެސް ބާއްވަން ހުޅުމާލޭ ހުރަވީ ސްކޫލު ދޫކުރުމުގެ ހުއްދަ އެޑިއުކޭޝަނުން ދިނެވެ. އެމްޑީޕީއަށް އެ ހުއްދަ ދީފައި ވުމުން ޕީޕީއެމަށް ހުއްދަ ނުދެވޭ އުސޫލަކީ ކޮބައިތޯ ސުވާލު އުފައްދާ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

"އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެމްޑީޕީގެ ޔޫތު ކޮންގްރަސް ބާއްވަން ހުޅުމާލެ ހުރަވީ ސްކޫލު ދެއްވީ ކޮން އުސޫލަކުންތޯ؟ އެމްޑީޕީގެ އެޖެންޑާ 19 ބާއްވަން ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު ދެއްވީ ކޮން އުސޫލަކުންތޯ؟ ޕީޕީއެމްގެ ހަރަކާތްތަކަށް ރެހެންދި ސްކޫލު ނުދެއްވުމަކީ ލަދުވެތިކަަމެއް،" ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވި އެވެ.

ޕީޕީއެމްގެ ހަރަކާތްތަކާއި ޖަލްސާތައް ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަނީ މާލޭގެ ކާނިވާ ސަރަހައްދުގަ އެވެ. އެއީ ކުރިން އެންގުމަކާ ނުލާ މާލޭގައި އެފަދަ ހަރަކާތްތައް ބޭއްވޭ ހަމައެކަނި ތަނެވެ.