އިންފޮމޭޝަން ކޮމިޝަނާ

"ކާޕެޓް ޓްވީޓް ނުކުރެވުނު ނަމަ މާ ރަނގަޅުވީސް"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މޮރޮކޯގެ ބޮޑުވަޒީރު ހަދިޔާ ކުރެއްވި ކާޕެޓް މިނިސްޓަރު ގެއަށް ނުގެންދަވާ ކަން ސާފުކޮށް ދެއްވީ ވަކި ބޭފުޅަކު ދިފާއުކޮށް ދެއްވުމުގެ ނިޔަތުގައި ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުނު ނަމަ މާ ރަނގަޅުވީސް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލިބިވަޑއިގެންނެވި ކާޕެޓެއް ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލައެއް ހުށަހެޅި އެވެ. އޭސީސީން ވެސް އެ މައްސަލަ ބަލައިގަނެ ބަލަން ފެށި އެވެ.

އެ ކަން މީޑިއާއަށް ތިލަވެފައި ވަނިކޮށް ކޮމިޝަނަރު ފިޔާޒު ވަނީ ފޮރިން މިނިސްޓްރީއަށް ވަޑައިގެން މިނިސްޓްރީގައި ކާޕެޓް އޮތް ތަނުގައި ހުންނަވައިގެން ފޮޓޯއަކާއެކު ޓްވީޓް ކުރައްވައިފަ އެވެ. ވިދާޅުވެފައި ވަނީ މިނިސްޓަރު ޝާހިދު ގެއަށް ގެންދެވި ކަމަށް ތުހުމަތު ކުރެވުނު ކާޕެޓް މިިނިސްޓްރީގައި އޮތްތޯ ބެލިއިރު އެ ތަނުގެ ގުދަނުގައި އޮތް ކަމަށެވެ.

އެކަމާ ގުޅިގެން އެއީ ޝާހިދު ދިފާއު ކުރައްވަން ކޮމިޝަނާ ކުރެއްވި ކަމެއްތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު ކޮށްފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު އެ ކަމާ ގުޅޭ ގޮތުން މިއަދު ސުވާލު ކުރި އެވެ. އޭގެ ޖަވާބުގައި ފިޔާޒު ވިދާޅުވީ އެ ދުވަހު ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ މޮރޮކޯއިން ހަދިޔާ ކުރި ކާޕެޓް މިނިސްޓްރީގައި އޮތްތޯ ބައްލަވަން ނޫން ކަމަށެވެ. އެ ދުވަހު ވަޑައިގަތީ ދާއިރާ ކުރިއަރުވަން ބޭރުން ލިބިފައިވާ އެހީތަކަކާ ގުޅޭ މަޝްވަރާތަކަކަށް މާ ކުރިން ތާވަލު ކޮށްފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

"[އެކަމަކު]އަސްލު އަޅުގަނޑުގެ [ހަށިގަނޑުގައި] ވެސް ހިނގަނީ ނޫސްވެރިކަމުގެ [ލޭ] ކަމަށް ވާތީވެ އަޅުގަނޑު ވެސް އެ އޮތްތޯ ބަލާލާފައި، [މިނިސްޓްރީން] އެބަ އޮތޭ ބުނުމުން ސާފުކޮށްލައި ދިނީ. އެ ކަން އަޅުގަނޑު ކުރީ ވަކި މީހަކު ދިފާއު ކުރާކަށް ވަކި މީހެއްގެ މައްޗަށް ކުރާ ތުހުމަތެއްގެ ތަހުގީގަކަށް ހުރަސް އެޅުމުގެ ގޮތަކުއެއް ނޫން،" ކޮމިޝަނާ ވިދާޅުވި އެވެ.

ފިޔާޒުގެ ޓްވީޓާ ގުޅިގެން މީޑިއާގައި އެކަމަށް ފާޑުކިޔައި ރިޕޯޓްތައް އައި ކަމަށާއި ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރާއިރު ކޮމިޝަނަރުގެ އޮފީހަށް ހެދޭ ގޯސްތައް ފާހަގަކޮށް ނޫސްވެރިން ފާޑުކިޔަން ވާނެ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ދުވަހު އެ ކަން އެގޮތަށް ކުރެއްވުުމުގެ ބަދަލުގައި ނުކުރެއްވުނު ނަމަ މާ ރަނގަޅުވާނެ ކަމަށް މިހާރު ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަމަށް ސަމާލުވެ ވަޑައިގެން ހުންނަވާނެ ކަމަށެވެ.