ހަބަރު

ކޮންމެ ކައުންސިލަކަަށް ފާރަވެރިވާނެ މީހަކު ލަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންނަ އަހަރު، ރާއްޖޭގެ ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ހާއްސަ ކުރާނެ ކަމަށް، ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަނޑައަޅާފައިވާ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްވަމުން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ މައުލޫމާތު ހާމަ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާ، އަދި މި މަސައްކަތް އިތުރުކޮށް ފުޅާކޮށް، ދެން އަންނަ ކައުންސިލްތަކަށް ފާރަވެރިވާނެ މީހުން ކޮންމެ ކައުންސިލަކަށް އުފައްދަން ނިންމާފައިވާ ކަމަށެވެ. ރާއްޖެ ލާމަރުކަޒު ކުރި ނަމަވެސް ބައެއް ކައުންސިލަރުން ވަޑައިގަންނަވަނީ މަހަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމަށް ބޭނުން ވާނެ ހަރަކާތްތެރިން ހޯދުމުގެ ތަމްރީން ޕްރޮގްރާމެއް އަންނަ މަހު މި ފަށަނީ. މިއީ އެއް ގޮތަކުން ބުނާނަމަ އާރްޓީއައި އެކްޓިވިސްޓުން. މިހާތަނަށް 50 ބޭފުޅަކު ބައިވެރިވެއްޖެ. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށަކަށް މީގެ މީހަކު ހަމަޖެއްސުން. އޭރުން ކޮރަޕްޝަން ވަރަށް މަދު ވެގެން ދާނެ،" ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު އިތުރަށް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު އެ ކޮމިޝަނުން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ލިބިފައިވާ ކަމަށް ދައްކަނީ 701 ރިޕޯޓު ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ކޮމިޝަންގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 530 ރިޕޯޓެއް ހޯދާފައިވާނެ ކަމަަށާ، މިހާރު އެވްރެޖު ގޮތެއްގައި 19 ދުވަހުން މައްސަލައެއް ނިންމަމުންދާ ކަމަށެވެ.

"ގާތްގަނޑަކަށް ފަސް އަހަރުގެ ލިބުނު މައުލޫމާތުގެ ދެބައިކުޅަ އެއްބައި [530 މައްސަލަ] މިހާތަނަށް ލިބިއްޖެ. މީގެތެރެއިން ގިނަ މައުލޫމާތު ދައުލަތުގެ އިދާރާ ތަކުން ދޫކޮށްފި. ދައުލަތުގެ އިދާރާ ތަކުން ނުދީ ހުރީގެން ހުރީ މަދު މައްސަލައެއް،" ފިޔާޒު ވިދާޅުވި އެވެ.

ބަޖެޓު ބޮޑު ކުރަން އެދޭތީ މަޖިލީހުގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ފިޔާޒު ވިދާޅުވި ގޮތުގައި އަމިއްލަ އޮފީހެއްނަމަ ވަރަށް ހަރަދު ކުޑަކޮށް ހިންނުނީސް ކަމަށާ، ނަމަވެސް ދައުލަތުގެ ކޮމިޝަނަކަށް ވުމުން ހަރަދު ތަކެއް ހިންގާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރަށް އިންފޮމޭޝަން ކޮމިޝަނަށް ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ. އެ ކޮމިޝަނުން ވަނީ ހަރަދު ކުޑަ ކުރަން ގިނަ މިހާތަނަށް ފިޔަވަޅު ތަކެއް ވެސް އަޅާފަ އެވެ. މި ފިޔަވަޅުތަކާއެކު ކޮމިޝަންގެ އޮނިގަނޑަކަށް ބަދަލު ގެނެސް މުވައްޒަފުންގެ އަަދަދު 20 އިން 18 އަށް ވަނީ މަދުކޮށްފަ އެވެ.